ވާހަކަ

މަގޭ ހާލު ބުނެދެން މިތުރާއޭ... (ދެވަނަ ބައި)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
މަގޭ ހާލު ބުނެދެން މިތުރާއޭ... (ޓްރެއިލާރ) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެއްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ދެވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތިންވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތަރުވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނުވަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ދިހަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެގާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ބާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތޭރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސާދަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަނަރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސޯޅަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސަތާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނަވާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ވިހިވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެކާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ބާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތޭވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސައުވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަންސަވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސައްބީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނަވާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަހުބައި)

"މެހެރީން... މެހެރް.." އޭނާގެ އަޑު ނީވޭހައި ދުރަށް ޖުމާނާ އާއި މެހެރީން ދިއުމުން އިސްޖަހައިލި އާރިޒްއަށް ބުނެވުނެވެ. އަމިއްލަ އިޚުތިޔާރުން ބޭރުގައި ނަމަވެސް އެނަން ދުލުން ކިޔައިލެވުމުން އޭނާގެ ހިތަށް ކުރުވީ ފޮނިމީރު އިހުސާސެކެވެ. ލުއި ހުނުމެއް އަނގައިން ބޭރުވުމާއެކު ބޮލުގެ ފުއްކިބައިގައި އޭނާއަށް އަތްހިންގައިލެވުނެވެ.

Ads by STELCO

އިރުއޮއްސެމުންދިޔަ މަންޒަރަށް ބަލަން އިންއިރު އާރިޒްގެ ސިކުނޑީގައިވީ މެހެރީންގެ ޚިޔާލުތަކެވެ. ކުރެވެމުންދިޔަ އައު އިހުސާސުތަކާ މެދުގައި އޭނާ ވިސްނުން ހިންގަމުން ދިޔައެވެ. މެހެރީން އޭނާއަށް ޚާއްސަވީ އެއްވެސް ސަބަބެއް ނެތިއެއްނޫންކަން ގައިމެވެ. އެއަންހެންކުއްޖާގެ ސާދާކަން އާރިޒްއަށް ނުހަނު ކަމުގޮސްފިއެވެ. އިތުރުކަމަކާ ވިސްނަންވެސް އޭނާގެ ހިތާއި ނަފުސު ނޭދޭ ފަދައެވެ. ޚިޔާލުތަކުގެ ކަނޑުގައި ފީނަމުން ދިޔައިރު އިރުއިރުކޮޅުން އާރިޒްގެ ތުންފަތަށް މާނަފުން ހިނިތުންވުމެއް ވެރިވެއެވެ. އެހެންވާންވީ ސަބަބު ނުވިސްނުނަސް މެހެރީންއާ މެދުގައި އޭނާ ނުހަނު ޝައުޤުވެރިވެއްޖެކަން އާރިޒްއަށް ގަބޫލުކުރެވުނެވެ. އިތުރަށް އެއަންހެންކުއްޖާއާ ބެހޭގޮތުން އެނގެން އޭނާ ބޭނުންވެއެވެ. ސިކުނޑި ގައިދުކުރަމުންދިޔަ ޚިޔާލުތަކުން އާރިޒްއަށް ދެފަރާތަށް ބޯހޫރައިލެވުނެވެ. ހިސާބެއްގެ ހާސްކަމެއް އަނެއްކާވެސް ނަފުސަށް ވެރިވީ މެހެރީނަކީ ކުޑަ ދުވަސްކޮޅަކަށް އެރަށަށް އައިސްހުރި މެހެމާނެއްކަން ވިސްނުމުންނެވެ. ހަފުތާއެއް ތެރޭގައި އޭނާ ފުރަން ހަމަޖެހިފައި އޮއްއިރު އުއްމީދުކުރާފަދަ ގާތްކަމެއް އެދެމެދުގައި އުފެދިދާނެކަމާއި މެދުގައި އާރިޒްއަށް ޝައްކެވެ. އިސްތަށިގަނޑުގައި އަތްހިންގައިލަމުން އޮއްސެމުންދިޔަ އިރަށް އޭނާއަށް ނަޒަރުހުއްޓައިލެވުނެވެ. ޤުދުރަތުގެ ފުރިހަމަ އެމަންޒަރުން ކުޑަ ނަމަވެސް ހަމަޖެހުމެއް ހިތަށް ލިބުމަށް އެދިއެވެ.

