ޚަބަރު ރައްޔިތުންގެ މަޖިލިސް

ޤައުމު ފުނޑުނަސް ރައްޔިތުން ފަނާވިޔަސް ހެޔޮ, އިންތިޚާބުން މޮޅުވެވެނިކޮށް ނިމުނީ: އާޒިމް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ޤައުމު ފުނޑުނަސް ރައްޔިތުން ފަނާވިޔަސް ހެޔޮ ކަމަށާއި އިންތިޚާބުން މޮޅުވެވެނިކޮށް ނިމުނީކަމަށް ވިދާޅުވެ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

Ads by STELCO

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ހޮރައިޒަން ފިޝަރީޒް ކުންފުނިން ލ.މާންދޫގައި ހިންގާ މަސް ކާރުޚާނާއަށް ކިރުވި މަހަށް ދޭންޖެހޭ ފައިސާ ހޯދައިދިނުމަށް ގޮވާލައްވައި ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިޝާމް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.

ވިޝާމް މި މައްސަލަ ހުށަހެޅުއްވީ ހޮރައިޒަނުން މަސްވެރިންނަށް ދޭންޖެހޭ 21 މިލިޔަން ރުފިޔާ ނުދީ ގިނަ ދުވަސްތަކެއް ވެފައިވާތީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ލ.އަތޮޅާއި ތ.އަތޮޅުގެ މަސްވެރިން މާންދޫގައި މުޒާހަރާ ކުރަމުންދާތީއެވެ.

އާޒިމް ވިދާޅުވީ މިއަދު މިކަން ދިމާވެފައި މި އޮތީ ޕްރައިވެޓް ކުންފުންޏަކާ ކަމަށާއި ނަމަވެސް މާދަން މިކަން ދިމާވާނީ ސަރުކާރު ކުންފުންޏަކަށް ކަމަށެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވެސް ރައްޔިތުންނަށް ދަރާފައިވާ ކަމަށާއި ނަމަވެސް އެ މީހުން އެ ކެތްކުރަނީ ސަރުކާރު ހިއްސާވާ ކުންފުންޏަކާ ދެކޮޅަށް މިއަދު ނިކުތުމުން ދިމާވެދާނެ ދަތި އުނދަގޫ ވިސްނޭތީ ކަމަށް އާޒިމް ވިދާޅުވިއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ގިނަ ކުންފުނިތައް ހިންގަމުންދަނީ ގެއްލުމުގައިކަން ފާހަގަކުރައްވައި، އޭނާ ވަނީ ހުރިހާ ކުންފުނިތައް ބަނގުރޫޓުވަމުންދާ ކަމަށް ވެސް ވިދާޅުވެފައެވެ.

ރައްޔިތުން އަތުން އަނެއްކާ ވެސް ޓެކްސް ފައިސާ ނަގައިގެން އަނެއްކާ ވެސް އިންޖެކްޓް ކޮށްގެން އަނެއްކާ ވެސް [ކުންފުނިތައް] ދިރި ބޭއްވޭތޯ މަސައްކަތް އެ ކުރަނީ.

އާޒިމް ވިދާޅުވި ގޮތުގައި ޤައުމުގެ މިސްރާބު މިހާރު މިހުރީ ނުބައި ދިމާއަކަށެވެ. އެ ގޮތުން އިގުތިސާދު އެއް ދުވަހުން އަނެއް ދުވަހަށް ހަލާކުވަމުންދާއިރު ކުރިމަތިން ފެންނަނީ ބަނަ ދުވަސްތަކެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

ޤައުމު ފުނޑުނަސް ހެޔޮ ރައްޔިތުން ފަނާވެގެންދިޔަސް ހެޔޮ އިންތިޚާބުން މޮޅުވެވެނިކޮށް ނިމުނީ. ކައުންސިލަކާ ދިމާވާއިރަށް އާނ ތިކަން ކޮށްލާނަމޭ ވިދާޅުވުމަކީ ޒިންމާދާރު ވެރިކަމެއް ނޫން. ޒިންމާދާރު ވެރިކަމަކީ ޙަޤީޤަތް ބުނުން. ރައްޔިތުން ކައިރީގަ އަސްލު އޮތް ގޮތް ބުނުން. ތިމަންނާމެން އަތުގަ މިވެނި ކަމެއް ކުރާކަށް ފައިސާއެއް ނެތޭ ބުނުން. އެއީ ރަނގަޅު ވެރިކަން ކުރުމަކީ.

އޭނާ އިތުރަށް ވިދާޅުވީ މިއަދު ފެންނަނީ ދިމާ އިދިކޮޅަށް ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!