ޚަބަރު އިޖުތިމާޢީ

ޢަަރަބިއްޔާ ބެލެނިވެރިންގެ ޝަކުވާ: އާދޭސް އަޑުއަހަން އެޑިއުކޭޝަނަށް ވަގުތެއް ނެތް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޢަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން ކުރަމުން އަންނަ އިޙްތިޖާޖުގެ ތެރެެއިން--

ޢަރަބިއްޔާ ސްކޫލުގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ.ޢާއިޝަތު ޢަލީއާ ބައްދަލުކުރަން، ބެލެނިވެރިން އެ މިިނިސްޓްރީއަށް ހާޒިރުވެއްޖެއެވެ.

Ads by STELCO

ޢަރަބިއްޔާގެ ޕްރިންސިޕަލް މުޙައްމަދު ޝުޖާއު އެ މަޤާމުން ވަކިކުރުމަށްފަހު ޢަރަބިއްޔާ ހިންގުން އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ޙުސައިން ސަޢީދާ ހަވާލުކުރެއްވި މައްސަލައިގައި ކަންބޮޑުވުންތައް އިތުރުވެފައިވަނިކޮށް ބެލެނިވެރިންގެ ޓީމެއް އެޑިއުކޭޝަން މިިނިސްޓްރީއަށް ހާޒިރުވީ މިއަދު ހެނދުނުއެވެ ނަމަވެސް އަދިވެސް މިނިސްޓަރާ ބައްދަލުވާ ގޮތެއް ނުވެއެވެ.

''މިނިސްޓަރާ ބައްދަލުކުރަން އެދިފައިވާތާ ދެތިން ހަފުތާވެއްޖެ. އަދިވެސް ވިދާޅުވަނީ ވަގުތެއް ނެތް ކަމަށް'' ޢަރަބިއްޔާ ފެމިލީން ކުރި ޓްވީޓެއްގައި ބުނީ އަދިވެސް ވިދާޅުވަނީ ''މާ ބިޒީކަމަށް'' ކަމަށެވެ.

މީގެ އިތުރުން ޢަރަބިއްޔާގެ ބައެއް ބެލެނިވެރިން ވަނީ ރައީސް އޮފީހަށް ވެސް ވަދެފައެވެ. އެއީ ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވި ސިޓީގެ ޖަވާބު ހޯދުމަށެވެ.

ޢަރަބިއްޔާގެ ޕްރިންސިޕަލް މުޙައްމަދު ޝުޖާއު އެ މަޤާމުން ވަކިކުރީ ''ސޭވް އަރަބިއްޔާ'' ކެމްޕެއިން ހުއްޓުވަން އޭނާ މަސައްކަތް ނުކުރައްވާތީ ކަމަށް ބެލެނިވެރިން ގަބޫލުކުރެއެވެ. ޝުޖާއު ވަކިކުރި މައްސަލައިގައި ބެެލެނިވެރިން ރޭ ވަނީ މުޒާހަރާ ވެސް ކޮށްފައެވެ. މިއަދު ވެސް ވެލާނާގޭ ކައިރީ ދަނީ މުޒާހަރާ ކުރަމުންނެވެ.

ޢަރަބިއްޔާގެ ޢިމާރާތުގެ ތަނބުތަކުގައި ރެނދުލައި ގެއްލުންވަމުންދާތީ މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ދަރިވަރުންނަށް ކިޔަވައިދެމުން އަންނަނީ ކުރިން ފޮރިން މިނިސްޓްރީ ހިންގި ޢިމާރާތުގައެވެ. ނަމަވެސް އެ ތަނަކީ ދަރިވަރުންނަށް ކިޔަވައިދިނުމަށް އެކަށީގެންވާ ތަނެއް ނޫންކަމަށް ބުނެ އެ ސުކޫލުން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ.

ބާޖަމާލުއްދީނު ބިމުގައި ޢަރަބިއްޔާގެ އައު ޢިމާރާތް ހަދަން ސަރުކާރުން ނިންމާފައިވާއިރު އެޑިއުކޭޝަނުން ވިދާޅުވެފައިވާ ގޮތުގައި އަންނަ އަހަރު އެ ޢިމާރާތް ނިމޭނެއެވެ.

މިނިސްޓްރީން އެހެން ބުނިއިރު އަންނަ އަހަރަށް ލަފާކޮށް 42 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅިއިރު ޢަރަބިއްޔާގެ އައު ޢިމާރާތަށް ލޯ ލާރިއެއްހައި ހިސާބު ވެސް ހިމަނާފައެއް ނުވެއެވެ. އެކަމަށް ފާޑުކިޔުން އަމާޒުވުމުން މިނިސްޓަރު ވިދާޅުވީ ''އޮޅިގެންވީ ކަމެއް'' ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!