ފިހާރައެއްގައި ރަލާއި, ޑްރަގުގެ ވިޔަފާރި ކުރަމުން ދަނިކޮށް ހައްޔަރުކުރި މީހާ ދޫކޮށްލައިފި
މާލޭ ފިހާރައެއްގައި ބަނގުރަލާއި މަސްތުވާތަކެތީގެ އެހެނިހެން ބާވަތްތައް ރައްކާކޮށްގެން ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ބަންދުން ދޫކޮށްލައިފިއެވެ.
މަސްތުވާތަކެއްޗާއި ބަނގުރާ ބޭނުންކޮށް އެ ތަކެތި ގެންގުޅެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މިދިޔަ އޮގަސްޓުމަހުގެ 30 ވަނަ ދުވަހު ހައްޔަރުކުރީ ޢުމުރުން 45 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނެފައިވާ ގޮތުން އޭނާގެ ފިހާރަ ބަލައި ފާސްކުރިއިރު 69 ފުޅި ބަނގުރާ ފެނިފައިވެއެވެ. އޭގެ އިތުރުން ބަނގުރާ ކަމަަށް ބެލެވޭ އެއްޗެއް ހުރި ދެ ފުޅިއާއި, މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި, ޕާޓީ ޑްރަގް ކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ފުރަތަމަ ދިނީ ފަސް ދުވަހެވެ. އޭގެފަހުން އިތުރުކުރި 30 ދުވަހުގެ މުއްދަތު އިއްޔެ ވަނީ ހަމަވެފައެވެ.
އިއްޔެ ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރުތުކުރުމަށްފަހު ބަންދުން ދޫކޮށްލައިފައެވެ.
ސަބަބެއްކަމަށް ކޯޓު އަމުރުގައި ބުނެފައިވަނީ, އޭނާގެ ބަލި ހާލަތާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ރިޢާޔަތް ކުރުމަށްފަހު އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ މަޝްވަރާގެ މަތިން އޭނާ ޝަރުތުކޮށް ދޫކޮށްލުމަށް ފުލުހުން ހުށަހަޅާފައިވާތީއާއި އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ބައެއް މާއްދާތަކަށް ރިޢާޔަތް ކުރާއިރު އޭނާ ބަންދުގައި ބެހެއްޓުމުގެ ޟަރޫރާތެއް އޮތްކަމަށް ނުފެންނަ ކަމަށެވެ.