ވާހަކަ

މަގޭ ހާލު ބުނެދެން މިތުރާއޭ... (ތިންވަނަ ބައި)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
މަގޭ ހާލު ބުނެދެން މިތުރާއޭ... (ޓްރެއިލާރ) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެއްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ދެވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތިންވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތަރުވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނުވަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ދިހަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެގާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ބާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތޭރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސާދަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަނަރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސޯޅަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސަތާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނަވާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ވިހިވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެކާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ބާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތޭވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސައުވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަންސަވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސައްބީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނަވާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަހުބައި)

މެހެރީނަށްވެސްވީ އެފަދަ ގޮތެކޭ އޭނާއަށް ހީވަނީއެވެ. އެހެނަސް އެ ހިތްދަތިކަމާ ގުޅިފައިވި ސަބަބު ދެނެގަންނަން އޭނާ ނުކުޅެދުނެވެ. ބޭރުންފެންނަ އުފައުވެރި އަންހެންކުއްޖާގެ ނިވަލުގައި މާޔޫސްކަމުން ފުރިފައިވި ނަފުސެއްވެއޭ އޭނާގެ ހިތް ބުނަމުންދިޔައީ ކީއްވެހެއްޔެވެ؟

Ads by STELCO

* * * * *

ކޮލެޖުން ނުކުތުމުގެ ކުރިން ގޭޓުން ބޭރަށް ބޯދިއްކޮށްލަމުން ލީމް ބަލައިލިއެވެ. ސީދާ އެދިމާއަށް ބަލަހައްޓައިގެން ހުރި ދާމިން ފެނިފައި އޭނާއަށް ލިބުނީ ކުއްލި ސިހުމެކެވެ. އަވަސްހަރަކާތަކާއެކު ގޭޓުން އެތެރެއަށް އޭނާ ދެމިގަތެވެ. އޭރު ނެގިނެގިފައި އޭނާގެ ހިތް ޖެހެމުންދިޔައެވެ. ދާމިންގެ ތޫނު ދެލޮލުން ބަލަން ހުރި ގޮތް ސިފަވެލުމާއެކު ލީމްގެ ގައިގައިހުރި ލޯލިތައް ކޮޅަށް ޖެހިގެންދިޔަފަދަ އިހުސާސެއް ކުރެވުނެވެ. އޭނާގެ ހަރަކާތްތަކަށް ފަރުވާތެރިވެ ދާމިން ބަލާކަން ފާހަގަވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެ ޒުވާނާގެ ކިބައިން ނުރައްކާތެރިކަމެއްގެ އިހުސާސް ނުކުރެވުނަސް، ދާމިންގެ ތޫނުފިލި ދެލޮލުގައި އޭނާ ޖެހިލުންކުރުވާފަދަ ބާރެއްވާކަން ޔަގީނެވެ.

އަތުގައި އޮތް ފޯނަށް އިރުކޮޅަކު ބަލަން ހުރެފައި ފުންނޭވާއެއް ދޫކޮށްލަމުން ލީމް ގޭޓުން ބޭރަށް ނުކުތެވެ. އިސްޖަހައިލައިގެން ހުރިނަމަވެސް ކުރިމައްޗަށް އައިސް ހުއްޓުނު ޒުވާނާގެ އޮފުއަރަމުންދިޔަ ކަޅު ބޫޓު ފެނިފައި ދެވަނަ ފަހަރަށް ލީމް ސިހޭގޮތްވިއެވެ.

