ޓޫރިޒަމް މިނިސްޓްރީ ފެންނަނީ ހަމައެކަނި “ދުއްތުރާ” ކުރާ ތަނެއްގެ ގޮތުގަ: ޖާބިރު
ޓޫރިޒަމް މިނިސްޓްރީ ފެންނަނީ ހަމައެކަނި “ދުއްތުރާ” ކުރާ ތަނެއްގެ ގޮތުގަ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމަށް ސުވާލު ކުރައްވަން ހުޅުވާލި ފުރުސަތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ޖާބިރު ވަނީ މިނިސްޓްރީ އޮންނަން ޖެހެނީ ހަމަ އެކަނި ދުއްތުރާ ކުރާ މިނިސްޓްރީއެއްގެ ގޮތައިތޯ ސުވާލު ކުރައްވައިފައެވެ. މީގެ އިތުރުން “މިނިސްޓްރީއާ ނުވެސް ގުޅޭ. މިނިސްޓްރީން ލިބެން ޖެހޭ ކޯޕަރޭޝަން ވެސް ނުލިބޭ”ކަމަށް ޖާބިރު ވިދާޅުވިއެވެ.
ޖާބިރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ބައެއްފަހަރު އެންމެންވެސް ހަނދާނަށް ގެންނަނީ ހަމަ އެކަނި ދެތިން އަހަރު ކޮށްފައި ހުރި މަސައްކަތް ކަމަށެވެ. އޭގެ ކުރިން ކުރިން ކޮށްފައި ހުރި މަސައްކަތްތަކުގެ ވާހަކަ ނުދައްކާ ކަމަށާއި ވިޔަފާރިއަކީ ސަރުކާރުން ކުރާ އެއްޗެއް ނޫން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
“ޓޫރިޒަމް މިނިސްޓްރީއަކީ ފަހި ކުރާ މިނިސްޓްރީ. އަދިވެސް ބައެއް ތާށިތައް ހުރުން އެކަށީގެންވޭ. އަޅުގަނޑުމެންގެ ޓީމުން ކޮންމެ ދުވަހަކުވެސް މަސައްކަތް ކުރަނީ މާދަމާ ކޮން ހިދުމަތެއްތޯ ރައްޔިތުންނަށް ފަހިކޮށްދޭނީ” މިނިސްޓަރ ވިދާޅުވިއެވެ.