* * * * *

ރޭއްސުރެ އުޑުމަތި ބައްދަމުން އައި ކަޅު ވިލާތަކުން ވާރޭ އޮއްސައިގަތީ ކުއްލިއަކަށެވެ. ޖެހެމުންދިޔަ ރޯޅިތައްވެސް އިހުނަށްވުރެ ބާރުވެއްޖެއެވެ. ވާރޭގެ ބޮޑެތި ތިކިތަކުގެ ހަމަލާއިން ސަލާމަތްވުމަށްޓަކައި މަގުތަކުގައި ދެކޮޅަށް ދުއްވަމުންދިޔަ މީހުނާއި ހިނގަމުންދިޔަ މީހުންތައް ތެޅިގަތީ ކުއްލިއަކަށެވެ. ހެނދުނު ވަގުތުކަމުން މާލޭގެ މަގުތައްވީ އޮފީހަށްދާ މީހުނާއި ސްކޫލްތަކަށްދާ ކުދިންތަކުން ތޮއްޖެހިފައެވެ.

އޮފީހަށް ވަންނަ ދޮރުކުރިމަތީގައި ހުއްޓިލައިގެން މަގުމައްޗަށް ނަޒަރު ސީދާ ކޮށްލައިގެން ދާމިން ހުރީ ސީރިއަސް ގޮތަކަށެވެ. ހީވާގޮތުން އޭނާ ކޮންމެވެސް މީހަކަށް އިންތިޒާރު ކުރަނީއެވެ. ލައިގެންހުރި ނޭވީ ބްލޫކުލައިގެ އޮފީސް ފަޓުލޫނުގެ ޖީބަށް ކަނައަތްތިލަ ކޮށްޕައިލަމުން އޭނާ އަތުކުރީގައި އޮތްގަޑިއަށް ބަލައިލިއެވެ. އެއާއެކު ކެތްތެރިކަން ކުޑަކަން އޭނާގެ މޫނުމަތިން ފައުޅުވެލިއެވެ. ޖީބުން އަތްނެގުމާއެކު ފިނިވެފައިވި ދެއަތްތިލަ އުނގުޅައިލަމުން ކުރިއަށް ޖެހިލީ މަގުމަތި ރީތިކޮށް ފެންނާނެހެންނެވެ. ދުރުން އިސްޖަހައިގެންހުރެ ކުޑައެއް ހިފަހައްޓައިގެން ހިނގައިފައި އެދިމާއަށް އައި އަންހެންކުއްޖާ ފެނުމާއެކު ދާމިންގެ މޫނުމަތީގައި ރަސްކަން ކުރަމުންދިޔަ ސީރިއަސްކަންކެނޑި ފަނޑު ހިނިތުންވުމެއް އެތުންފަތުގައި ދުވެލިއެވެ.

"މިއަދު ހިނގާފަ އަންނަ ދުވަހެއްބާ.. ވާރޭ ތެރޭ ހިނގައިލާން ބޭނުންވީ ކަންނޭނގެ.." އެކުއްޖަކަށް ނަޒަރު ހުއްޓައިލައިގެން ހުރިއިރު ދާމިން އަމިއްލަ ނަފުސާ ވާހަކަދައްކަމުން ދިޔައެވެ. އެހެންނާ އަބަދުވެސް ކާރުގައި އަންނާތީ ފެންނަ ކުއްޖަކު މިއޮއް ވިއްސާރަ ދުވަހު ހިނގައިފައި އައުމުން އޭނާ އެކަމާ ސުވާލު އުފެދޭގޮތް ވީއެވެ.

