ވާހަކަ

މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަވަނަ ބައި)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
މަގޭ ހާލު ބުނެދެން މިތުރާއޭ... (ޓްރެއިލާރ) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެއްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ދެވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތިންވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތަރުވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނުވަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ދިހަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެގާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ބާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތޭރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސާދަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަނަރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސޯޅަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސަތާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނަވާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ވިހިވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެކާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ބާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތޭވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސައުވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަންސަވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސައްބީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނަވާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަހުބައި)

ހުމޭދާގެ އަޑުއިވިފައި އާރިޒްއަށް ދެލޯމަރައި ބާރުކޮށްލެވުނެވެ. ކަންތައްތައް ގޯހުން ގޯހަށް ދިޔައީކަން ވިސްނި އޭނާ ނުހަނު ޖެހިލުންވިއެވެ. ބޮޑުދައިތަ ކަންތައްކުރާނެ ގޮތެއް ނޭނގޭތީ އިތުރު ހާސްކަމެއް އޭނާގެ ނަފުސުގެ ވަށައިލިއެވެ. ކުށެއް ނުކުރިއެއްކަމަކު ގެންފައިވި ލަދެއްގެ ބޮޑުކަމުން ފަސްއެނބުރި ބޮޑުދައިތައާ ކުރިމަތިލާކަށް އޭނާއަކަށް ނުކެރުނެވެ. ވާންމިއުޅެނީ ކިހިނެއްތޯ އަމިއްލަ ނަފުސާ އޭނާއަށް ތަކުރާރުކޮށް ސުވާލުކޮށްލެވުނެވެ.

Ads by Hajj Corporation

"ޒޭބާ.. ކަލޭ މޮޔަވީތަ.. ހަމަ މިހާރު ހިނގާ އަހަންނާއެކު.." ބާރުހިނގުމެއްގައި އައިސް ޒޭބާގެ އަތުގައި ހިފައި ދަމައިގަންނަމުން ހުމޭދާ ހަރުއަޑުން އަމުރުކޮށްލިއެވެ. އާރިޒްއާ ދިމާއަށް ކަޅިއަޅައިލަމުން ޒޭބާގެ އަތުގައިހިފައި ދަމައިފައިކަހަލަ ގޮތަކަށް ހުމޭދާ މިސްރާބުޖެހީ އޭނާގެ ކޮޓަރިއާ ދިމާއަށެވެ. އައިސްފައިހުރި ގަދަ ރުޅީގައި ހުމޭދާ އަތުންފައިން ގޯހެއް ހަދައިފާނެހެން ހީވެ އެދެމައިން އެކަނި ދޫކޮށްލާކަށް ޒާމިންއަކަށް ނުކެރުނެވެ. އޭނާވެސް އެމީހުންގެ ފަހަތުން ހިނގައިގަތީ އެހެންވެއެވެ. އޭރު ޒޭބާގެ ރުއިމުގެ އަޑު މުޅި ގޭތެރޭގައި ހިފައިލައިފައި ހުއްޓެވެ. ކަރުނަވީ ދެލޮލުން ފަސްއެނބުރި އާރިޒްއާ ދިމާއަށް އޭނާ ބަލަމުންދިޔައީ ކޮންމެވެސް އެއްޗެއް އާރިޒް ބުނާނެކަމަށް ހީކޮށެވެ. އެހެނަސް އިސްޖަހައިލި ގޮތަށް ގުޑިވެސްނުލައި އޭނާ ހުރީއެވެ.

"އަހަރެމެން ފަހުން މިކަމާ ބެހޭގޮތުން ވާހަކަދައްކާނީ.. ކަންބޮޑުނުވޭ ހުރިހާ ކަމެއްވެސް އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ.." އާރިޒް ގޮވައިލިއަޑަށް ހުއްޓެމުން ޒާމިން ބުނެލީ އަވަސްއަރައިފައި ހުރެއެވެ. އެހެންވެ އިތުރަށް އެއްޗެއް ބުނާކަށް އާރިޒްވެސް ގަސްދެއް ނުކުރިއެވެ. ޒާމިން ދާން ދޫކޮށްލީ މިވަގުތު އޭނާ ހުމޭދާ އާއި ޒޭބާ ގާތުގައިހުރުން މުހިންމުކަން ޚުދު އާރިޒްއަށް ވެސް ވިސްނޭތީއެވެ.

