ޚަބަރު ޝަރުޢީ ދާއިރާ

ޔޯގާ ހަމަނުޖެހުން: ދެ މީހަކު ބަންދުން ދޫކޮށްލަން ކުރި އަމުރު ހައިކޯޓުން ބާތިލުކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

މިދިޔަ ޖޫންމަހުގެ 21 ވަނަ ދުވަހު ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ކުރިއަށްދިޔަ ވަގުތު ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި ދެ މީހަކު ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި ދެ އަމުރު ހައިކޯޓުން ބާތިލުކޮށްފިއެވެ.

Ads by STELCO

ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި މއ.ކަނުހުރާގެ މުޙައްމަދު ޛިލްޔަން, 37, ބަންދުން ދޫކޮށްލީ މިދިޔަ މަހުގެ 20 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ. ފަސް ޝަރުތެއް ކުރުމަށްފަހު އޭނާ ބަންދުން ދޫކޮށްލީ 60 ދުވަސް ފަހުންނެވެ.

އަޙްމަދު އަކްސަމް, 25, ބަންދުން ދޫކޮށްލީ މިދިޔަ މަހުގެ 15 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ. އޭނާ ބަންދުން ދޫކޮށްލަން ނެރުނު ކޯޓު އަމުރުގައިވާ ގޮތުން އޭނާ ހައްޔަރުކުރީ ސިފަ ބަދަލުކޮށްގެން އުޅެނިކޮށެވެ. އަދި އޭނާ އުޅުނީ އޭނާގެ ފޯނު ވެސް ބަދަލުކޮށްގެންކަމަށް އަމުރުގައި ވެއެވެ.
އަކްސަމް ވެސް ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށްފަހުއެވެ.

އެ ދެ މީހުން ދޫކޮށްލަން ކުރި އަމުރު ބާތިލުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން މިއަދު ވަނީ މި މައްސަލައިގައި ޙުކުމްކޮށްފައެވެ.

އެ ކޯޯޓުން ކުރި ޙުކުމުގައި ބުނެފައިވަނީ އަކްސަމާއި, ޛިލްޔަން ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން ދަށުކޯޓުން ނެރުނު ދެ އަމުރަކީ ބާތިލު ދެ އަމުރުކަމަށް ކަނޑައަޅާ ކަމަށެވެ. އަދި އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ދަށުކޯޓަށް ހުށަހަޅައިފިނަމަ މި ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ކަންކަމުގެ އަލީގައި އެ މީހުންގެ ބަންދާމެދު ގޮތެއް ކަނޑައަޅަން އަންގާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!