ދާމިން ބަލަންހުއްޓައި އިސްޖަހައިލައިގެން އައިސް ކުރިމަތީގައި ހުރި ކޮލެޖުގެ މައި ގޭޓުން އެކުއްޖާ ވަދެއްޖެއެވެ. ތުންފިއްތައިލަމުން އޭނާ އަށް ޗަސް ޖަހައިލެވުނީ އެންމެ ފަހަރަކުވެސް އިސްއުފުލައި އެކުއްޖާ އޭނާއަށް ބަލައިނުލީމައެވެ. "މިއޮއްވަރަށް އަހަރެން ބަލާއިރުވެސް އޭނައަށް ހަމަ ފާހަގަނުވަނީތަ.. ނޫން.. އެއްދުވަހު މިދިމާއަށް ބަލައިލި.. އެދުވަހު ހަމަ ޔަގީން އެކުއްޖާއަށް އެނގޭނެ އަހަރެން އެވަރަކުން ބެލީ އޭނައަށްކަން.. ދެން ކީއްވެބާ އެކުއްޖާގެ ކިބައިން އެއްވެސް ރިއެކްޝަންއެއް ނުފެންނަނީ.. އިންޓްރެސްޓިންގް.." ކުރިމަތީގައިހުރި ކޮލެޖަށް ބަލަންހުރެ ދާމިން ވިސްނަމުންދިޔައެވެ.

"މިއަދުވެސް އެ މަންޖެ ފެނޭތޯ ދޯ ނުކުމެ ތިހުންނަނީ.." އޮފީހަށް ވަންނަން އައި ހާތިމް، ދާމިން ފެނިގެން ދިމާކޮށްލިއެވެ. ހާތިމް އަކީ ދާމިންގެ ޕާރސަނަލް އެސިސްޓެންޓް ގޮތުގައި އެ އޮފީހުގައި މަސައްކަތްކުރާ މުވައްޒިފެކެވެ. މާގިނަ އެކުވެރިންތަކެއް ނެތް ދާމިންއަށް ހާތިމްގެ ފަރާތުން ލިބުނު އެކުވެރިކަމާއި ގާތްކަން ނުހަނު ކަމުދިޔައެވެ. އެކުގައި އެތައް އަހަރެއް މަސައްކަތް ކޮށްފައިވުމުން އެދެމެދުގައިވި ރަހުމަތްތެރިކަން ވަރުގަދަވެފައި ވިއެވެ. އެކަކު އަނެކެއްގެ ހަޔާތުގައި ދިމާވާ ކަންކަން ހިއްސާކޮށް ޚިޔާލު ބަދަލުކޮށްލުމަކީ ދެމީހުންކުރެ އެކަކަށްވެސް ދަތިކަމަކަށް ނުވަނީ އެހެންވެއެވެ. މީގެ ދެހަފުތާކުރިން ދާމިންގެ އުޅުމަށް އައި ކުޑަކުޑަ ބަދަލުވެސް އެންމެ ކުރިން ދެނެގަތީ ހާތިމްއެވެ. އެބަދަލާ ކޮންމެވެސް އަންހެންކުއްޖަކާ ގުޅިފައިވީހެން ހީވެ އޭނާ ސުވާލުކުރުމުން އިތުރަށް އެކަން ސިއްރުކޮށްގެނެއް ދާމިންއަކަށް ނުހުރެވުނެވެ. ފާއިތުވެދިޔަ ދެހަފުތާއިން ފެށިގެން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ކުރިމަތީގައި ހުރި ކޮލެޖަށް އަންނާތީ ފެންނަ އަންހެންކުއްޖާގެ ވާހަކަ އޭނާ ބުނީ އެއްވެސް ކަމެއް ފޮރުވުމެއް ނެތިއެވެ. ދާމިން ގަޔާވާފަދަ ސިފަތަކެއް އެކުއްޖާގެ ކިބައިން ފެނުނީއެވެ. އެހައި ފަސޭހައިން އޭނާގެ ހިތް އަތުން ދޫވެގެން ދިޔައީ އެހެންވެއެވެ. އެސޫރަ ފެންނަ ކޮންމެ ދުވަހަކު ހިތުގައި އުފެދެމުން އައި އިހުސާސުތައްވެސްވީ ވަރުގަދައެވެ. އުފެދެމުންއައި ޝައުގުވެރިކަންވެސްވީ އިތުރެވެ. އެހެނަސް ދާމިން ބޭނުންވާފަދަ ކުޑަވެސް އިޝާރާތެއް އެކުއްޖާގެ ކިބައިން ފައުޅުވާތީ ނުފެނެއެވެ. ދާމިން އެންމެ ހައިރާންވަނީ އެކަމާއެވެ. އޭނާ އަކީ އަންހެންކުދިން ހިތްކިޔާފަދަ ރީތި ސިފަތަކެއް ލިބިފައިވި މީހެއްކަން ޚުދު އަމިއްލައަށް ބުނަން ކެރޭނެއެވެ. ވީއިރު، އެކުއްޖާގެ އެއްވެސް ޝައުގުވެރިކަމެށް އޭނާއަށް ނުހުންނަންވީ ސަބަބެއް ދާމިންގެ ސިކުނޑިއަކަށް ނުވިސްނެއެވެ.

