ޚަބަރު އިޖުތިމާޢީ

އިސްލާމީ ޝަރީޢަތުގައި މަގުމަތިން ޤާނޫނު ތަންފީޒުކުރުން ހުއްދައެއް ނޫން: ޝަމީމް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޙުސައިން ޝަމީމް. ފޮޓޯ: މިހާރު

އިންސާފު ޤާއިމު ކުރުމުގެ ޒިންމާއަކީ ދައުލަތުން ޤާނޫނު ތަންފީޒުކުރާ މީހުންނާ މަތިކޮށްފައިވާ ޒިންމާއެއް ކަމަށާއި, އެ މީހަކަށް އިންސާފުކަމަށް ޤަބޫލުކުރެވޭ ކަމެއް އަމިއްލަ އަތުން ތަންފީޒުކުރުމަކީ ނުރައްކާތެރި, ޤާނޫނީ ގޮތުންނާއި ދީނީ ގޮތުން ބޮޑުވެގެންވާ މަނާކަމެއްކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

Ads by MWSC

ޝަމީމް އެހެން ވިދާޅުވީ ''އިސްލާމީ ޝަރީޢަތުގައި މަގުމަތިން ޤާނޫނު ތަންފީޒުކުރުން ހުއްދައެއް ނޫން'' މި ސުރުޚީގެ ދަށުން ލިޔުއްވައި ޢާންމުކުރެއްވި ލިޔުމެއްގައެވެ.

ޝަމީމް ވިދާޅުވީ ބަޔަކު މީހުން، ވަކި މިވެނި މީހަކީ ވަގެއްކަމަށް ބުނެ، އެ މީހަކަށް އަނިޔާކުރަން ގޮވާލައިފާނެ ކަމަށާއި, އޭނާއަކީ ވަގެއްތޯ ނުވަތަ ނޫންތޯ ބެލުން، އިސްލާމީ ދައުލަތެއްގައި އޮތީ ޤާނޫނީ ނިޒާމާ މަތިކޮށްފައި ކަމަށެވެ. އަދި އެކަން ހަމަޖެހިފައި އޮންނަ ގޮތަށް ނުބަލައި، ތުހުމަތުކުރެވޭ މީހާގައި ތަޅައި އަނިޔާ ކުރުމަކީ، ދީނީ ގޮތުން މަނާ ކަމެއްކަމަށް ޤުރްއާނުން ދަލީލު ލިބޭކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.

''ވަކި ކަމެއް ހިނގީ ވަކި ގޮތަކަށްކަން އެނގުނަސް ވެސް، އެކަމަކަށް އަދަބެއް ދެވޭނީ، ޤާނޫނީ ނިޒާމުގެ ތެރެއިން ބަލަންޖެހޭ ކަންކަން ބެލިގެންނެވެ. ކުށްކުރާ މީހުންނާމެދު ޢަމަލުކުރާނެ ގޮތް އޮތީ ޤާނޫނުގައި ލިޔެފައެވެ. ހައްޔަރުކުރާނެ ގޮތާއި، ހާލަތާއި، ހައްޔަރުގައި ބަހައްޓާނެ ގޮތާއި، ހާލަތާއި، ހެކި ހޯދާނެ ގޮތާއި، ހެކި ހުށަހަޅާނެ ގޮތާއި، ހެކި ވަޒަންކުރާނެ ގޮތާއި، މިހެން ގޮސް، މިކަމާގުޅޭ ހުރިހާ ވާހަކައެއް ޤާނޫނުގައި އެބައޮތެވެ.'' ލިޔުމުގައި ވެއެވެ.

ޝަމީމް ވިދާޅުވީ ޤާނޫނުގައި އޮތް ގޮތަށް ހެކި ނުލިބިއްޖެނަމަ، މީހަކު އަދި ކުށެއް ކުރިޔަސް ވެސް، ނިޒާމުގެ ތެރެއިން ފިޔަވަޅެއް ނޭޅޭނެ ކަމަށާއި, މި ކަންކަން މި ގޮތަށް އޮންނަނީ، އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ. އަދި ކުށް ކުރާމީހުންނަށް އަދަބު ދިނުމަށާއި، ކުށެއް ނުކުރާ މީހުންނަށް އަދަބެއް ނުލިބޭނޭކަން ކަށަވަރު ކުރުމަށް ކަމަށެވެ.

އެ ނިޒާމު ރަނގަޅު ނޫންނަމަ، ރައްޔިތުންގެ މަޖިލީހުން ޤާނޫނަށް ބަދަލު ގެންނަންވީ ކަމަށާއި, މަގުމަތިން، މި މައްސަލަ ހައްލުކުރުމަކީ ހުއްދަކުރެވިގެންވާނެ ކަމެއް ނޫންކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި އެއީ އެކަމުގެ ނުރައްކާތެރިކަން ބޮޑުކަމުންކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.

Ads by Ooredoo
  1. ތޮއިލާ

    ބުރޯ ޤާނުނުން އިންސާފު ނުލިބޭތީ އޭ އެހެން ވާންޖެހެނީ.
    ޤާނޫނުގަ އޮތް ގޮތަށްތޯ މި ޤައުމުގަ ކަންކަންވަނީ.
    އެހެންވީމަ ނިންމާނީ އަހަރުމެން ރައްޔިތުންގެ ކޯޓުން