"އަހަންނަށްތަ ތި ފިލަނީ.." ގާތުން އިވުނީ ފިރިހެންވަންތަ ބަރު އަޑެކެވެ. އެހެނަސް އިސްއުފުލާލައި ބަލައިލާކަށް ލީމްއަކަށް ހިލާ ނުކެރުނެވެ. ގުޑިވެސްނުލައި އޭނާ ހުރީ އެހެންވެއެވެ. އަތުގައި އޮތް ކުޑައިގެ މުށްގަނޑަށް އޭނާއަށް ބާރުކޮށްލެވުނީ ދެވަނަ ފަހަރަށްވެސް އެޒުވާނާ ވާހަކަދެއްކުމުންނެވެ. ހިތުގެ ހިނގުން އަވަސްވެގެން އައީ އެއެއް މިއެއް ބަލައިފައެއް ނޫނެވެ. އެޒުވާނާގެ ސަބަބުން އޭނާގެ ހިތަށްވެސް ކޮންމެވެސް ކަހަލަ އަސަރުތަކެއް ކުރުވާކަން ގައިމެވެ. ހަށިގަނޑުގައި އުފެދެމުން އައި މަޑު ތުރުތުރާއެކު ލީމްއަށް އިތުރަށް އިސްއޮބައިލެވުނެވެ. ހާސްވެ ކަންބޮޑުވެގެންގޮސް އޭނާއަށް ތުންފަތުގައި ދަތްއަޅައިލެވުނެވެ.

"ހައި.. އަހަރެންނަށް ކިޔަނީ ދާމިން.. އެކުވެރިންނާ ގާތް މީހުން ކިޔަނީ ދާމް.. ތިކުއްޖާއަށް ކިޔަނީ ކޮންނަމެއް.." ލުއި ހުނުމަކާއެކު ސަލާމަތް އަތް ކުރިއަށް ދިއްކޮށްލަމުން އަމިއްލަ ނަފުސުގެ ކުޑަ ތަޢާރަފެއް ދާމިން ދިނެވެ. ދެންވެސް ގުޑިލާނެހައި ވަރެއް ލީމްއަކަށް ނުލިބުނެވެ. ޖެހިބުދެއްހެން އޭނާ ހުރީ ހަދާނެގޮތެއް ނުވިސްނިފައިހުރި ފަދައަކުންނެވެ.

"ސޮރީ.. އަހަރެންގެ ސަބަބުން އުނދަގޫވަނީތަ.. އެހެންނަމަ އަހަރެން މިތަނުން ގޮސްފާނަން.." ކުޑަކޮށް ބޯއަރިކޮށްލަމުން ލީމްގެ މޫނަށް ބަލައިލުމަށްފަހު ދާމިން ބުނެލިއެވެ. އޭރުވެސް އެތުންފަތުގައި ނުފިލާ ހިނިތުންވުމެއްގެ އަސަރު ވިއެވެ. ލީމްގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން ދާމިން މާޔޫސްވާގޮތް ވިއެވެ. ހިތްވަރުކޮށްފައި ހާތިމް ބުނިފަދައިން ލީމްއާ ކުރިމަތިލާން އޭނާ އައީ ފަހަރެއްގައިވެސް މިހެންވެދާނެ ކަމަކަށް ނޫނެވެ. އަންހެންކުއްޖެއްގެ ފަރާތުން އެހައި އަޅައިލުންކުޑަ އަސަރުތަކެއް ފައުޅުވުމުން ހަގީގަތުގައިވެސް ދާމިން ހައިރާންކުރުވިއެވެ. އެހެނަސް އެހައި ފަސޭހައިން ބަލިގަބޫލުކުރާކަށް އޭނާގެ ޟަމީރު އެއްބަހެއް ނުވިއެވެ. ކޮންމެވެސް އެއްޗެކޭ ބުނުމަށް އޭނާ އަނގަހުޅުވައިލިތަނުން ކުރިމައްޗަށް އައިސް މަޑުކޮށްލި ކާރު ފެނިފައި ދާމިންއަށް ހިމޭންވާން މަޖުބޫރުވީއެވެ. ބަހެއްނުބުނި ތަނުގައި އޭނާއަށް ބަލައިލުމެއްވެސް ނެތި އަވަސް ހަރަކާތަކާއެކު ކާރުގެ ފަހަތު ދޮރު ހުޅުވަމުން ލީމް އެރިއެވެ. އެއާއެކު މަޑުކުރުމެއްތި ކާރު ކުރިއަށް ދުއްވައިލައިފިއެވެ. ގަބޫލުކުރަށް ދަތިވެފައި ދާމިންއަށް ހުރެވުނީއެވެ. އިސްވެ އޭނާ ވާހަކަ ދެއްކުމުންވެސް ލީމްގެ ކިބައިން އެއްވެސް އިޝާރާތެއް ނުފެނުނީތީއެވެ. އޭނާއަކީ އެތަނުގައި ހުރި މީހެއްކަމަށްވެސް ލީމް ހަދައިނުލިވިއްޔާއެވެ. ލިބުނު ނާކާމިޔާބީ ގަބޫލުކުރަން އޭނާގެ ހިތް ދެކޮޅުހެދިއެވެ. އައު ހިތްވަރެއް އޭނާއަށް ލިބުނުފަދައެވެ. އޭނާ ހުއްޓާނީ އެއަންހެންކުއްޖާ ހާސިލްކޮށްފައެވެ.

