ޚަބަރު ޝަރުޢީ ދާއިރާ

އަންހެން ކުއްޖަކަށް ގަދަކަމުން ''ތެޔޮބިޑި'' ބޯންދިންކަމަށް ތުހުމަތުކުރެވިފައިވާ މީހަކު ދޫކޮށްލީ ގޯސްކޮށް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ޢުމުރުން 18 އަހަރުން ދަށުގެ އަންހެންކުއްޖަކަށް ގަދަކަމުން ''ތެޔޮބިޑި'' ބޯންދީގެން އެ ކުއްޖާއާ ބަދުއަޚްލާޤީ ޢަމަލު ހިންގިކަމަށް ތުހުމަތު ކުރެވޭ މީހަކު ޑްރަގް ކޭސްއެއްގައި ހައްޔަރުކޮށްފައި ހުއްޓާ ބަންދުން ދޫކޮށްލީ ގޯސްކޮށްކަމަށް ހައިކޯޓުން ނިންމައިފިއެވެ.

Ads by Hajj Corporation

ހޯރަފުށީގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެތަކެތި ބޭނުންކުރާކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން އެ ރަށު މިނާ, އަޙްމަދު އަފްރާހު ހައްޔަރުކުރީ މިދިޔަ ޖޫންމަހުގެ 16 ގައެވެ. ޝަރީޢަތް ނިމެންދެން އޭނާ ބަންދުކޮށްދިނުމަށް އެދި ހޯރަފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން އޭނާގެ ބަންދަށް ދިނީ 15 ދުވަހެވެ.

އެއަށްފަހު ދިއްދޫ މެޖިސްޓްރޭޓް ކޯޓުން އެތައް ފަހަރެއްގެ މަތިން އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރިއެވެ. އަދި 12 އޮގަސްޓުގައި ހޯރަފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން ބަންދަށް 20 ދުވަސް ދިނެވެ.

''މި މުއްދަތު ހަމަވާތީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އަޙްމަދު އަފްރާޙްގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ލިބިފައިވާތީއާއި, ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީއާއި, ހެކިބަސް ދޭން ތިބި މީހުންނަށް ނުފޫޒެއް ފޯރުވަފާނެތީ އަޙްމަދު އަފްރާޙް ޝަރީޢަތް ނިމެންދެން ބަންދުކޮށްދިނުމަށް އެދި ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން
(01 ސެޕްޓެމްބަރ 2022) ކޯޓު އަމުރުން އަޙްމަދު އަފްރާޙަށް ޝަރުޠުކޮށް ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައިވެއެވެ.''

ބަންދުން ދޫކޮށްލީ ބަންދުގައި އިތުރަށް ބަހައްޓަންޖެހޭ ސަބަބެއް ނެތްކަމަށް ބުނެއެވެ.

އެ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެ އަމުރު ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ.

ހައިކޯޓުން ކުރި ޙުކުމުގައި ބުނެފައިވަނީ އަފްރާޙް ބަންދުން ދޫކޮށްފައި ބެހެއްޓުމަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމެއް ކަމަށް ބެލެވެން އެބައޮތް ކަމަށެވެ.

''އަޙްމަދު އަފްރާޙްއަކީ މީގެ ކުރިން މަސްތުވާތަކެއްޗާއި, ބަނގުރަލުގެ އެތައް މައްސަލަތަކަކަށް ތުހުމަތު ކުރެވިފައިވާ ފަރާތެކެވެ. މީގެ އިތުރުން އަޙްމަދު އަފްރާޙް އާއި އިތުރު ދެ މީހަކު ބައިވެރިވެގެން 2011 އަދި 2012 ވަނަ އަހަރުގެ ތެރޭގައި ޢުމުރުން 18 އަހަރުން ދަށުގެ އަންހެން ކުއްޖަކާމެދު ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގަން އުޅުނު ކަމާއި, އަދި ހިންގިކަމަށް ތުހުމަތު ކުރެވޭ ފަރާތަކަށްވާއިރު، 2012 ވަނަ އަހަރުގެ ތެރޭގައި އެކަން ކުރިކަމަށް ތުހުމަތު ކޮށްފައިވަނީ، 18 އަހަރުން ދަށުގެ ކުއްޖާއަށް ގަދަކަމުން ތެޔޮބިޑި ބޯންދީގެންކަން ރެކޯޑު ކުރެވިފައި ވެއެވެ. ވީމާ ތުހުމަތު ކުރެވިފައިވާ މަސްތުވާތަކެތީގެ މައްސަލައާއި މީނާގެ ޢަމަލުތައް ބަހައްޓާ ގޮތާއި މުޖުތަމަޢުގެ ސަލަމާތަށް ހުރި ނުރައްކަލާ ގުޅުވާލެވޭ ގޮތް ސާފު ވެއެވެ.'' ޙުކުމުގައި ބުނެފައިވެއެވެ.

އެހެންކަމުން އަފްރާޙް ގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި އޭނާ ދޫކޮށްލައިފިނަމަ, މުޖުތަމައުގެ ސަމާލަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ސަބަބުތައް އެ ގޮތަށް އޮތްއިރު, އެފަދަ ސަބަބުތައް ނެތް ކަމަށް ފަނޑިޔާރަށް ބުރަވެވުނު ސަބަބު އެއްވެސް މިންވަރަކަށް ބަޔާންކުރުމެއްނެތި އޭނާ ބަންދުން ދޫކޮށްލުމަށް ނިންމި ނިންމުން ރަނގަޅު ނޫންކަމަށް ހައިކޯޓުން ބުންޏެވެ.

އެ ގޮތުން ހައިކޯޓުން ވަނީ ހޯރަފުށީ ކޯޓުގެ އަމުރަކީ ބާތިލު އަމުރެއް ކަމަށް ކަނޑައަޅައި, އަފްރާޙް ބަންދުގައި ބަހައްޓައިދިނުމަށް އެދި ހުށަހަޅައިފިނަމަ, ބަޔާންކުރެވުނު ކަންކަމުގެ އަލީގައި އަފްރާޙް ބަންދުގައި ބެހެއްޓުމާމެދު މި ދަޢުވާ ބަލާ ދަށު ކޯޓުން އަލުން ގޮތެއް ކަނޑައަޅަންޖެހޭނެކަމަށް ޙުކުމްކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!