ޚަބަރު އިޖުތިމާޢީ

ފަތުވާ މަޖިލިސް އެކުލަވައިލާކަށް މި ސަރުކާރަކުން ބޭނުމެއްނުވޭ: ޝައިޚް ޢަބްދުﷲ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޝައިޚް ޢަބްދުﷲ

''އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް" މި ސަރުކާރަކުން ބޭނުންނުވާނެކަން ހާމަވެފައިވާކަމަށް ޖަމްޢިއްޔަތުއްސަލަފްގެ ރައީސް ޢަބްދުﷲ ބިން ޖަނާބް މިއަދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ޤާނޫނަށް 25 އޭޕްރީލް 2016 ގައި ޢަމަލުކުރަން ފެށުމާއެކުއެކު އުފެދުނު ފަތުވާ މަޖިލިސް އެކުލެވިގެންވަނީ ފަސް މެންބަރުންގެ މައްޗަށެވެ.

ފަތުވާ މަޖިލީހުގައި މި ވަގުތު ހުންނެވީ އެ މަޖިލީހުގެ ރައީސް ޝައިޚް ޑރ.މުޙައްމަދު ރަޝީދު އިބްރާހިމް އެކަންޏެވެ. ދެން ތިއްބެވި މެންބަރުންގެ ދައުރު ވަނީ ހަމަވެފައެވެ.

ފަތުވާ މަޖިލީހަކީ ރާއްޖޭގައި ދީނީ ގޮތުން ޚިޔާލު ތަފާތުވުން އުފެދޭ ކަންކަމުގައި ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ދީނީ ފަތުވާ ފޯރުކޮށްދިނުމަށާއި، ފިޤްހީ އައު މައްސަލަތަކުގެ ދިރާސާތައްކޮށް، އެކަންކަމާ ގުޅޭ ދީނީ ލަފާ ފޯރުކޮށްދިނުމަށްޓަކައި އުފެއްދި މަޖިލީހެކެެވެ.

ފަތުވާ މަޖިލިސް އެކުލަވައިނުލާތީ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ.

ޝައިޚް ޢަބްދުﷲ މިއަދު ވިދާޅުވީ ފަތުވާ މަޖިލިސް އެކުލަވައިލުމަށް މި ސަރުކާރަކުން ބޭނުން ނުވާނެކަން މިއަދާ ހަމައަށް އައިއިރު ތަޖުރިބާއިން ހާމަވެފައިވާ ކަމަށެވެ.

''އެހެންނޫންނަމަ ދައުރު ނިމޭ ކޮޅަށް އެޅުނުއިރު ވެސް ތަފާތު ބަހަނާ ހަދައިގެން އެކުލަވާނުލައި ނުތިބެވުނީހެވެ. އިންތިޚާބުގެ އަނގަފުޅާވީމާ ދެން އުފައްދައިފާނެއެވެ.''

ފަތުވާ މަޖިލިސް އެކުލަވާލައި އެ މަޖިލީހުގެ ބޭނުން ހިފުމަށް ގޮވާލައްވައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވެސް ދާދިފަހުން ވަނީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފައެވެ. ނަމަވެސް އެއަކަށް ތަރުހީބެއް ނުލިބުނެވެ.
ސަރުކާރުން އަންނަނީ ފަތުވާ މަޖިލީހުގެ ބަދަލުގައި ފިޤުހު އެކަޑަމީއެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!