ޗާގޯސްގެ މައްޗަށް ދިވެހިރާއްޖޭގެ ސިޔާދަތީ ބާރު އޮތްކަމަށް އެއްވެސް އިރެއްގައި ދިވެހިރާއްޖެއިން ދައުވާއެއް ނުކުރޭ: މިއުވާން
ޗާގޯސްގެ މައްޗަށް ދިވެހިރާއްޖޭގެ ސިޔާދަތީ ބާރު އޮތްކަމަށް އެއްވެސް އިރެއްގައި ދިވެހިރާއްޖެއިން ދައުވާ ނުކުރާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ދެކުނުން އޮންނަ އޮތް ޗާގޯޒް އައިލެންޑްސް ނުވަތަ ފޯޅަވަހީގެ ކަނޑުގެ ސަރަހައްދާ ރާއްޖެއާއި ފުށޫއަރާކަމަށް ބުނެ ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް)އަށް ހުށައަޅާފައިވާ މައްސަލާގައި ރާއްޖޭގެ ވިސްނުން ބަދަލު ނުވާކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލައާ ގުޅިގެން މިއުވާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗާގޯސްގެ މައްޗަށް ދިވެހިރާއްޖޭގެ ސިޔާދަތީ ބާރު އޮތްކަމަށް އެއްވެސް އިރެއްގައި ދިވެހިރާއްޖެއިން ދައުވާ ނުކުރާ ކަމަށެވެ. އަދި “މިމައްސަލައިގެ އިތުރު ތަފްސީލް، މައްސަލައިގެ އަޑުއެހުންތައް މާދަމާ ނިމުމުން ބަންޑާރަ ނައިބުގެ އޮފީހުން ހާމަކުރައްވާނެ” ކަމަށް މިއުވާން ވިދާޅުވިއެވެ.
“ޗާގޮސްގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރާ ބެހޭ ގޮތުން އައިސީޖޭ އިން ނިންމާފައިވާ ނިންމުމަށް އދ ގައި ރާއްޖެއިން ތާއީދުކުރަން ނިންމި މައްސަލައާއި، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން އިޓްލޮސް ގައި ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލައެއް” މިއުވާން ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގެ ދެކުނުން، ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުގެ ބައެއް ޗާގޮސްގެ ސަރަހައްދަށް ވަންނަކަމަށް މޮރިޝަސްއިން ބުނާ މައްސަލައިގައި އިޓްލޮސްގައި ދިވެހިރާއްޖެއިން ނަގާފައިވާ ސްޓޭންޑް ބަދަލު ނުވާ ކަމަށްވެސް މިއުވާން ވިދާޅުވިއެވެެ.