ޚަބަރު ސަރުކާރު

މަސްވެރިންނަށް ވަޢުދުވި ޕްލެޓްފޯމުތަކާ ގުޅޭގޮތުން ސަރުކާރުން ދޭނެ ޖަވާބެއް ނެތް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

މަސްވެރިކަން ކުރެވޭ ސަރަހައްދުތައް ފާހަގަކޮށް މާކަނޑުގައި ޕްލެޓްފޯމުތަކެއް ގާއިމުކުރައްވާނެކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މަސްވެރިންނަށް ވެވަޑައިގެންނެވި ވަޢުދުފުޅާ ގުޅޭގޮތުން ސުވާލުކުރުމުން ސަރުކާރަށް ޖަވާބެއް ނުދެވުނެވެ.

Ads by STELCO

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ އެ ޕްލެޓްފޯމުތަކާ ގުޅޭ ގޮތުންނާއި, ގއ.ކޫއްޑުއާއި އެ އަތޮޅު ވިލިނގިލި ބުރިޖަކުން ގުޅައިލުމުގެ މަޝްރޫޢު ކުރިއަށްދާ ގޮތާބެހޭ ގޮތުން ސުވާލުކޮށްފައެވެ.

''ސީދާ އަޅުގަނޑު އޭގެ ތަފްސީލު ހޯދައިލާފަ... ފަހުން ތަފްސީލު ހޯދައިލާނަން އިނގޭތޯ. އަޅުގަނޑު ފަހުން މަޢުލޫމާތު އަރުވާނަން.'' އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވީ އެހެންނެވެ.

ރައީސް ޞާލިޙްގެ ތަރުޖަމާނަކަށް ހުންނެވި ބޭފުޅާއަށް ދެއްވެވުނީ އެއްވެސް އޮށްޓަރެއް ނެތް އުންމީދެއް ނެތް ޖަވާބެކެވެ. އެކަން ފާހަގަކޮށް ބައެއް ފަރާތްތަކުން ވަނީ މަސްވެރިންނަށް ވަޢުދުވި ޕްލެޓްފޯމުގެ މަސައްކަތް ކުރިޔަށް ދާކަމެއް ވެސް ނޭގުނު ކަމަށާއި, ވިލިނގިއްޔާއި ކޫއްޑޫއާ ދޭތެރޭ އަޅާ ބުރިޖުގެ މައުލޫމާތެއް ނުދެވުނުކަމަށް ބުނެ ފާޑުކިޔުން އަމާޒުކޮށްފައެވެ.

މާކަނޑުގައި ޕްލެޓްފޯމުތަކެއް ގާއިމުކުރައްވާނެކަމަށް ރައީސް ޞާލިޙް ވިދާޅުވެފައިވާތީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމު ވެސް ދާދިފަހުން ވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ.

''އަޅުގަނޑުމެން އަޑުއެހީ އަދި އުންމީދުކުރީ, ދެކޭހިތްވީ މަސްވެރިން މަސްވެރިކަމުގެ ބުރަ ދުވަހެއް ނިންމައިލާފައި އަނެއް ދުވަހު ހެނދުނު ނަމަވެސް މި ތިބެނީ ކަނޑުގަ އަޅާފައި އޮންނަ ޕްލެޓްފޯމްތަކެއްގައި. ކޮފީ ބޮވޭ, މަސާޖުކުރެވޭ, ބައިނަލްއަގުވާމީ ހުރިހާކަމެއް ކުރެވޭ އިންޓަނެޓު ބެލޭ, ބޭރުގަ ވިޔަފާރިތައް ކުރެވޭ, މަނީ މާކެޓުގެ އޮޕަރޭޝަންސްއަށް ވަދެވޭ. މިހެން ގޮސް ދުނިޔޭގަ ލެއްވި ހުރިހާ އުފަލެއް ދުނިޔޭގަ ލެއްވި ހުރިހާކަމެއް ކުރަން މަސްވެރިން މި ތިބެނީ ޕްލެޓްފޯމުގަ.'' ރިޔާސީ ކެންޑިޑޭޓްގެ ހައިސިއްޔަތުން ދ.ކުޑަހުވަދުއަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގައި ބޭއްވެވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

އިތުރަށް ފާޑުވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވީ ދިވެހި މަސްވެރިން ޕްލެޓްފޯމުތަކުގައި ތިއްބާ ފެނިގެން މި ދަނީ ލޭނު އަޅާލައިގެން އިންޑިއާ ބޯޓުފަހަރުން ވަގަށް މަސްގެންދާ ތަން ކަމަށެވެ.

''އެހެންވީމަ ވަޢުދު ފުދިއްޖެ ނޫންތޯ.'' ރައީސް ޔާމީން ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!