ކުރީގެ އަނބިމީހާއަށް އަނިޔާކުރި ފުލުހަކު ނުވަ މަހަށް ޖަލަށް

ކުރީގެ އަނބިމީހާއަށް އަނިޔާކުރި ފުލުހަކު 09 މަސް ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރައްވައިފިއެވެ.
މި މައްސަލަ ހިނގީ ޖޫން 2018 ގައެވެ. މި މައްސަލައިގައި އަނިޔާއެއް ދިނުމުގެ ކުށުގެ ދަޢުވާއާއި ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދަޢުވާއާއި މުދަލަށް ގެއްލުންދިނުމުގެ ކުށުގެ ދަޢުވާ އުފުލީ ދ.އަތޮޅަށް ނިސްބަތްވާ ފުލުހެއްގެ މައްޗަށެވެ.
ދަޢުވާގައިވާ ގޮތުން އޭނާ ވަނީ އޭނާގެ ކުރީގެ އަނބިމީހާގެ ގޭގެ ދޮރު ހަލާކުކޮށްލައިގެން ވަދެ ދަރިންގެ ކުރިމަތީގައި އަންހެން މީހާގެ ބޮލުގައި ތަޅައި އަނިޔާކޮށްފައެވެ.
އޭނާ އަންހެން މީހާއަށް އަނިޔާކުރިއިރު، އެ ކައިވެނި ރޫޅުނުތާ 13 އަހަރުވެއްޖެއެވެ.
އޭނާ ދަޢުވާއަށް އިންކާރު ކުރި ނަމަވެސް ދަޢުވާތަކާ ގުޅިގެން ހުށަހެޅިފައިވާ ހެކިތަކަށް ރިޢާޔަތް ކުރައްވައި ކްރިމިނަލް ކޯޓުން އިއްޔެ ނިންމެވީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އެހެންވެ ތިން ދަޢުވާއަށް ޙުކުމް އިއްވެވީ އޭނާ ނުވަ މަހާއި 18 ދުވަހަށް ޖަލަށް ލުމަށެވެ.