"ކޮންމެ ދުވަހަކު ދުރުދުރުން ތިހެން ބަލާން ހުއްޓަސް އަދި ކާމިޔާބެއް ނުވާނެ.. ނިކަން ހިތްވަރުގަދަ ކޮށްލާފަ އެކުއްޖާއާ ކުރިމަތިލައިބަލަ.. އަހަރެން ހީކުރީ ދާމް އަކީ ވަރަށް ކެރޭ ޒުވާނެއްކަމަށް.. އާން އެހެންޏަ.. ކާކު ހީކުރާނީ މިއޮއްބޮޑު ބިޒްނަސްގެ ވެރިޔާއަށް އަންހެންކުއްޖަކާ ކުރިމަތިލާން ނުކެރިގެން އުޅޭނެކަމަށް.." ދާމިންއަށް ބަލައިލަމުން ދެފަރާތަށް ބޯހޫރައިލުމަށްފަހު ހާތިމް ބުނެލީ ދިމާކޮށްލާފަދަ ގޮތަކަށެވެ.

"ނުކެރިގެނެއް ނޫން.. އެކަމަކު.. އައި ޑޯންޓް ވޯންޓް ޓް ކްރިއޭޓް އަ ސީން.. އަދި އެވެސް މަގުމަތީގަ.. ތިބުނާގޮތަށް އެކުއްޖާއާ ކުރިމަތިލާ ތަނުން އޭނާ ހަދާފާނެ ގޮތެއް ބުނަން އެބަ އެނގޭތަ.."

"ތިއެއްވެސް އެނގޭނީ އެކަމާ ކުރިމަތިލީމައެއްނު.. ތިހެން ހުއްޓެއްކަމަކު އެއްވެސް ކަމެއް ނުވާނެ.. އޭނައަށް ދާމް ފާހަގަވާނަމަ ފާހަގަވާހާ ދުވަސް ވެއްޖެ ކަންނޭނގެ.. އެކަމަކު ހިއެއްނުވޭ އެކުއްޖަކީ ތިހާ ފަސޭހައިން ކާމިޔާބު ކުރެވިދާނެ ކުއްޖެއްހެނެއް.. އެހެންވެ މިބުނަނީ އޭނައާ ނިކަން ކުރިމަތިލައިބަލާށޭ.. އަހަންނަށް ޔަގީން.. ދާމްއަށް ނޫނެކޭ ބުނަން ކެރޭވަރުގެ އަންހެންކުއްޖަކު ނުހުންނާނެކަން.."

"ޝީ އިޒް ޑިފަރެންޓް.. އެހެން އަންހެންކުދިންނާ އޭނަ ތަފާތު.. ކޮންމެ ކޮންމެ އަންހެންކުއްޖަކަށް އަހަރެންގެ ހިތަކާ މިގޮތަކަށް ނުކުޅެވޭނެ.." ލުއި ގޮތަކަށް ހީނލަމުން ދާމިން ބުނެލިއެވެ. ނިކަން ހިނިއައިސްފައި ހާތިމްވެސް ބޯޖަހައިލީ އެކަމާ އެއްބަސްވަމޭ ބުނެލާ ފަދައިންނެވެ. އަތުކުރީގައި އޮތް ގަޑިއަށް ނަޒަރެއްދެމުން ހާތިމްގެ ކޮނޑުގައި ޖަހައިލުމަށްފަހު އެތެރަށް ވަންނަން ހިނގާށޭ ދާމިން ބުނެލިއެވެ. އެއާއެކު ކުރިއަށް ހިނގައިގަތް ހާތިމް ފެށީ މެންދުރަށް ހަމަޖެހިފައި އޮތް މީޓިންގްގެ ވާހަކައެވެ. އެވާހަކަތަކުގައި ބައިވެރިވަމުން ދެފަރާތަށް ކެހިގެންދިޔަ އޮފީހުގެ ބިއްލޫރި ދޮރުން ދާމިން ވަނެވެ.

