ޚަބަރު ޝަރުޢީ ދާއިރާ

ޝައިޚް ބަންދުކުރަން އެދި ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުން މިއަދު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޝައިޚް ފަޟްލޫން

ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރަން މިދިޔަ ޖޫންމަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ކުރިއަށްދިޔަ ވަގުތު ބަޔަކު އެ ތަނަށް ވަދެ ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ޝައިޚް ފަޟްލޫން މުޙައްމަދު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި ޢަމުރުގެ އިސްތިއުނާފުގެ ޝަރީޢަތުގެ ދެވަނަ އަޑުއެހުން މިއަދު ބާއްވަން ހައިކޯޓުން ތާވަލުކޮށްފިއެވެ.

Ads by Hajj Corporation

ހައިކޯޓުގައި މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބޭއްވީ މި މަހުގެ 15 ގައެވެ. ދެވަނަ އަޑުއެހުމެއް އޮންނާނީ މިއަދު 13:45 ގައެވެ.

''އަހަރެން ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލުކޮށް, މުއްދަތެއް ނެތް ގޮތަށް ބަންދުކުރުމަށް އެދި ދައުލަތުގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުން މިއަދު 13:45 ގައި. އެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުންގެ އިޚްލާސްތެރި ދުޢާއަށް އެދެން.'' ޝައިޚް ފަޟްލޫން މިއަދު  ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުން ޝައިޚް ފަޟްލޫން ދޫކޮށްލީ މާލެއިން އަދި ރާއްޖެއިން ބޭރަށްދާނަމަ ކޯޓަށް އެންގުމަށާއި, އެޑްރެހާއި ފޯނު ނަންބަރު ބަދަލުވެއްޖެނަމަ އެކަން ވެސް އެންގުމަށާއި, ފުުލުހުންގެ ތަޙްޤީޤަށް އެއްބާރުލުން ދިނުމަށް ވަނީ އަންގައި ޝަރުތުކޮށްފައެވެ.

ޝައިޚް ފަޟްލޫން ދޫކޮށްލި ފަހުން ދެތިން ފަހަރެއްގެ މަތިން ފުލުހަށް ވެސް ހާޒިރުކޮށްފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!