ޚަބަރު ރައްޔިތުންގެ މަޖިލިސް

ފަތުވާ މަޖިލިސް އެކުލަވައިލުމަށް ގޮވާލައި ކުއްލި މައްސަލައެއް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް އެކުލަވާލައި އެ މަޖިލީހުގެ ބޭނުން ހިފުމަށް ގޮވާލައްވައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

Ads by STELCO

ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ޤާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ޤާނޫނަށް 25 އޭޕްރީލް 2016 ގައި ޢަމަލުކުރަން ފެށުމާއެކުއެކު އުފެދުނު ފަތުވާ މަޖިލީހަކީ ރާއްޖޭގައި ދީނީ ގޮތުން ޚިޔާލު ތަފާތުވުން އުފެދޭ ކަންކަމުގައި ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ދީނީ ފަތުވާ ފޯރުކޮށްދިނުމަށާއި، ފިޤްހީ އައު މައްސަލަތަކުގެ ދިރާސާތައްކޮށް، އެކަންކަމާ ގުޅޭ ދީނީ ލަފާ ފޯރުކޮށްދިނުމަށްޓަކައި އުފެއްދި މަޖިލީހެކެެވެ.

އެ މަޖިލިސް އެކުލެވިގެންވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަށް އައްޔަންކުރައްވާ 05 މެންބަރުންގެ މައްޗަށެވެ. މި ވަގުތު ހުންނެވީ އެ މަޖިލީހުގެ ރައީސް ޝައިޚް ޑރ.މުޙައްމަދު ރަޝީދު އިބްރާހިމް އެކަންޏެވެ. ދެން ތިއްބެވި މެންބަރުންގެ ދައުރު ވަނީ ހަމަވެފައެވެ.

ޝަރީފް ވިދާޅުވީ ރާއްޖޭގައި ހަރުކަށި ފިކުރު އިތުރުވެ ދީނީ ގޮތުން ޚިލާފު އުފެދޭ ބޮޑެތި މައްސަލަތަކުގައި އަމަލުކުރަންވީ ގޮތް އޮޅި  އެކި މީހުން އެކި ފަތުވާ ނެރެމުންދާއިރު, އޭގެ ސަބަބުން މުޖުތަމަޢު ބައިބައިވެ އިޖުތިމާޢީ މައްސަލަތައް ކުރިމަތިވަމުންދާ ކަމަށެވެ. ނަމަވެސް ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ސަރުކާރުން އުފެއްދި މަޖިލީހުގެ ދައުރު ހަމަވެ, އެތައް ދުވަހެއް ފާއިތުވެފައިވާއިރު ވެސް އެ މަޖިލިސް އެކުލަވައިނުލާ ކަމަށާއި އެ މަޖިލީހުގެ ބޭނުން ކޯލިޝަނުން ނުހިފާކަމަށް ޝަރީފް ވިދާޅުވިއެވެ.

''ބަވަނަވެފައިވާ ދުނިޔޭގައި، ގުޅިލާމެހިފައިވާ ގޮތެއްގައި ދިރިއުޅެންޖެހިފައިވާ ދިވެހިންނަށް އެކި ގޮތް ގޮތުން ފޯރަމުންދާ ނުފޫޒުތަކުގެ ސަބަބުން ދިވެހިރާއްޖޭގައި ދީނީ ޚިލާފުތަކާއި ހަރުކަށި ފިކުރު އިތުރުވެ، ދީނީގޮތުން ޚިލާފު އުފެދޭ ބޮޑެތި މައްސަލަތަކުގައި އަމަލުކުރަންވީ ގޮތް އޮޅި، އެކި މީހުން އެކި ފަތުވާ ނެރުމުގެ ސަބަބުން ދިވެހިންގެ މެދުގައި ބައިބައިވުން އުފެދި، އިޖުތިމާޢީ މައްސަލަތައް އުފެދި، ޖިނާޢީ ކުށްތަކަށް އަރައިގަނެ، މީހުންގެ ލޭ ހުއްދަކޮށް، ނިރުބަވެރި ޢަމަލުތައް ހިންގައި، ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ކަންކަން ހިނގަމުންދާއިރު ވެސް، ޤާނޫނު ނަންބަރު 2016/6 ގައި ބަޔާންކުރާ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް އެކުލަވައި ނުލުމާއި އަދި އެ މަޖިލީހުގެ ބޭނުން ކޯލިޝަން ސަރުކާރުން ނުހިފާތީވެ...''

އެހެންކަމުން ޝަރީފް ސަރުކާރަށް ގޮވައިލެއްވީ އެ މަޖިލިސް އެކުލަވާލައި, ވީހާވެސް އަވަހަކަށް އެ މަޖިލިސް ހިންގޭނެ އިންތިޒާމުތައް ހަމަޖައްސައިދެއްވުމަށެވެ.

ނަމަވެސް ސަރުކާރުން އަންނަނީ ފަތުވާ މަޖިލީހުގެ ބަދަލުގައި ފިޤުހު އެކަޑަމީއެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުންނެވެ.

  1. ކޮންކަމަކަށް ފަތުވާއެއް ނުލިބިގެންތޯ ތިޔަ އުޅުއްވަނީ މަނިކުފާނު، އަޅެ ހާދަ މުހިންމު ކަމެއްގެ ފަތުވާ ތިހޯދަން އުޅުއްވަނީ !