* * * * *

ޖެހިގެން އައި ދުވަހު މާލެއިން ގެނެވުނު ޑޮކްޓަރުންގެ ޓީމްގެ މަސައްކަތްތައް ފެށުނެވެ. އެމީހުނަށް ބޭނުންވާނެ ހުރިހައި ކަމެއް ފަހިކޮށްދިނުމުގައި އަވަދިނެތި އާރިޒް އުޅުނެވެ. އެހެން ދުވަސްތަކާ ޚިލާފަށް ބުރަ ދުވަހެއްކަމުގައި އޭނާއަށް ފާހަގަކުރެވުނެވެ. ބްރޭކަށްވެސް ގެއަށް ގޮސްލާނެ ވަގުތެއް ނުވިއެވެ. ހެނދުނުން ފެށިގެން ރޭގަނޑާ ހަމައަށް އެކި ޑޮކްޓަރުންގެ ޚިދުމަތްތައް ލިބޭގޮތަށް ހަމަޖެހިފައި އޮތްއިރު، ރައްޔިތުންގެ ގިނަ އަދަދެއްގެ މީހުން ކިއޫގައި މަޑުކޮށްލައިގެން ތިއްބެވެ. ހެނދުނާއި މެންދުރު ދަންފަޅި އާރިޒްއާ ހަވާލުކުރެވިފައި ވީއިރު، ޒާމިންއަށް ބަލަހައްޓަން ޖެހުނީ ހަވީރާއި ރޭގަނޑުގެ ދަންފަޅިއެވެ. ދެމީހުނަށް އެގޮތަށް ބަހައިލީ އެކަކު އަނެކަކު މަޝްވަރާކުރުމަށްފަހުއެވެ. ދެމީހުނަށްވެސް އެގޮތް ކަމުދިއުމުންނެވެ.

ޑިއުޓީ ނިންމައިލުމަށްފަހު ގެއަށް ވަތް އާރިޒްގެ ކިބައިން ފައުޅުވަމުންދިޔައީ ވަރުބަލިކަމެވެ. ކޮޓަރިއަށް ވަދެވުމާއެކު އޭނާ ބޭނުންވީ ފެންވަރައި ތާޒާވެލުމަށެވެ. ލައިގެންހުރި ގަމީހާއި ފަޓުލޫނު ބައިލަމުން އޭނާ ފާޚާނާއަށް ވަދެ މާގަނޑު ދޮށުގައި ހުއްޓިލިއެވެ. ހަށިގަނޑުގައި ބީހެމުންދިޔަ ފިނި ފެންތިކިތަކުން އޭނާއަށް ލިބިފައިވި ވަރުބަލިކަން ފިލުވައިދޭން މަސައްކަތްކުރާ ކަހަލައެވެ. ދެލޯމަރައިލަމުން އާރިޒްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އެއާއެކު މެހެރީންގެ ޚިޔާލުތައް އޭނާގެ ސިކުނޑިއަށް ގަދަވެގަތީ ކުއްލިއަކަށެވެ. ބަލިމީހުނާއި ކުރިމަތިލާއިރު މެހެރީންގެ ކިބައިން ފައުޅުވާ ހިތްހެޔޮކަމާއި އޯގާތެރިކަން އާރިޒްއަށް ނުހަނު ކަމުދިޔައެވެ. ލުއި ގޮތަކަށް ހީނލަމުން އޭނާއަށް ދެފަރާތަށް ބޯހޫރައިލެވުނެވެ. ކިތަންމެ ބުރަކޮށް އުޅުނު ނަމަވެސް މެހެރީންގެ އަދާތަކަށް ބެލުން އޭނާއަށް ނުހުއްޓުނެވެ. އެ އަންހެންކުއްޖާ އޭނާއަށް މިޖެއްސީ ކޮންފަދަ ސިހުރެއްބާއެވެ.

