ޕޮލިސް ސްޓޭޝަނަށް ވަދެ އަޑުގަދަކުރި މީހާ ދޫކޮށްލައިފި

މާފަންނު ޕޮލިސް ސްޓޭޝަނަށް ވަދެ އަޑުގަދަކޮށް އިންޒާރުދިން ކަމަށް ބުނެ ހައްޔަރުކުރި މީހާ ދޫކޮށްލައިފިއެވެ.
ޕޮލިސް ސްޓޭޝަނަށް ވަދެ އިންޒާރުދިނީ މާފަންނުގައި ހަރަކާތްތެރިވާ ގުރޫޕަކަށް ނިސްބަތްވާ މީހަކު ވައްކަންކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރުމުން ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ އެ ގުރޫޕަކީ ރާވައިގެން ކުށްކުރާ ގުރޫޕެއް ކަަމަށެވެ.
''ޖަމާއަތް ހަދައި ރާވައިގެން ކުށްކުރާ, މާފަންނުގައި ހަރަކާތްތެރިވާ ގުރޫޕަކަށް ނިސްބަތްވާ މީހަކު ވައްކަންކުރިކަމަށް ތުހުމަތަށް ހައްޔަރުކުރުމުން, އެ ގްރޫޕަށް ނިސްބަތްވާ މީހަކު މާފަންނު ސްޓޭޝަނަށް ވަދެފަވޭ. ކޮންސްޓަބަލްއަކަށް މަރުގެ އިންޒާރު ދީފަވާތީ އޭނާވެސް ވަނީ ހައްޔަރުކުރެވިފަ. އޭގެފަހުން އެސްޓޭޝަން ދޮށަށް އެއްވި އެ ގްރޫޕުގެ މީހުންނާމެދު ވެސް ފިޔަވަޅު އެޅޭނެ.'' ޙަމީދު ވިދާޅުވެފައި ވެއެވެ.
ފުލުހަކަށް އިންޒާރު ދިން މީހާގެ ބަންދުގެ މުއްދަތު ޖެހުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓެން ނެތްކަމަށް ކަނޑައަޅައި ވަނީ ދޫކޮށްލައިފައެވެ. އޭނާ ހައްޔަރުކުރީ ކޯޓު ޢަމުރެއްނެތި ކަމަށާއި, ކުށުގެ ވެށިން ނޫން ކަމަށާއި, މި މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވަނީ އިޖުރާޢަތްތަކާ ޚިލާފަށްކަމަށް ކޯޓު އަމުރުގައިވެއެވެ.
ޙަމީދު ވަނީ ޖަމާއަތް ހަދައި, ކުށްކުރުމާއި، އާންމު އިޖުތިމާއީ މިންގަނޑުތަކާއި ޚިލާފު އަމަލުތައް ހިންގައި, ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަ ގޮތަށް ހަރަކާތްތެރިވާ ގުރޫޕުތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށް ވެސް ވިދާޅުވެފައެވެ.