ޚަބަރު ޝަރުޢީ ދާއިރާ

ޒަޔާންގެ މަރު: ޝަރީޢަތް އަވަސްކޮށް ދިނުމަށް ޕީޖީން ކޯޓުގައި އެދިއްޖެ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

އައްޑޫ ސިޓީ, ސޮލިޑް, މުޙައްމަދު ޒަޔާން މޫސާ (21 އ) އަށް ތޫނު އެއްޗަކުން ޙަމަލާދީ މަރައިލި މައްސަލައިގެ ޝަރީޢަތް އަވަސްކޮށް ދެއްވުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުއްވައިފިއެވެ.

Ads by STELCO

މިދިޔަ ޖޫން މަހުގެ ދެވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ގުރޫޕު ހަދައިގެން އައްޑޫ ސިޓީގެ ގެއަކަށް ވަދެ ތޫނު އެއްޗަކުން ހަމަލާދީ ޒަޔާން މަރައިލި މައްސަލައިގައި ހަތަރު ކުދިންގެ އިތުރުން ހަތް މީހެއްގެ މައްޗަށް ވަނީ ދަޢުވާ އުފުލައިފައެވެ.

ޕީޖީ ޝަމީމް ޢާންމުކުރެއްވި ލިޔުއްވުމެއްގައި ވިދާޅުވީ މި މައްސަލައިގެ ތަޙްޤީޤު ހިނގައިދިޔަ ގޮތަށް ބެލިއިރު ކުށުގެ ތުހުމަތު ކުރެވޭ މީހުން ތަޙްޤީޤަށް އެކި ގޮތްގޮތުން ނުފޫޒު ފޯރުވުމަށް ކުށުގެ މަސައްކަތް ކޮށްފައިވާކަން އެނގޭ ކަމަށާއި ނަމަވެސް، އެމަސައްކަތް ކާމިޔާބުވެފައެއް ނުވާ ކަމަށެވެ.
އަދި މި މައްސަލައިގައި ހާދިސާ ހިނގައިފައިވާ ގޮތަށާއި ތުހުމަތު ކުރެވޭ މީހުން މިޢަމަލު ހިންގާފައިވާ ގޮތަށް ބަލާއިރު، އެ މީހުންނަކީ، މުޖުތަމަޢަށް އިންތިހާއަށް ނުރައްކާތެރި ބައެއްކަމަށް ޤަބޫލުކުރެވޭތީ، އެ މީހުން މިހާރުވެސް ތިބީ ކޯޓު އަމުރެއްގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.

ނަމަވެސް ޙުކުމެއް ކުރުމުގެ ކުރިން މީހުން ބަންދުގައި ބެހެއްޓުމަށްވުރެ މުހިންމު ކަމަކީ މި މައްސަލައިގެ ޝަރީޢަތް އަވަހަށް ނިންމުންކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ދާދިފަހުން ހިނގައިދިޔަ އުދައްޔުގެ މަރުގެ މައްސަލައިގެ ޝަރީޢަތްތައް ވެސް އަވަހަށް ކުރިއަށް ގެންދެވުމުގެ ސަބަބުން އެ މައްސަލައިގެ ހެކިބަސް ދޭންތިބި މީހުންގެ ފަރާތުން ކޯޓަށް އެއްބާރުލުން ލިބިފައިވާ ކަމަށެވެ.

މި މައްސަލައިގެ ކޮންޓިނިއުއަސް ހިއަރިންގ ތަކެއްގެ ޒަރީޢާއިން ވިޔަސް މައްސަލަ އަވަހަށް ނިންމުމަކީ ވަރަށް މުހިންމު ކަމެއް. އެކަމުގައި މުޖުތަމަޢުގެ މަސްލަހަތާއި ދަޢުވާ ލިބޭ މީހުންގެ މަސްލަހަތުވެސް ހިމެނޭ ކަމެއް. މި މަގަށް މަސައްކަތް ކޮށްދެއްވުން އެދި ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ސިޓީއެއް ވެސް ފޮނުވާފައި އޮންނާނެ.

މި މައްސަލައިގައި ހިމެނޭ 18 އަހަރުން ދަށުގެ ހަތަރު ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއެވެ.

ދެން ތިބި ތިން ކުދިންގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދަޢުވާއެވެ.

މި މައްސަލައިގައި ހިމެނޭ އިތުރު ހަތް މީހުންގެ ތެރެއިން ދެ މީހެއްގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ އުފުލާފައިވާއިރު އަނެއް ފަސް މީހުންގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދަޢުވާ ވެސް ވަނީ އުފުލައިފައެވެ.

އޭގެ އިތުރުން މި އެންމެންގެ މައްޗަށް ކުޑަކުދިން ލައްވާ ކުށްކުރުވުމުގެ ދައުވާ ވެސް ވަނީ އުފުލައިފައެވެ.

ޝަމީމް ވިދާޅުވީ މި މައްސަލައަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން، ޖިނާއީ ކުށެއް ކުރުމުގައި ކުޑަކުދިން ބޭނުންކުރުމުގެ ކުށުގެ ދަޢުވާ، އެންމެ ގިނަ ބައެއްގެ މައްޗަށް ހުށަހެޅުނު މައްސަލަ ކަމަށާއި މިއީ އަދި ފެށުމެއް ކަމަށެވެ. އަދި ކުށްކުރާ ޖަމާޢަތްތަކުން، ކުށްކުރުމުގައި ކުޑަކުދިން ބޭނުންކުރާނަމަ، އެކަމަކީ އޭގެ ޒާތުގައި ދަޢުވާ ކުރެވޭނެ ކުށެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އައްޑޫގައި ނުވަތަ އެނޫން ރަށެއްގައި ވިޔަސް، ކުށްކުރުމުގައި ކުޑަކުދިން ބޭނުންކުރާނަމަ، އެކަމަށް ވަކިން ދަޢުވާ ކުރެވޭނެ. ކުށްކުރުމުގައި ކުޑަކުދިން ބޭނުންކުރުން ނިމުމަކަށް ގެނައުމަށް ޤާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް އަޅުގަނޑުމެން ދާނީ އަޅަމުން.

ޖިނާއީ ކުށެއް ކުރުވުމަށްޓަކައި ކުޑަކުއްޖަކު ރެކްރޫޓްކުރުމަކީ ނުވަތަ ގްރޫމް ކުރުމުގެ ކުށުގެ އަދަބަކީ ތިން އަހަރު ދުވަހަށް ޖަލަށްލުމެވެ. އެ ކުށްކުރީ ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހެއްނަމަ އެ ކުށުގެ އަދަބަކީ ފަސް އަހަރު ދުވަހަށް ޖަލަށްލުމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!