ޢަރަބިއްޔާގެ ޕްރިންސިޕަލް ވަކިކުރި މައްސަލައިގައި ބެލެނިވެރިން މިއަދު ވެސް އިޙްތިޖާޖުކުރަނީ

ޢަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ޝުޖާއު އެ މަޤާމުން ވަކިކުރުމަށްފަހު ޢަރަބިއްޔާ ހިންގުން އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ޙުސައިން ސަޢީދާ ހަވާލުކުރެއްވި މައްސަލައިގައި މިއަދު ވެސް ބެލެނިވެރިން އިޙްތިޖާޖު ކުރަން ފަށައިފިއެވެ.
ޢަރަބިއްޔާގެ ބެލެނިވެރިން ޖަމާވެފައިވަނީ ވެލާނާގޭ ކައިރިއަށެވެ. އެ ތަނަށް ޖަމާވެފައިވާއިރު އެ މީހުން ތިބީ ޝުޢޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެންނެވެ.
މީގެ އިތުރުން ޢަރަބިއްޔާގެ މެނޭޖްމަންޓްގެ ބައެއް ބޭފުޅުން މި ވަގުތު ތިއްބެވީ ވެލާނާގޭގައި ހުންނަ އެޑިއުކޭޝަން މިނިސްޓްރީތެރޭގައެވެ.
''ދެން'' އަށް މަޢުލޫމާތު ދެމުން އެ ތަނުގައި ހުރި ބެލެނިވެރިއަކު ބުނީ، އެތަނަށް ވަޑައިގަތީ މިނިސްޓަރު ޑރ.ޢާއިޝަތު ޢަލީއާ ބައްދަލުކުރައްވައި ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ކަމަށެވެ. ނަމަވެސް މިނިސްޓަރު ބިޒީކޮށް އުޅުއްވާ ކަމަށް ރިސެޕްޝަނުން ވިދާޅުވި ކަމަށާއި އެހެންވެ އަދި ބައްދަލުވާ ގޮތް ނުވާ ކަމަށެވެ.
އޭނާ އިތުރަށް ބުނީ، ޕްރިންސިޕަލް ބަދަލުކުރުމުގައި ފޮރުވިފައިވާ ސިއްރުތަކެއްވާނެ ކަމަށެވެ. އަދި ޕްރިންސިޕަލް ބަދަލުކުރުން އެއް ގޮތަކަށް ވެސް ބަލައެއްނުގަނެވޭނެ ކަމަށް ވެސް ބުންޏެވެ.

މިއަދު އަރަބިއްޔާގެ ބެލެނިވެރިން ކުރަމުން އަންނަ މުޒާހަރާގެ ތެރެއިން_
''ސޭވް އަރަބިއްޔާ'' ގެ ނަމުގައި ހަދާފައިވާ ޓްވިޓާ އެކައުންޓަކުން ކުރި ޓްވީޓެއްގައިވަނީ ޝުޖާއު މަޤާމުން ވަކިކުރީ ބެލެނިވެރިން ކުރިއަށްގެންދާ ''ސޭވް އަރަބިއްޔާ'' ކެމްޕެއިން ހުއްޓުވަން އޭނާ މަސައްކަތް ނުކުރައްވާތީ ކަމަށެވެ.
ޕްރިންސިޕަލް ޝުޖާއު އިއްޔެ އެ މަޤާމުން ވަކިކުރުމަށްފަހު ބަދަލުކުރީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނަށެވެ.
ޝުޖާއު ވަކިކުރި މައްސަލައިގައި ޢަރަބިއްޔާގެ ބެެލެނިވެރިން ރޭ ވަނީ މުޒާހަރާ ވެސް ކޮށްފައެވެ. ބެލެނިވެރިން އެއްގޮތަކަށް ވެސް ސަޢީދާ ދޭތެރޭ ހިތްހަމައެއް ނުޖެހެއެވެ.