* * * * *

އެނދުގައި އޮށޯވެލައިގެން އެއްއަތް ނިތްމަތީގައި ބާއްވައިލައިގެން އޮތްއިރު އާރިޒްގެ ސިކުނޑީގައިވީ ހަވީރުގެ ހަނދާންތަކެވެ. މެހެރީންގެ ފަރާތުން އިހުސާސުވި ގާތްކަމެވެ. ދެމެދުގައި ދެކެވުނު ވާހަކަތަކެވެ. މަޑުމަޑުން އާރިޒްގެ ތުންފަތް ދެފަރާތަށް ދެމިލިއެވެ. ހިތަށްކުރުވި ފޮނިމީރުކަމުގައި އޭނާގެ އަނގައިން ލުއި ހުނުމެއްގެ އަޑު ބޭރުވެގެން އައީ ބޭއިޚުތިޔާރުގައެވެ. މިކުރެވެނީ ކޮންފަދަ އިހުސާސުތަކެއްކަމެއް ބުނެދޭން ދަތިވިއަސް އޭނާގެ ހިތް މެހެރީން ނުހަނު ބޮޑަށް ބަލައިގަނެފައިވާކަން ގައިމެވެ. ކުރެވެމުންދިޔައީ މިއިން ދުވަހަކުވެސް އޭނާއަށް ކުރެވިފައިނުވާފަދަ އުފައުވެރި އިހުސާސުތަކެކެވެ. މިއީ ލޯބިތޯ އަމިއްލަ ނަފުސާ ސުވާލުކޮށްލެވުމާއެކު އޮތްތަނުން ފުންމައިގެން އޭނާއަށް ތެދުވެވުނެވެ.

"ނޫން ނޫން.. އަނެއްކާ.. އަހަންނަށް ހަމަ ހަގީގަތުގަވެސް.. މެހެރީންދެކެ ލޯބި ވެވުނީތަ.. އެކަމަކު އެހެން ވާނީ ކިހިނެއް.. އަހަންނަށް މެހެރް ފެނުނީ އިއްޔަ.. އެހައި ފަސޭހައިން މީހުންދެކެ ލޯބި ވެވޭތަ.. އެވެސް އަހަރެންނަށް ރަނގަޅަށް ނުވެސް އެނގޭ މީހެއްދެކެ.. މިއީ ފާޑެއްގެ ގަޔާވުމެއް ކަންނޭނގެ.. އެހައި ފަސޭހައިން ނުވެސް ދަންނަ މީހަކުދެކެ ލޯބިވެވިދާނެކަމަކަށް ގަބޫލެއް ނުކުރެވޭ.. އެކަމަކު.. އެހެންވީއިރު.. އަހަންނަށް މިކުރެވޭ އިހުސާސުތައް ބަޔާންކުރަން އެހައި ދަތިވަނީ ކީއްވެ.. އަބަދު މެހެރްގެ ޚިޔާލުތައް ސިކުނޑީގަ ހުންނަންވީ ކީއްވެ.." ދެފަރާތަކަށް ބޯހޫރައިލަމުން އާރިޒް އިސްތަށިގަނޑުގައި އަތްހިންގައިލިއެވެ. އަނެއްކާވެސް އިހު އޮތްހެން އޭނާ އޮށޯވެލީ ސިކުނޑިއަށް ބަރުވާން ފެށުމުންނެވެ. ދެލޮލަށް ނިދި ސަވާރުގެ ނިދީގެ ފޮނިކަމުތެރަށް ގެނބެމުންދިޔަ ހިނދު އޭނާއަށް ހީވީ ދެލޯ ކުރިމަތިން މެހެރީންގެ ޗާލު ސޫރަ ސިފަވިހެނެވެ. ކުޑަކުއްޖަކުފަދައިން މައުސޫމު ގޮތަކަށް އޭނާ ހިނިތުންވެލިއެވެ. ކިތަންމެ ވަރަކަށް ދެކޮޅު ހެދިނަމަވެސް އާރިޒްއަށް މެހެރީންދެކެ އިންތިހާއަށް ލޯބިވެވިއްޖެކަން ގައިމެވެ.

