ޚަބަރު ޝަރުޢީ ދާއިރާ

ފޭކު އެއްބަސްވުމެއް ހަދައިގެން އެޕާޓްމަންޓަށް ފައިސާ ނެގި މީހަކު 140,000 ރ. އިން ޖޫރިމަނާކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ފޮޓޯ: ފުލުހުން

ސައްހަނޫން އެއްބަސްވުމެއް ހަދައިގެން އެޕާޓްމަންޓެއް ކުއްޔަށްދޭނެކަމަށް ބުނެ އެއްފަހަރާ ގިނަ ޢަދަދެއްގެ ފައިސާ މީހުން އަތުން ނެގި މީހަކު ގާތްގަނޑަކަށް 140,000 ރުފިޔާއިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

Ads by Sosun Fihaara

ޅ.ނައިފަރު އަންބަރީގެ އިބްރާހިމް ނަޒީދު ވަނީ ހ.ސީޓްމާގޭގެ ހަތަރު ވަނަ ފަންގިފިލާގައި ހުރި 3 ކޮޓަރީގެ އެޕާޓްމަންޓެއް ދެ އަހަރަށް ކުއްޔަށް ހިފުމަށްފަހު, އޭނާ އެ އެޕާޓްމަންޓް ހިފީ 12 އަހަރަށްކަމަށް ދޭހަވާ ގޮތަށް އެ ތަނުގެ ވެރިމީހާގެ ނަމުގައި އެއްބަސްވުމެއް ހަދައިފައެވެ. އަދި އެ އެއްބަސްވުން ދައްކައިގެން އެ ތަން ކުއްޔަށް ދިނުމަށް މީހަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށް, އޭނާގެ އަތުން 456,000 ރުފިޔާ ޓަކައިގަނެފައެވެ.

ނަޒީދުގެ މައްޗަށް ޓެކުމުގެ ދަޢުވާކުރީ އެ މީހާއަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 266,000 ނަގައިދިނުމަށް އެދިއެވެ. އޭގެ އިތުރުން އޭނާގެ މައްޗަށް ކުރީ ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ކުށުގެ ދަޢުވާއެވެ.

ނަޒީދު ވަނީ އެ ދެ ދަޢުވާއަށް އިޢުތިރާފުވެފައެވެ.

އެ ގޮތުން ޓެކުމުގެ ދަޢުވާއަށް އިޢުތިރާފުވުމުން އަދަބުގެ ދަރަޖަ އެއް ދަރަޖަ ދަށްކޮށް ދެވެން އޮންނަ އަދަބަކީ 1 އަހަރާ 12 ދުވަހަށް ޖަލަށްލުމެވެ. ގާޒީ ނިންމެވީ އޭގެތެރެއިން 1 އަހަރުގެ އަދަބު ޖޫރިމަނާގެ އަދަބަކަށް ބަދަލުކޮށް, އޭނާ ޖަލުގައި ތަންފީޒުކުރަންޖެހޭނީ 12 ދުވަސްކަމަށް ކަނޑައެޅުމަށެވެ. އަދި 96,216 ރުފިޔާއިން ޖޫރިމަނާކޮށް, އެ ފައިސާ 1 އަހަރުތެރޭ މީރާއަށް ދެއްކުމަށެވެ.

އޭގެ އިތުރުން އޭނާގެ ކިބައިން ގެއްލުންވި މީހާއަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގައި 266,000 ރުފިޔާ 6 މަސްތެރޭގައި މީރާއަށް ދެއްކުމަށެވެ.

ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ކުށުގެ ދަޢުވާއަށް އިޢުތިރާފުވުމުން އަދަބުގެ ދަރަޖަ އެއް ދަރަޖަ ދަށްކޮށް ދެވެން އޮންނަ އަދަބަކީ 1 އަހަރާ 12 ދުވަހަށް ޖަލަށްލުމެވެ. ޓެކުމުގެ ކުށް ސާބިތުވުމުން މި ކުށުގެ އަދަބު ހަ މަހާއި ހަ ދުވަހަށް ބަދަލުކުރަން ނިންމަވައި, ޖަލުގައި ތަންފީޒުކުރަންޖެހޭނީ 6 ދުވަސްކަމަށް ކަނޑައެޅިއެވެ.

އަދި ހަ މަހުގެ ޖަލު އަދަބު, ޖޫރިމަނާއަށް ބަދަލުކޮށް ޖޫރިމަނާގެ ގޮތުގައި ކަނޑައެޅީ 48108 ރުފިޔާއެވެ. އަދި އެ ފައިސާ 6 މަސްތެރޭގައި މީރާއަށް ދެއްކުމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!