ހައިވެފައި ހުރުމުން ފެންވަރައިގެން ނުކުމެ އާރިޒް އެންމެ ފުރަތަމަ އިސްކަމެއްދިނީ އެއްޗެއް ކެއުމަށެވެ. އެއަށްފަހު މަޑު ހިނގުމެއްގައި އޭނާ މިސްރާބުޖެހީ އަތިރިމައްޗާ ދިމާއަށެވެ. ފޯނާ ކުޅެމުން އައިސް އާންމުކޮށް އޭނާ އިންނަ ޖޯލީގައި އިނށީނަމުން ކުރިއަށް ބަލައިލިއެވެ. އެވަގުތު ފެނުނު މަންޒަރުން އާރިޒްއަށް ހުއްޓުންއެރިއެވެ. ހައިރާންކަމާއެކު އެއްފަރާތުގައި ހުރި ހޮޅުއަށީގައި އިނށީދެލައިގެން މޫދަށް ނަޒަރު ހުއްޓައިލައިގެން އިން މެހެރީންއަށް އޭނާ ބަލައިލިއެވެ. އެއީ އަނެއްކާ އޭނާއަށް ހީވާ ހީވުމެއްބާއެވެ. އެކަނިމައި އެކަނި މެހެރީން އެތަނަށް އައިސްފާނެ ކަމާމެދު އޭނާއަށް ޝައްކެވެ. ޖޯލީގައި އިނށީދެފައިވެސް އިންތަނުން ތެދުވީ އޭނާއަށް ހީވާ ހީވުމަކީ ހަގީގަތެއްތޯ ޔަގީންކުރަން ބޭނުންވެފައި ހުރެއެވެ. ލަސްހިނގުމެއްގައި އޭނާ އައިސް ހޮޅުއަށި ކައިރިއަށް ހުއްޓެމުން ހިތްވަރުކޮށްފައި މެހެރީންގެ ނަމުން މަޑުމަޑުން ގޮވައިލިއެވެ. އެއާއެކު ސިހިފައި މެހެރީން ފަހަތަށް ބަލައިލިއެވެ. އާރިޒް ފެނުމާއެކު އެދެލޮލުގައިވި ސިހުންފިލައި މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އާރިޒް ގާތުގައި އެކުވެރިގޮތަކަށް އިނށީންނަން އަންނާށޭ ބުނަމުން މެހެރީން އެއްފަރާތަށް ޖެހިލިއެވެ. އަދިވެސް ގަބޫލުކުރަން ދަތިވެފައި އާރިޒްއަށް ހުރެވުނީއެވެ. އޭނާއަށް މިއުޅެވެނީ ހުވަފެނެއްގެ ތެރޭގައިތޯ އަމިއްލަ ނަފުސާ ސުވާލުކޮށްލެވުނީ ގަސްދަކާނުލައެވެ. ގުޑިވެސްނުލައި އާރިޒް ހުރުމުން ދެވަނަ ފަހަރަށް މެހެރީން ގޮވައިލިއެވެ. އެއާއެކު ދެޚިޔާލެއްގައި ހުރި މީހަކު ފަދައިން އާރިޒް އައިސް އެތަނުގައި އިނށީނެވެ.

"މިތަނުގަ.. އެކަނިތޯ" ދެމެދަށް ވެރިވެފައިވި ހިމޭންކަމުން އުނދަގޫވެފައި އިނދެ އާރިޒް އަހައިލިއެވެ. މިލިބުނު ފުރުސަތުގެ ބޭނުން ގެއްލުވައިލާކަށް އޭނާ ބޭނުމެއްނުވިއެވެ. މެހެރީން ވެސް އިސްވެ އޭނާއާ ވާހަކަދެއްކުމުން ކުޑަވިއަސް ހިތްވަރެއް އާރިޒް އަށް ލިބުނެވެ.