ލޯތްބަކީވެސް އަޖައިބެއްފަދަ އިހުސާސެއް ނޫންހެއްޔެވެ. ހީވެސްނުކޮށް ހުއްޓައި އަނެކާކެ މައްޗަށް ހިތުގައި އެ ޖަޒުބާތު ގަދަވެގަނެއެވެ. ތެދުވެރި ލޯތްބެއްގެ ވިންދު ހިތުގައި ޖަހައިލައިފިނަމަ އެއިހުސާސުތަކާ ދެކޮޅަށް ހަނގުރާމަ ކުރުމަކީ ނުހަނު ދަތިކަމަކަށް ވެދެއެވެ. ހިތްއެދޭ ފަރާތުގެ ލޯބި ނުލިބެނީސް އެހިތަކަށް އެއްވެސް ހަމަޖެހުމެއް ނުލިބެއެވެ. އަބަދުމެ ހިތުގައި ވަކިހިއްޕައިލައިފައި ހުންނަނީ އެސޫރައެވެ. ވިސްނަން ބޭނުން ނުވިއަސް ސިކުނޑި ގައިދުކުރެވިފައިވަނީ ލޯބިވާގެ ޚިޔާލުތަކުންނެވެ. އެތައް އުއްމީދަކާއި ހުވަފެންތަކެއް އެޚިޔާލުތަކުގެ މައްޗަށް ބިނާވެދެއެވެ. ލިއްބައިދެނީ މިއިން ދުވަހަކުވެސް ލިބިފައިނުވާފަދަ ފޮނިމީރުކަމެވެ. ލޯތްބަކީ އެންމެ ވަރުގަދަ އެއް ޖަޒުބާތުކަމުގައި ވެދަނީ އެއްވެސް ސަބަބެއް ނެތިއެއްނޫނެވެ. އިންސާނާ މޮޔަކުރުވާފަދަ ބާރެއް އެޖަޒުބާތުގައި ވާކަން ޔަގީނެވެ.

ދުވަސްތައް އޭގެ ހަލުވިމިނުގައި ފާއިތުވެ ދާންފެށީ އާރިޒް އާއި މެހެރީންއާ ދެމެދުގައިވި ބީރައްޓެހިކަން ގާތްކުރުވަމުންނެވެ. ހަވީރު ހޮސްޕިޓަލަށް ދާން ނުޖެހިއްޖެނަމަ މެހެރީންވެސް އަތިރިމައްޗަށް އަންނަން ފެށީ އާރިޒްއާ ވާހަކަދައްކައިލުމުން ބުނެދޭން ނޭނގޭ ހަމަޖެހުމެއް އޭނާގެ ހަލަބޮލިވެފައި ސިކުނޑިއަށް ލިއްބައިދޭތީއެވެ. އާރިޒްގެ ކިބައިގައި ހުންނަ މަޑުމައިތިރިކަން އޭނާއަށް ނުހަނު ކަމުދިޔައެވެ. ބީރަށްޓެހި ރަށަކުން ލިބުނީ ހެޔޮ އެކުވެރިއެއް ކަމުގައި އޭނާ ދުއްޓެވެ. ދެމެދުގައި އަމިއްލަ ދިރިއުޅުމުގެ މާގިނަ ވާހަކަތަކެއް ނުދެކެވުނަސް، އެމީހުން ދައްކަން ހުންނަ ވާހަކަތައް ވަކި މަދެއް ނޫނެވެ. ގިނަ ވާހަކަތައް ދައްކަނީވެސް ޚުދު މެހެރީނެވެ. އާރިޒްގެ ފަރާތުން އެއްޗެއް ބުނެލާއަޑު އިވޭނީ ކަމަކާ ގުޅޭގޮތުން މެހެރީން ސުވާލެއް ކޮށްފިނަމައެވެ. އޭނާގެ ކިބައިގައި އެ ހުންނަ ތަފާތުކަން މެހެރީން އިތުރަށް ޝައުގުވެރިކުރުވި ކަމަކަށް ވިއެވެ.

