ޚަބަރު ސިޔާސީ

ސަޕްލިމެންޓަރީ ބަޖެޓަަށް އެދުނީ ޤާނޫނާ ހިލާފަކަށް ނޫން: ފިނޭންސް މިނިސްޓްރީ

ރައުފާ ރަޝީދު ، ދެން އޮންލައިން

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓާ އެކު މި އަހަރުގެ ބަޖެޓް ފޫބައްދަން 5.8 ބިލިއަން ރުފިޔާ ހިމަނާފައި ވަނީ ގާނޫނުއަސާސީ އާ ހިލާފަކަށް ނޫން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

Ads by Sosun Fihaara

އަންނަ އަހަރު ދައުލަތުން ހަރަދުވާނެ ކަމަށް އަންދާޒާކޮށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހަޅުއްވާފައިވަނީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ މި އަހަރަށް ފާސްކުރި ބަޖެޓަށް ވުރެ 5.8 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އަންނަ އަހަރުގެ ބަޖެޓުގައި މިއަހަރުގެ ބާކީ އޮތް މުއްދަތަށް އިތުރަށް ފައިސާ ބޭނުން ވެދާނެތީ ސަޕްލިމެންޓްރީ ބަޖެޓެއް ވަނީ ހިމަނާފައެވެ. ނަމަވެސް އެއީ ކިހާ އަދަދެއް ކަމެއް ނޭންގެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިހިނގާ 2022 ވަނަ އަހަރަށް މަޖިލީހުން ފާސްކޮށްދިން ބަޖެޓު ފޫބެއްދުމަށް އަންނަ 2023 ވަނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހެޅުއްވި، ބަޖެޓުގައި 5.8 ބިލިއަން ރުފިޔާ ހިމަނުއްވާފައިވަނީ ގާނޫނުތަކުގައި އެކަން ކުރުމަށް ކަނޑައަޅާފައިވާ އިޖުރާއަތްތަކާ ހިލާފަށް ކަމަށެވެ.

މިކަމާ ގުޅިގެން މިހާރު ނޫހަށް މަޢުލޫމާތި ދެއްވަމުން ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝިއަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ސަރުވަޝް ވިދާޅުވީ 2019 ވަނަ އަހަރު ވެސް ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. ނަމަވެސް “ އެ ފަހަރު މަޖިލީހުން ލަފާ ދެއްވީ ބަޖެޓަށް އިތުރު ކުރާ ފައިސާގެ ގޮތުގައި ހުށަހަޅަން” ކަމަށް ސަރުވާޝް ވިދާޅުވިއެވެ.

ސަރުވާޝް ވިދާޅުވީ ގާނޫނުގައި އޮންނަނީ އިތުރަށް ހަރަދު ކުރުމުގެ އެއް މަސް ކުރިން ފާސް ކުރަން ޖެހޭނެ ކަމަށާއި މި އަހަރަށް މަޖިލީހުން ފާސް ކުރި ބަޖެޓުން އަދި ހަރަދުވީ 31.9 ބިލިއަން ރުފިޔާ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!