"ތިހާ މާތްބަހުން އަހަންނާ ވާހަކަނުދެއްކިއަސް ރަނގަޅުވާނެ.. އެންޑް ޔެސް.. މިވަގުތު އެކަނި މިތަނަށް އައިސް މިއިނީ.. ދެން ތިބި ދެމީހުން މާބޮޑަށް ވަރުބަލިވީމަ ބޭރަށް ނުކުންނަ ކަހަލަ ޚިޔާލެއް ނުކުރި.." ހިތްހެޔޮ ހިނިތުންވުމެއް އާރިޒްއަށް ހަދިޔާކޮށްލަމުން މެހެރީން ބުންޏެވެ. އެއަޑުގައިވި އޮމާންކަމުން އާރިޒްގެ ގައިން ހީބިހި ހިލުނުފަދަ އިހުސާސެއް ކުރެވުނެވެ. އެހައި ގާތުން މެހެރީންގެ ރީތި ސޫރައަށް ބަލައިލުމުގެ ނަސީބު ލިބިދާނެ ކަމަކަށް ފަހަރެއްގައިވެސް އާރިޒް ހިއެއްނުކުރެއެވެ. ބޯޖަހައިލަމުން އާރިޒް ކުރިމަތިން ފެންނަން އޮތް މޫދަށް ނަޒަރު ހުއްޓައިލިއެވެ. އިތުރަށް ދައްކާނެ ވާހަކައެއް ނުވިސްނުމުން އޭނާ ޚިޔާރުކުރީ ހިމޭންކަމެވެ. "އާރިޒް ވަރަށް ގިނައިން މިތަނަން އަންނަން ދޯ.." އާރިޒްއަށް ބަލަން އިނދެ މެހެރީން އެއްސެވެ. ޖަވާބުގައި އާރިޒް އާނއެކޭ ބުނެލުމުން މެހެރީންގެ ހިނިތުންވުން އިހުނަށްވުރެ ފުޅާވެލިއެވެ.

"އަހަރެން އަދި އަލަށް ރާއްޖެތެރޭގެ ރަށަކަށް މިއައީ.. ހާދަ ހިތްފަސޭހައޭ ދޯ.. ހިތަށްއަރާ އަހަންނަށްވެސް މިކަހަލަ މާހައުލެއްގަ ދިރިއުޅެން ލިބޭނެނަމައޭ.. ހެހެ.. މާލޭގެ ހަލަބޮލިކަމު ތެރޭ އުޅެފަ މިކަހަލަ މާހައުލަކަށް އާދެވުނީމަ ހީވަނީ ޖަލެއްގަ އުޅެފަ މިނިވަންވިހެން.." އަމިއްލަ ޚިޔާލުތަކަށް ގެއްލި އިނދެ މެހެރީން ވާހަކަދެއްކިއެވެ. އިވުނު ބަސްތަކުން ޔަގީންނުވެފައި އާރިޒްއަށް ބަލައިލެވުނެވެ. އެހެން އެބުނީ ހަމަ ހަގީގަތުގައިވެސް މެހެރީންތޯ ޟަމީރާ ސުވާލުކޮށްލެވުނެވެ. އެހައި ގާތްކޮށް އޭނާއާ މެހެރީން ވާހަކަދެއްކުމުން ބުނެދޭން ނޭނގޭ އުފައުވެރިކަމަށް މުޅި ނަފުސަށް ލިބުނުކަހަލައެވެ. ބޯޖަހައިލަމުން މެހެރީންގެ ވާހަކަތަކަށް އާރިޒް ވެސް އެއްބަސްވިއެވެ.