ވިއްސާރަ ރޭތަކުން ރެއެކެވެ. އިޝާ ނަމާދުން އަވަދިވެގެން މިސްކިތުން ނުކުތް އާރިޒް އަތުގައި އޮތް ކުޑަ ހުޅުވައިލަމުން ހަލުވި ފިޔަވަޅުތަކެއްގައި އައިސް ޕާރކް ކޮށްފައިހުރި ސައިކަލަށް އެރިއެވެ. އެއްއަތުން ކުޑަ ހިފަހައްޓައިގެން އިނދެ އޭނާ ސައިކަލު ކުރިއަށް ދުއްވައިލިއެވެ. އާރިޒްގެ ގެއާ ހަމައަށް ދެވެނީ މެހެރީންމެން ތިބެން ހަމަޖައްސައިފައިހުރި ގެ ހުރަސްކޮށްފައެވެ. އެގެއާ ހަމައަށް އާދެވުމާއެކު ކުއްލިއަކަށް އޭނާއަށް ސައިކަލުގެ ދުވެލި މަޑުކޮށްލެވުނެވެ. ހުރިހިސާބުގައި ހުއްޓެން އޭނާއަށް މަޖުބޫރުކުރުވީ އެގޭގެ ދެވަނަ ފަންގިފިލާގެ ބެލްކަންޏަށް ނުކުމެހުރި މެހެރީން ފެނިފައެވެ. ރޭގަނޑުގެ އެ އަނދިރިކަމު ތެރޭގައި ހިތްފުރެންދެން އެސޫރައަށް ބަލަން އިންނަން އާރިޒްގެ ހިތް އެދުނެވެ. ފަހަތަށް ދޫކޮށްލައިފައި އޮތް މެހެރީންގެ ކަޅުކަންގަދަ އިސްތަށިގަނޑު ވަޔާއެކު އެމޫނަށް ކުދިކުދި ގޯނާކުރަމުން ދިޔައިރު، ކުދިކުދި ވާރޭގެ ތިކިތައް އެދޮންމޫނުގެ އެކި ހިސާބުގައި ލުއިލުއިކޮށް ބޮސްދެމުން ދިޔައެވެ. އެމަންޒަރުން އާރިޒްގެ ހިތަށް ކުރުވީ ބުނެދޭން ދަތިވާފަދަ ފުން އަސަރުތަކެކެވެ. މެހެރީންއާ ގާތުގައިވުމަށް އެހައި އެދެވުނު ހިނދުކޮޅެއް ނާދެއެވެ. ހިންދިރުވައިލި އާރިޒްގެ ތުންފަތުގައި މަޑު ތުރުތުރެއް އުފެދުނެވެ. އެތައް އިރަކު އެތަނުގައި އިނުމަށްފަހު އޭނާ ސައިކަލު ދުއްވައިލީ މެހެރީން އެތެރަށް ވަނުމުންވެސް އަދި އިރުކޮޅަކު މަޑުކޮށްލައިފައެވެ.

ގޭ ދޮރުމައްޗަށް އާރިޒް އައިސް މަޑުކޮށްލުމާއެކު އޭނާގެ އިންތިޒާރުގައި ދޮރުމަތީގައިހުރި ޒާމިން ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. "ހާދަ ލަސްވީ.. މިސްކިތުން ފޭބިތަން ދެކުނިން.. އަހަރެން ހީކުރީ އަންނަގޮތަށް ގެއަށްކަމަށް އާޒް އަންނާނީ.. އެހެންވެ އަހަރެންވެސް އަވަސްއަރުވާލާފަ މިއައީ.." ކުޑަ ލައްޕައިލަމުން ގޭތެރަށް ވަތް އާރިޒްގެ ފަހަތުން ހިނގައިގަންނަމުން ޒާމިން ބުންޏެވެ. އެއްވެސް ޖަވާބެއް އާރިޒް ނުދިނުމުން ޒާމިންއަށް ލިބުނީ ހައިރާންކަމެވެ. "އާޒް.. ހުރިހާ ކަމެއް ރަނގަޅުތަ.. ކިހިނެއްވެފަ ތިހުރީ.." އާރިޒްގެ ކޮނޑުގައި ފަހަތުން އަތް ޖައްސައިލަމުން ޒާމިން އަހައިލީ ކަންބޮޑުވުން އެކުލެވިފައިވި ގޮތަކަށެވެ.

