ޚަބަރު ސަރުކާރު

ރައީސްގެ ދެކަނބަލުން ސްޓެލްކޯ ޗައިލްޑްކެއަރ ސެންޓަރަށް ޒިޔާރަތް ކުރައްވައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި, އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ސްޓެލްކޯގައި އަލަށް ހުޅުވާފައިވާ ސްޓެލްކޯ ޗައިލްޑްކެއަރ ސެންޓަރަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

Ads by Hajj Corporation

ސްޓެލްކޯ ޗައިލްޑްކެއަރ ސެންޓަރަށް ކުރެއްވި ޒިޔާރަތުގައި ރައީސްގެ ދެކަނބަލުން ވަނީ އެ ތަނުގައި ތިބި ކުދިންނާއެކު ވަގުތުކޮޅެއް ހޭދަކުރައްވައި އެ ތަން ބައްލަވާލައްވައިފައެވެ.

ސްޓެލްކޯ ޗައިލްޑްކެއަރ ސެންޓަރު ހުޅުވާފައި ވަނީ ސަރުކާރުން ރައްޔިތުންނަށް އިޖުތިމާޢީ ހަމަޖެހުން ގެނެސްދިނުމަށާއި، އަންހެނުން ބާރުވެރި ކުރުވުމަށާއި، ދުޅަހެޔޮ ޢާއިލާއެއް ބިނާކުރުމަށް ބާރުއެޅުމުގެ ސިޔާސަތުގެ ދަށުންނެވެ.

ސްޓެލްކޯގެ މުވައްޒަފުން އޮފީހުގައި އުޅޭ ވަގުތުތަކުގައި އެ މުވައްޒަފުންގެ ދަރިން ބެލޭނެ ފަސޭހަގޮތެއް ފަހިކޮށްދިނުމުގެ މަގުސަދުގައި ހުޅުވި އެ ސެންޓަރު ގާއިމުކޮށްފައި ވަނީ ސްޓެލްކޯގެ މައި މަރުކަޒުގެ ފުރަތަމަ ފަންގިފިލާގައެވެ.

ޢުމުރުން 5 އަހަރާއި 10 އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެން ހިންގާ މި ސެންޓަރު ހުޅުވާނީ ރަސްމީ ދުވަސް ދުވަހު ހެނދުނު 8:15 އިން ފެށިގެން ހަވީރު 16:00 އަށެވެ.

މިހާރު ވެސް 33 ކުދިން ވަނީ ރަޖިސްޓްރީކޮށްފައިވާ މި ސެންޓަރުގައި ޚިދުމަތް ދޭ ފަރާތްތަކަކީ ކަމާގުޅޭ ޚާއްސަ ތަމްރީންތައް ލިބިފައިވާ ޤާބިލު ފަރާތްތަކެކެވެ.

މި ސެންޓަރު ފަރުމާކޮށްފައި ވަނީ ކުދިންނާ ރަށްޓެހި ރައްކާތެރި މާހައުލެއްގައި އެ ކުދިންގެ ވަގުތު ހޭދަކުރެވޭނެ ގޮތަކަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!