"އަބަދުވެސް ތިހާ މަޑުމައިތިރިކޮށްތަ ހުންނަނީ.." ޝައުގުވެރިގޮތަކަށް އާރިޒްގެ މޫނަށް މެހެރީން ބަލައިލިއެވެ. ހީވަނީ އެމޫނުން އޭނާ ކަމެއް ދެނެގަންނަން މަސައްކަތްކުރަނީ ހެނެވެ. ދޭނެ ޖަވާބެއް ނުވިސްނުނު މީހަކު ފަދައިން އާރިޒް ހިނިތުންވެލީއެވެ. އަޖައިބެކެވެ. މެހެރީންއާ ވާހަކަދެއްކުމަށް އޭނާގެ ހިތް އެހައިވަރަށް އެދޭއިރުވެސް ދުލުން ބުނާނެ އެއްޗެއް ނޭނގެނީ ކީއްވެހެއްޔެވެ؟ އެއަންހެންކުއްޖާވެސް އޭނާއާ މެދުގައި ޝައުގުވެރިވަނީބާއޭ އާރިޒްގެ ހިތަށް އެރިއެވެ. މާގިނަ ވާހަކަތަކެއް ދެމެދުގައި ދެކެވިފައި ނުވިއަސް އޭނާ ފެނުމުން މެހެރީން އެބެހެއްޓި ގާތްކަމުން އާރިޒްއަށް އެހެން އިހުސާސުވީއެވެ. ނޫނީ އެއީ މެހެރީންގެ މިޒާޖުބާއެވެ. މީހުނާ ގުޅޭ ކުއްޖަކީތާއެވެ.

"މި މާހައުލު ކިހާ ޕީސްފުލް.. އިޓްސް ލައިކް އެ ނެޗުރަލް ތެރެޕީ.. ދިރިއުޅުމުގެ ކަންކަމުގަ ކިތަންމެ ހާސްވެފަ ހުރި ސިކުނޑިއަކަށްވެސް ހަމަޖެހުން ގެނުވާނެކަން ޔަގީން.." އާރިޒް އެއްޗެއް ނުބުނުމުން ދެންވެސް ވާހަކަދެއްކީ މެހެރީންއެވެ. އޭރު އެދެލޯވީ ކަނޑުގެ ސަތަހައިގައި ބޮސްދީފައި އޮއްސެމުންދިޔަ އިރަށެވެ. ދެންވެސް ބުނާނެ އެއްޗެއް ނޭނގި ބަސްހުއްޓިފައި އާރިޒްއަށް އިނދެވުނީއެވެ. ފުންނަޒަރަކުން އޭނާއަށް މެހެރީންއާ ދިމާއަށް ބަލައިލެވުނީ ކީއްވެކަމެއް ނޭނގެއެވެ. އެހެނަސް އެ ސުކުންތުކޮޅު އެރީތި ދޮންމޫނަށް އަރައިފައިބަމުންދިޔަ އެތައް ޖަޒުބާތެއް އާރިޒްގެ ހިތް ދެނެގަތްކަހަލައެވެ. ފުރަތަމަ ފަހަރަށް މެހެރީންގެ ހިތްހެޔޮ ހިނިތުންވުމުގެ ފަހަތުގައި ހިތްދަތިކަން ފޮރުވިފައިވާހެން އާރިޒްއަށް ހީވިއެވެ. އެހެނީ މެހެރީންގެ ދުލުން އެބޭރުވީ އެމަންޒަރު ފެންނަ ކޮންމެ ފަހަރަކު ޚުދު އާރިޒްގެ ހިތަށްވެސްއަރާ ބަސްތަކެކެވެ. މާޔޫސްވެ ފިކުރުތަކުން ސިކުނޑި ފުރޭ ކޮންމެ ވަގުތަކު އެތަނަށް އޭނާއަށް އާދެވެނީވެސް އެހެންވެއެވެ. މެހެރީނަށްވެސްވީ އެފަދަ ގޮތެކޭ އޭނާއަށް ހީވަނީއެވެ. އެހެނަސް އެ ހިތްދަތިކަމާ ގުޅިފައިވި ސަބަބު ދެނެގަންނަން އޭނާ ނުކުޅެދުނެވެ. ބޭރުންފެންނަ އުފައުވެރި އަންހެންކުއްޖާގެ ނިވަލުގައި މާޔޫސްކަމުން ފުރިފައިވި ނަފުސެއްވެއޭ އޭނާގެ ހިތް ބުނަމުންދިޔައީ ކީއްވެހެއްޔެވެ؟

(ނުނިމޭ)

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!