"އަދިވެސް އަވަސްކަމުން ކާން ނައިސް ދެމީހުން ތިބީ ދޯ.. އަހަންނަކަށްވެސް މުޅި ރޭ ތަށިމަތިބަލާށޭ ކިޔާފަ މިތަނަކު ނުހުރެވޭނެ.." ބަދިގެ ތެރެއިން ނުކުން ހުމޭދާއަށް ސިޓިންގްރޫމް މެދުގައި ހުއްޓިތިބި އާރިޒް އާއި ޒާމިން ފެނުމުން ހިތްހަމަނުޖެހިފައި ކުދިކިޔައިލިއެވެ. މޫނަށް ވައްތަރެއް ޖައްސައިލަމުން އަވަސް އަވަހަށް މިދަނީއޭ ޒާމިން ބުނެލިއެވެ.

"މަންމަ ވަރަށް މޫޑީވެގެން އުޅޭ ރެއެއް.. އަވަހަށް ހިނގާ ދަމާ.. ކައިގެން ދެން ވާހަކަދައްކާނީ.." ލާނެއް ހިންޏެއް އައިސްފައި ހުރެ ޒާމިން ބުނެލިގޮތުން އާރިޒްވެސް ހިނިއަންނަގޮތް ވިއެވެ. ބޮޑުދައިގެ އެހުންނަ ރުންކުރުކަމަށް އޭނާވީ އާދަވެފައެވެ. ކިރިޔާވެސް އެގޭތެރެއިން އޭނާއަށް ގާތްކަމެއް އިހުސާސުވަނީ ބޮޑުދައިތަގެ ތިންކުދިންގެ ފަރާތުންނެވެ. އެތަނުންވެސް ޚާއްސަކޮށް އޭނާ އާއި ޒާމިންއާ ދެމެދުގައިވި ގުޅުން ވަރުގަދައެވެ. ގާތްތިމާގެ ކަމުގެ ގުޅުމުގެ އިތުރުން އެދެމެދުގައިވީ ޒަމާނީ އެކުވެރިކަމެކެވެ. އެކުގައިއުޅެ ބޮޑުވުމުން ކަންނޭނގެއެވެ. އޭނާގެ ހިތުގައިވާ ކަންކަން ޒާމިން ދެނެގަންނަލެއް ނުހަނު އަވަހެވެ. ޒާމިންގެ ސުވާލުތަކަށް އެއްވެސް ޖަވާބެއް ނުދިނީވެސް އެހެންވެއެވެ. ބުނެވޭ ކިތަންމެ ކުޑަ އެއްޗަކުންވެސް އެހިތުގެ ހާލު ޒާމިން ދެނެގެންފާނެތީ އާރިޒް ކަންބޮޑުވީއެވެ.

ކައިނިންމައިގެން އައިސް ގޭގެ ހިޔާކޮށްފައިހުރި ބައިގައި ބަހައްޓާފައިހުރި އުނދޯލީގައި ދެމީހުން އިނށީނެވެ. އެއްވަރަކަށް ވެހެމުންދިޔަ ވާރޭގެ އެތައްހާސް ތިކިތަކަށް ނަޒަރު ހުއްޓައިލައިގެން އިނދެފައި ޒާމިން ބަލައިލީ އާރިޒްގެ މޫނަށެވެ. ކަމެއް ދެނެގަންނަން އުޅޭ މީހަކު ފަދައިންނެވެ. ވޭތުވެދިޔަ މަދު ދުވަސްކޮޅުގައި އާރިޒްއަށް ކޮންމެވެސް ކަހަލަ ބަދަލުތަކެއް އައިސްފިކަން ޒާމިންއަށް ޔަގީންވެއެވެ. އެކަމުގެ ފަހަތުގައިވި ސަބަބު އެނގެން އޭނާ އިނީ ބޭނުންވެފައެވެ.

