މިނިސްޓަރުން ރައްޔިތުންނާ ފަސޭހަކަމާއެކު ބައްދަލު ކުރެވޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭ: ރިޔާޒް

މި ސަރުކާރުގެ މިނިސްޓަރުން ރައްޔިތުންނާ ފަސޭހަކަމާއިއެކު ބައްދަލު ކުރެވޭނެ އިންތިޒާމް ހަމަޖެހެންޖެހޭ ކަމަށް އެމްއެންޕީގެ ނައިބު ރައީސް, ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲރިޔާޒް ވިދާޅުވެއްޖެއެވެ.
ރިޔާޒް މިހެން ވިދާޅުވީ އަރައްބިއްޔާ މައްސަލައިގައި އެޑިއުކޭޝަން މިނިސްޓަރ، އައިޝަތު އަލީއާ ބައްދަލުކުރެއްވުމަށް އެ ސްކޫލުގެ ބެލެނިވެރިން ތިބި މަންޒަރު ދައްކުވައިދޭ ފޮޓޯއެއް “ސޭވް އަރަބިއްޔާ"ގެ ނަމުގައި ހިންގަމުން އަންނަ ޓްވިޓަރ ހޭންޑަލްއަކުން ފެންމަތިކުރުމާ ގުޅިގެންނެވެ.
އެ ޕޯސްޓުގައި އެޑިއުކޭޝަން މިނިސްޓަރާ ބައްދަލު ކުރެއްވުމަށް އެދިފައިވާތާ މިހަރު ދެތިން ހަފްތާވެފައިވާ ކަމަށް ބުނެފައިވެއެެވެ. “އަދިވެސް ވިދާޅުވަނީ ވަގުތު ނެތް ކަމަށް. މާ ބިޒީ ކަމަށް” އެ ޕޯސްޓުގައި އިތުރަށް ބުނެފައިވެއެވެ.
މިކަމާ ގުޅިގެން ރިޔާޒު ވިދާޅުވީ ސަރުކާރުގެ މިނިސްޓަރުންނާއި އޮފިސްތަކުގެ ވެރިން ރައްޔިތުންނާ ފަސޭހަކަމާއެކު ބައްދަލު ކުރެވޭނެ އިންތިޒާމް ހަމަޖެހެންޖެހޭނެ ކަމަށް ދެކޭ ކަމަށެވެ.
އަރަބިއްޔާ ސްކޫލުގެ މައްސަލަ ހޫނުވެފައިވަނީ އެ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަބްދުއްރަޙީމް އެ މަޤާމުން ވަކިކުރުމާ ގުޅިގެންނެވެ.
ޢަރަބިއްޔާގެ ޕްރިންސިޕަލް މަގާމުން ވަކިކުރުމަކީ އެ ސްކޫލަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއްކަން ފާހަގަކޮށް ޝުޖާޢުގެ މަޤާމު އަނބުރާ އިއާދަކޮށްދިނުމަށް އަރަބިއްޔާގެ ބެލެނިވެރިން ދަނީ ގޮވައިލަމުންނެވެ.
މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ބުނީ، އެބަދަލު ގެނައީ އަރަބިއްޔާ ސްކޫލުގެ ކިޔެވުން އިތުރަށް ހަރުދަނާކޮށް ދަރިވަރުންނަށް އެންމެ ފަހި ގޮތަށް ކަންކަން ރާވައި އިންތިޒާމުކުރުމަށް އިދާރީ ގޮތުން ގެނެވުނު ބަދަލެއްގެ ގޮތުން ކަމަށެވެ.