ޚަބަރު ރައްޔިތުންގެ މަޖިލިސް

ބަޖެޓު ފޫބައްދަން 5.8 ބިލިއަން ރުފިޔާ އިތުރަށް ހިމެނީ އިޖުރާއަތްތަކާ ޚިލާފަށް: ނަޝީދު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

މި އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓު ހުސްވާތީ އިތުރަށް 5.8 ބިލިއަން ރުފިޔާ ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި ހިމެނުމުން ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

Ads by MWSC

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ އަންނަ އަހަރަށް ލަފާކުރާ 42.6 ބިލިއަން ރުފިޔާގެ ބަޖެޓު ހުށަހަޅުއްވައިފައެވެ. ބަޖެޓު ހުށަހަޅުއްވަމުން އަމީރު ވިދާޅުވީ މި އަހަރުގެ ބަޖެޓު ފޫބެއްދުމަށް ސަޕްލިމެންޓްރީ ބަޖެޓެއް ބޭނުންވާ ކަމަށެވެ. މި އަހަރުގެ ބަޖެޓުގެ ގޮތުގައި ސަރުކާރުން ހުށަހެޅީ 36.9 ބިލިއަން ރުފިޔާ ނަމަވެސް, އަހަރު ނިމޭއިރު އެ ޢަދަދު 42.8 ބިލިއަނަށް އަރާނެކަމަށް ވަނީ އަންދާޒާކޮށްފައެވެ. އެހެންވެ އެކަން ފޫބެއްދުމަށް އިތުރު 5.8 ބިލިއަން ފާސްކުރަން ވަނީ ހުށަހަޅާފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ މި އަހަރަށް މަޖިލީހުން ފާސްކުރީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށެވެ. އަދި އަންނަ އަހަރަށް ލަފާކުރި ބަޖެޓުގައި މި އަހަރަށް އިތުރަށް ހިމެނި ފައިސާއާއެކު އެ ޢަދަދު 42.8 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

ނަޝީދު ވިދާޅުވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 96 ވަނަ މާއްދާގެ (ނ) ގައި, ރައްޔިތުންގެ މަޖިލީހުން ހުއްދަ ލިބިގެން މެނުވީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މިންވަރަށްވުރެ ޚަރަދު އިތުރުކޮށްގެން ނުވާނެކަމަށް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ދައުލަތުގެ މާލިއްޔަތު ޤާނޫނުގެ 32 ވަނަ މާއްދާގެ (ބ) ގައި, ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާއެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ނުވަތަ ސަޕްލިމެންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް އެދި ހުށަހަޅާނަމަ, އެ ޤާނޫނުގައި ބުނެވިދިޔަ މާއްދާގައި ދައުލަތުގެ ބަޖެޓު ތައްޔާރުކުރުމަށް ބަޔާންކޮށްފައިވާ ގޮތަށް ސަޕްލިމެންޓްރީ ބަޖެޓު ތައްޔާރުކޮށް އެ ފައިސާއެއް ނުވަތަ އެ ބަޖެޓެއް ބޭނުންވާ ދުވަހުގެ އެއްމަސް ދުވަހުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަން ވާނެކަމަށް ވެސް ބަޔާންކޮށްފައިވާ ކަމަށެވެ.

''އެހެންވީމާ 2022 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ދައުލަތުގެ ބަޖެޓުގެ މިންވަރަށްވުރެ 5.8 ބިލިއަން ރުފިޔާ އިތުރަށް ޚަރަދުވެދާނެކަމަށް މިނިސްޓްރީ އޮފް ފިނޭންސް ވިދާޅުވެ އެކަން 2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނުއްވާފައިވާއިރު އެ ބަޖެޓުގައި 2022 ވަނަ އަހަރަށް ބޭނުންވާ ސަޕްލިމަންޓްރީ ބަޖެޓެއް ހިމެނޭނެ ގޮތެއް އަޅުގަނޑަކަށެއް އަދިއެއް ނުފެނޭ.''

އަދި ކުރިއަށް ދެ މަސްތެރޭ 5.8 ބިލިއަން ރުފިޔާ އިތުރަށް ޚަރަދުކުރައްްވާނެކަމަށް އަންދާޒާއެއް ނުކުރެވޭ ކަމަށެވެ.

''އެހެންވީމާ މިހާތަނަށް އައިއިރު މަޖިލީހަށް ހުށަހަޅުއްވައި ފާސްކުރުމެއްނެތި އެ އިތުރުވާ މިންވަރުގެ ތެރެއިން ކިހާ މިންވަރެއް ޚަރަދުކުރައްވާފައިވާކަން ވެސް ސާފުވާކަށް ނެތް''

ނަޝީދު ވިދާޅުވީ މިއީ ބޮޑު މައްސަލައެއް ކަމަށާއި, މެންބަރުން ހަނދާނުގައި ބަހައްޓަންޖެހޭ ކަމެއް ކަމަށެވެ. އަދި މެންބަރުން އެދިވަޑައިގަންނަވާ ގޮތަކަށް ކަންކަން ހިނގަމުން ދިޔަ ނަމަވެސް ސަރުކާރުން ހުށަހަޅާ ބިލުތަކާއި ބަޖެޓުތައް ޤާނޫނީ އޮނިގަނޑުން ބޭރުވާނަމަ ދުވަހަކަށްވުރެ ދުވަހަކު އަތުން ކަންކަން ދޫވަމުންދާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ ''އެ ޚަރަދު ކުރުމުގައި ވަކި އިޖުރާއަތުތަކެއް ޤާނޫނުގައި ކަނޑައަޅާފައި ވަނިކޮށް މި ތަނުގައި ސަރުކާރަށް ތާއީދުކުރާ މެންބަރުން އިތުރުވީކަމަށް ވަޒީރު ބޭފުޅުން ދެކެވަޑައިގަންނަވާ ފަސޭހަ ގޮތަށް ކަންކަން ފިރުކައިލެއްވީމާ އަޅުގަނޑުމެންގެ ޑިމޮކްރަސީއަށް ވެސް ރައްޔިތުންގެ ގަދަރާއި ކަރާމާތާއި ހުރުމަތަށް ވެސް ލިބޭ އުނިކަމެއް'' ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!