ޚަބަރު ސަރުކާރު

އެމްޑަބްލިއުއެސްސީން ވަކިކުރި އޮޑިޓް މެނޭޖަރަށް އަލުން ވަޒީފާދޭން އަމުރުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ދިވެހި ސަރުކާރުގެ ފެން ކުންފުނި، މާލޭ ވޯޓަރ އެންޑް ސުވަރެޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޑަބުލިޔޫ.އެސް.ސީ.) ގެކުރީގެ އޮޑިޓް މެނޭޖަރ އަލްފާޟިލް މޫސާ ނަސީމް ކުއްލިގޮތަކަށް 05 ނޮވެމްބަރ 2019 ގައި ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައި އޭނާއަށް އަލުން އެމަގާމު ދޭން ސިވިލް ކޯޓުން އަމުރު ކޮށްފިއެވެ.

Ads by STELCO

އޭނާ ވަޒީފާއިން ވަކިކުރީ ގޯސްކޮށްކަމަށް ކަނޑައަޅައި، ސިވިލް ކޯޓުން ނެރުނު ހުކުމުގައި ބުނެފައިވަނީ މޫސާ ނަސީމް ވަޒީފާއިން ވަކިކޮށްފައިވަނީ ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމާއިއަދި މުވައްޒަފުންގެ އަތްމަތީ ފޮތުގައި ބަޔާންކުރާ އުސޫލާ ހިލާފަށްކަން ސާބިތުވާކަމަށް ކަނޑައަޅައިފައިވާ ކަމަށެވެ.

އަދި މޫސާ ނަސީމް އެމްޑަބްލިއުއެސްސީ ގައި އަދާކުރަމުންދިޔަ ވަޒީފާ މިއަދުން ފެށިގެން 15 ދުވަހުގެ ތެރޭގައި އިއާދަކޮށްދިނުމަށާއި، މޫސާ ނަސީމަކީ ވަޒީފާއިން ވެކިވެފައިވާ މީހެއްކަމަށް ނުބެލުމަށެވެ. މީގެ އިތުރުން އޭނާ ވަޒީފާއިން ވަކިކޮށްފައިވާ މުއްދަތުގައި އެހެންތަނެއްގައި ވަޒިފާ އަދާކޮށްފައިވާތީ އެ ކުންފުނިން އޭނާއަށް ލިބެމުންދިޔަ މުސާރަ އުނި ކުރުމަށްފަހު، އޭނާ ވަޒިފާއިން ވަކިކުރި ތާރީހުން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތުގެ މުސާރަ އާއި އިނާޔަތްތައް ދިނުމަށްވެސް އެ ހުކުމުގައި ވަނީ އަންގައިފައެވެ.

މޫސާ ނަސީމް ވަޒީފާއިން ވަކި ކުރީ، އޭނާގެ މައްޗަށް ކުރަމުން އައި އިތުބާރާއި ޔަގީންކަން ގެއްލިފައިވާ ކަމަށްބުނެ، ކުންފުނީގެ އޮޑިޓް އެންޑް ރެމިއުނެރޭޝަން ކޮމިޓީން، އެ ކުންފުނީގެ ބޯޑަށް ހުށަހެޅި ރިޕޯޓަކާ ގުޅިގެންނެވެ.

މޫސާ ނަސީމަކީ 2010 ވަނަ އަހަރުން ފެށިގެން އެމްޑަބްލިއުއެސްސީގެ އޮޑިޓު މެނޭޖަރުގެ މަޤާމުގައި ހުންނެވި ބޭފުޅެކެވެ. އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ ފެން ކުންފުނީގައި ޚިދުމަތްކުރިތާ ނުވަ އަހަރު ވީއިރު ދުވަހަކުވެސް ކުންފުނީގެ ފަރާތުން އެއްވެސް ނަސޭޙަތެއް، އިންޒާރެއް ދީފައި ނުވާ ކަމަށެވެ. ހަމައެހެންމެ ހާޒިރީ، އަޚްލާޤީ ނުވަތަ ޕާރފޯމަންސްގެ ވެސް އެއްވެސް ކަހަލަ ނުރަނގަޅު ރެކޯޑެއް އެ މުއްދަތުގައި ނެތީސް، 5 ނޮވެމްބަރ 2019 ގައި ވަޒީފާއިން ވަކިކޮށްފައި ވަނީ ކުއްލި ގޮތަކަށް ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!