ކުށްކުރުން އިތުރުވުމުން ހުށަހެޅި މައްސަލަ ބޭރުކޮށްފި
ރާއްޖޭގައި ކުުށްކުރުން ގިނަވެ އާންމު ރައްޔިތުން ބިރުވެރިކަމަކަށް ހުށަހެޅިފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިމައްސަލަ ހުށަހެޅުއްވީ އިދިކޮޅު ޕީއެންސީގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު އެވެ.
މައްސަލަ މަޖިލީހަށް ބަލައިގަތުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ހުޅުވާލުމުން 25 މެމްބަރުން ވަނީ މައްސަލަ ބަލައިގަތުމަށް ދެކޮޅަށް ވޯޓް ދެއްވާފަ އެވެ. ބަލައިގަތުމަށް ވޯޓު ދެއްވީ ހަތް މެމްބަރުންނެވެ.
ކުއްލި މައްސަލައިގައި ބުނެފައިވަނީ ރާއްޖޭގައި ކުށްކުރުން އިތުރުވެފައިވަނީ ދައުލަތުގެ އިދާރާތަކަށް ގާނޫނު ތަންފީޒު ނުކުރެވޭތީ ކަމަށެވެ. އެކަމާ ގުޅިގެން ގޮތް ނޭނގޭ މަރުތަކާއި މަސްތުވާތަކެތީގެ ވިޔަފާރި އާއި މާރަމާރީތަކާއި ޖިންސީ ގޯނާކުރުން ރާއްޖޭގައި އިތުރުވެފައިވާ ކަމަށްވެސް ތުހުމަތުކޮށްފައިވެ އެވެ. ކުށްވެރިން މިނިވަންކަމާ އެކު މުޖުތަމައުގައި އުޅެން ފުރުސަތު ލިބިފައިވާތީ ރާއްޖޭގެ ރަށްތައް ހަލާކުގެ ތެރެއަށް ވެއްޓެމުންދާ ކަމަށްވެސް ބުނެފައިވެ އެވެ.
ކުއްލި މައްސަލައިގައި އިތުރަށް ބުނެފައިވަނީ ކުށް ކުރާ މީހުންނަށް ގާނޫނު ނުހިނގާތީ ރައްޔިތުންގެ ކެތްތެރިކަން ކޮޅުން ލައި، ކުށް ކުރާ މީހުންނަށް އަނިޔާކޮށް ގަންހިންގުން ވެސް މިއަދު އާންމުވެފައިވާ ކަމަށެވެ. އެހެންވެ ގާނޫނުތައް ތަންފީޒު ކުރުން ހަރުދަނާ ކުރުމަށް ކުއްލި މައްސަލައިގައި ސަރުކާރަށް ގޮވާލާފައިވެ އެވެ.