"ދޮގު ނުހަދާ ތެދަށް ބުނެބަލަ.. އާޒް އަހަންނަށް ކޮންމެވެސް ކަމެއް އެބަ ސިއްރުކުރަން ދޯ.. މިފަހަކަށް އައިސް ހާދަ ފާޑަކަށޭ ތިއުޅެނީ.. ކޮންމެވެސް ޚިޔާލަކަށް ގެއްލިފަ ހުންނަހެން ހީވާ ވަގުތުތައްވެސް މަދެއްނޫން.. އަހަންނަށް ޔަގީންވޭ ކޮންމެވެސް ކަމެއް ވެއްޖެކަން.. ސީދާ ކޮންކަމެއްކަން ބުނެދޭން ނޭނގުނަސް އަހަންނަށް ހާދަ ހީވެއޭ ތިބަދަލާ ކޮންމެވެސް އަންހެންކުއްޖަކާ ގުޅުމެއްވާހެން.." ލާނެތް ގޮތަކަށް ހީނލަމުން ޒާމިން ބުނެލިއެވެ. އެވާހަކަތަކަށް ދޭނެ ޖަވާބެއް އާރިޒްގެ ސިކުނޑިއަކަށް ނައެވެ. އޭނާ އަކީ އެއްވެސް އިރެއްގައި އެއްވެސް ކަމަކާ ގުޅުވައިގެން ދޮގުހެދި މީހެއް ނޫނެވެ. ވަކި އެއްޗެއް ބުނަން އުނދަގޫވީ އެހެންވެއެވެ.

"ތިހިމޭންކަން އަހަރެންގެ ވާހަކަތަކުގައިވީ ތެދުކަން ހާމަކޮށްފި.. އޯ މައި ގޯޑް.. އާޒްއަށް ލޯބިވެވުނީތަ.. މިއޮއް ހުރިހާ ދުވަހު އަންހެންކުދިންނާ ދުރުން އުޅެނިކޮށް އެންމެ ފަހުން ތިހިތާ ހަމައަށް އަންހެންކުއްޖަކަށް ވާސިލް ވެވިއްޖެ ދޯ.. ބުނެބަލަ.. އެއީ ކޮންކުއްޖެއް.. އަނެއްކާ އަހަރެން ދަންނަ ކުއްޖެއްތަ.. މިރަށު ކުއްޖެއްތަ.."

"ސާބަސް.. ޒާންޓެ ހަމަޖެހިބަލަ.. އަހަރެން ނުބުނާކަށް ނޫޅެން.. އެކަމަކު އަދި އެހަށް އެވާހަކަ ދައްކާކަށް ބޭނުމެއްނޫން.." ޒާމިންގެ ވާހަކަތައް ހުރިގޮތުން ކޮންމެވެސް ވަރަކަށް އާރިޒް ރަކިވާގޮތްވިއެވެ.

"އައްދެ.. މިހުންނަނީ ފަސްކުރެވޭކަހަލަ ވާހަކަތަކެއް ނޫނެއްނު.. އެހެން ނޫނަސް އަހަރެންމީ އާޒްގެ އެންމެ ގާތް މީހަކީ.. އަހަންނަށް ކޮންކަމެއް ސިއްރުކުރާކަށް.. ދެން އެކަމަކު އާޒް ބުނަން ބޭނުން ނުވަންޏާ އިތުރަށް މަޖުބޫރުކުރާކަށް ބޭނުމެއްނޫން.. އެހެންވިއަސް އެންމެ ކުޑަމިނުން އަހަރެންގެ މިސުވާލަށް ޖަވާބުދީބަލަ.. އެކުއްޖަކު ގާތު އާޒްއަށް ފީލްވާގޮތް ބުނެފިންތަ.." ޒާމިންގެ ވާހަކަތައް އަޑުއަހަން އިނދެފައި އާރިޒް ލަސްލަހުން ދެފަރާތަށް ބޯހޫރައިލިއެވެ. "ކޮންއިރަކުން ބުނަނީ.. ތިހެން ލަސްކުރަން ހުއްޓަ ތެޔޮނާށި ކާޅު ޖަހައިގަންނަތަން ފެންނާނީ.. އެހެންވީމަ ދެންވެސް ލަސްނުކޮށް އަވަހަށް ބުނެބަލަ.." އާރިޒްގެ ކޮނޑުގައި މަޑުމަޑުން ޖަހައިލަމުން ޒާމިން ބުނެލިއެވެ. އާރިޒްއަށް އަންހެންކުއްޖަކު ޚާއްސަވީ ފުރަތަމަ ފަހަރަށްކަން ޒާމިން ދެނެހުއްޓެވެ. އެއީ ކޮންމެ ކުއްޖަކަށް ވީ ނަމަވެސް އާރިޒްގެ އަލަތު ލޯބި އޭނާ އަށް ގެއްލޭކަށް ޚުދު ޒާމިންވެސް ނޭދެއެވެ.

