ބަޖެޓް ކޮމިޓީގެ މުގައްރިރަކަށް މި ފަހަރު ވެސް ނާޝިޒް

އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ދައުލަތުގެ ބަޖެޓު ދިރާަސާ ކުރާ ކޮމިޓީގެ މުގައްރިރަކަށް މި ފަހަރު ވެސް ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް ހަމަޖައްސައިފިއެވެ.
ބަޖެޓު ދިރާަސާ ކުރާ ކޮމިޓީގެ މުގައްރިރަކަށް ނާޝިޒް ކަނޑައެޅުމަށް ފާސްކުރީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
ނައިބު މުގައްރިރަކަށް ހަމަޖެއްސީ އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ) އެވެ.
19 ވަނަ ރައްޔިތުން މަޖިލީހުގައި މިހާތަނަށް ބަޖެޓު ކޮމިޓީގެ މުގައްރިރުކަމާއި, ނައިބު މުގައްރިރުކަން ކުރެއްވީ އެ ދެ ބޭފުޅުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ އަންނަ އަހަރަށް ލަފާކުރާ 42.6 ބިލިއަން ރުފިޔާގެ ބަޖެޓު ހުށަހަޅުއްވައިފައެވެ. ބަޖެޓަށް ބަހުސް ކުރުން ނޮވެމްބަރު 08 ވަނަ ދުވަހު ފެށުމަށް ވަނީ ނިންމައިފައެވެ.