ޚަބަރު ސިޔާސީ

ނޫނު ދަތުރުފުޅު: ރައީސް ޔާމީން 6 ރަށަކަށް ވަޑައިގަންނަވާނެ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހަށް ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ނ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅުގެ ހަ ރަށަކަށް ވަޑައިގަންނަވާނެކަމަށް ޕީޕީއެމްއިން ބުނެފިއެވެ.

Ads by Hajj Corporation

ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރައީސް ޔާމީން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ކެނދިކުޅުދޫ, މަނަދޫ, ހޮޅުދޫ, ވެލިދޫ, މިލަދޫ އަދި މަގޫދުއަށް ކަމަށެވެ.

ހީނާ ވިދާޅުވި ގޮތުގައި މަގޫދޫ ކައުންސިލަށް އަންހެން މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަނުގައި އެ ޕާޓީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް އާމިނަތު ޔުމްނާ ޢަބްދުލްޣަނީގެ ކެމްޕެއިނުގެ ބައެއް ހަރަކާތްތަކުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެއެވެ.

ހީނާގެ ވާހަކައިގައި ވަނީ ރައީސް ޔާމީން ނ.އަތޮޅަށް ގެނެސްދެއްވި ތަރައްޤީގެ މައްޗަށް ވެސް އަލިއަޅުވައިލައްވައިފައެވެ.

އެ ގޮތުން ބަނދަރު ތަރައްޤީކުރުމާއި, ގިރާ ސަރަހައްދުތައް ހިމާޔަތް ކުރުމާއި, ފުޓްސަލް ދަނޑުތަކާއި, ޓާފް ދަނޑުތަކާއި, ކުނިކޮށިތައް ތަރައްޤީކުރުމާއި, ފެނާ ނަރުދަމާގެ މަޝްރޫޢުތައް ހިންގަވާފައިވާކަން ހީނާ ފާހަގަކުރެއްވިއެވެ.

''ނ.އަތޮޅުގަ އެ މަނިކުފާނު ކުރިއަށް ގެންދެވި އެންމެ މުހިންމު މަޝްރޫޢުއެއްގެ ގޮތުގަ އަޅުގަނޑު ފާހަގަކޮށްލާނީ ނ.މާފަރު އިންޓަނޭޝަނަލް އެއާޕޯޓް. އެ އެއާޕޯޓުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށާއި އަދި ޚާއްސަކޮށް ނ.އަތޮޅުގެ ރައްޔިތުންނަށް ގިނަގުނަ ފައިދާތަކެއް މިހާރު ވެސް ލިބެމުންދާކަން ފާހަގަކޮށްލަން.''

ރައީސް ޔާމީން ނ.އަތޮޅަށް ކުރައްވާ މި ދަތުރުފުޅަކީ ރިޔާސީ ކެންޑިޑޭޓްގެ ހައިސިއްޔަތުން ކުރައްވާ ތިންވަނަ ދަތުރުފުޅެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!