ވެލިދޫގައި ނުރައްކާތެރި މާރާމާރީއެއް, އައިޖީއެމްއެޗުގައި އެކަކަށް ފަރުވާދެނީ

ނ.ވެލިދޫ ދެ މީހެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި ޒުވާނަކު އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.
މި މާރާމާރީ ހިންގާފައިވަނީ އަންގާރަ ދުވަހުގެ ރޭ މެންދަމު 00:30 ހާއިރުއެވެ.
ފުލުހުން ބުނީ މާރާމާރީގައި 19 އަހަރުގެ ދިވެހި ފިރިހެނަކު ޒަޚަމްކޮށްލާފައިވާ ކަމަށެވެ. އަދި އެ މީހާއަށް ވެލިދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު, އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސްފައިވާ ކަމަށެވެ.
މި މައްސަލައިގައި 18 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.
މާރާމާރީ ހިންގި ދެ މީހުންނަކީ ކުރިން ވަރަށް ގާތް ދެ އެކުވެރިންކަމަށް މަޢުލޫމާތު ލިބެއެވެ.
އެނގިފައިވާ ގޮތުން 19 އަހަރުގެ ޒުވާނާގެ ބުރަކަށްޓަށް ވަޅިން ހަމަލާ ދިނުމުން އޭނާގެ އެއް ފައި ރަނގަޅަށް ހަރަކާތް ވެސް ނުކުރެއެވެ. އޭނާއަށް އިތުރު ފަރުވާދިނުމަށް މާލެ ގެނައީ އިއްޔެގައެވެ. ނަމަވެސް އޭނާގެ ހާލަތާ ބެހޭ ގޮތުން އައިޖީއެމްއެޗްގެ ބަހެއް އަދި ނުލިބެއެވެ.