"ނޫނެކޭ ބުނެފާނެތީ ޖެހިލުންވަނީ.. އަހަންނަކީ އެއްވެސް ގޮތެއްނެތް މީހެކޭ ހީކުރާކަށް ބޭނުމެއްނޫން.." އިރުކޮޅެއްގެ ހިމޭންކަމަށްފަހު އާރިޒް ދުލުން ބޭރުކޮށްލީ އޭނާއަށް އުނދަގޫކުރަމުންދިޔަ ޚިޔާލުތަކެވެ. "ތިއެއްވެސް އެނގޭނީ ބުނީމައެއްނު.. އާޒް.. ލޯބި ވުމަކީ މީހާ ވިޔާނުދާ ނޫނީ ގޮތެއްނެތް މީހަކަށް ވުމެއް ނޫނެއްނު.. އެހެންނޫންނަމަ އަހަރެމެންގެ ތެރެއިން އެކަކުވެސް ލޯތްބެއް ނުވާނެތާ.. ތިކަހަލަ ބޭކާރު ޚިޔާލުތައް ނުކުރޭ.. އަހަރެން ދޭނެ އިތުރު ނަސޭހަތެއް ނެތް.. ލަދަކާ ހުރެ ތަދެއް ނުފިލާނެ.." ނިތްއަރުވައިލި ޒާމިންގެ އަޑުގައިވީ ދިމާކޮށްލާފަދަ ގޮތެކެވެ. ފަނޑުކޮށް ހިނިތުންވެލި އާރިޒް ބޯޖަހައިލީ ޒާމިންގެ ވާހަކަތަކާ އެއްބަސްވަމޭ ބުނެލުމުގެ ގޮތުންނެވެ. އެއާއެކު އާރިޒްގެ ކޮނޑުގައިހިފައި ޒާމިން ކުޑަކޮށް ތަޅުވައިލީ އޭނާއަށް ހިތްވަރުދޭފަދަ ގޮތަކަށެވެ.

ފަހަތުގައި އެދެމީހުންގެ ވާހަކަތައް އަޑުއަހަން މީހަކު ހުރިކަމެއް އެމީހުން ނުދެނަހުއްޓެވެ. އިވުނު ވާހަކަތަކުން އެތަނުގައިހުރި މީހަކު ދެލޯބޮޑުކޮށްލަމުން އަނގަމަތީގައި އަތްއަޅައިލީ ގަބޫލުކުރަން ދަތިވީވަރުންނެވެ. "އަނެއްކާ.. އާޒް.. އެބުނަނީ.. ނޫން ނޫން.. އެހެންވެދާނެތަ" އިވުނު ވާހަކަތަކާމެދު ފުންކޮށް ވިސްނައިލެވުމުން، އެމީހެއްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އެއާއެކު އެ ދެލޯ ވިދައިގަތީ ހިތަށް އެރި އެއްޗަކުންނެވެ.

(ނުނިމޭ)

Ads by Allied Insurance
  1. ޥަރަ ރިތި

  2. ރީޑާ

    ތަންކޮޅެއް ހާސަރުގިނައީ އެހެންވެ ސްޓޯރީލައިން ކުރިޔަށް ދަނީ ސްނެއިލް ސްޕީޑްގަ. އެހެންވެ އިންޓްރެސްވާގޮތެއް އަދިއެއްނެތް..