"ލަދުކުޑަ ކުއްޖާގަނޑު.. ހުރި ގޮތްކުޑަކަން ބަލާލަބަލަ.. ޒޭބާ ލަދެއްވެސް ނުގަތްތަ އެވަރުގެ ވާހަކަތަކެއް ދައްކާކަށް.. ބަލަ އެއީ ކަލޭގެ ބޭބެއެކޭ.." ޒޭބާގެ ދެކޮނޑުގައި ހިފައި ތަޅުވައިގަންނަމުން ހުމޭދާ ހަޅޭއްލަވައިގަތެވެ. ހުމޭދާގެ އަޑަށް އިސްއުފުލައިލައި އޭނާއާ ދިމާއަށް ޒޭބާ ބަލައިލީ ނުރުހުންވެފައި ހުރެއެވެ.

"އަހަރެން ނުދެކެން އެއީ ބޭބެއެއް ކަމަކަށް.. ކޮބާތަ މައްސަލައަކީ މަންމާ.. އަހަންނާ އާޒްގެ ކައިވެނި ހުއްދަވާނެ.. އަހަރެންމީ އެވަރު ނުވިސްނޭކަށް ކުޑަކުއްޖެއް ނޫނޭ.." ދަތްތައް ޖައްސައި ބާރުކޮށްލަމުން ޒޭބާ ބުންޏެވެ. އެއާއެކު ފެނުނީ ހުމޭދާގެ އަތުގެ ހޫނު ހަމަލާއެއް ޒޭބާގެ ކޯތާފަތަށް އަރައިގެންދިޔަ ތަނެވެ. ޒޭބާގެ ވާހަކަތަކުން އިތުރަށް އޭނާއަށް ކެތްނުވީއެވެ. "މަންމާ.. ތިގޮތަށް ތަޅާ އަނިޔާ ކުރިޔަސް ކަންކަން ހައްލެއް ނުވާނެ.. ޒޭބްއަށް ރަނގަޅަށް ވިސްނަދީބަލަ.." ކޮޓަރިތެރަށް ވަދެގެން އައި ޒާމިންއަށް އެމަންޒަރުފެނި ބުނެލިއެވެ. އެހެނަސް ޒާމިންގެ އަޑު ހުމޭދާއަށް އިވުނުހެނެއް ހިއެއްނުވެއެވެ. އޭނާ ހުރީ އެހެންމީހަކު ކިޔާ އެއްޗެއް ވިސްނޭވަރަށްވުރެ ރުޅިގަދަވެފައެވެ.

"ދޮންބޭ ޕްލީޒް.. އަހަރެން އާޒްދެކެ ވަރަށް ލޯބިވޭ.. އަހަންނަށް އާޒްއާ ނުލާ ނޫޅެވޭނެ.. ވަރަށް ދުވަސްވަންދެން ކެތްކޮށްފިން.. ދޮންބެ އާޒްއާ ވާހަކަދައްކަބަލަ.. އޭނަ ދޮންބެގެ ވާހަކަތައް ގަބޫލުކުރާނެ.." ލިބުނު ހަނި ފުރުސަތުގައި ހުމޭދާގެ އަތްދަށުން ދެމިގަންނަމުން ޒާމިންއާ ކުރިމަތިލައި ޒޭބާ އާދޭސްކޮށްލިއެވެ. ކޮއްކޮގެ ހިތްދަތިކަންފެނި ޒާމިންއަށް ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނެވެ. ޒޭބާއަށް ވިސްނައިދޭނެ ގޮތަކާމެދު އޭނާ ފިކުރުހިންގައިލިއެވެ.

"ޚަބަރުދާރު.. ދެވަނަ ފަހަރަށް ތިވާހަކަތައް އަޑުއަހާކަށް އަހަރެން ބޭނުމެއްނޫން.. ޒޭބާ ހީވަނީ އަހަރެމެންގެ އަގު ވައްޓާނުލެވިގެން އުޅޭހެން.. މިކަން ކަލޭގެ ބައްޕައަށް އެނގިއްޖެއްޔާ ވާނެގޮތެއްވެސް ނޭނގެ.. މިއޮއް ބޮޑު ދުނިޔެއިން ހިތާވާންވެސް ފެނުނީ އެ އާރިޒް ދޯ.. އާން އެހެންނުވާނީ.. މިގެއަށް އައިސް އަހަރެންގެ ދަރީގެ ބޯ ރަނގަޅަށް ކާލީވިއްޔަ.. މަޑުމަޑުން ހުއްޓަސް އޭނާގެ ހުރި ނުލަފާކަން ނިކަން ދެކިބަލަ.. އެމަޅީގަ ޖައްސަންވެސް އޭނާއަށް ފެނުނީ އަހަރެންގެ ދަރިތަ.. ޒޭބާވެސް ހީވަނީ އަލަށް ފިރިހެނަކު ފެނިގެން އުޅޭހެން.. މިއޮތީ ވަރުގަދަ މުސީބާތެއް ޖެހިފަ.. ދެފައިމައްޗަށް ތެދުވެ އަމިއްލައަށް އުޅެވޭނެގޮތް ފެނުނީމަވެސް އެފިރިހެނާއަކަށްވެސް ނޭނގުނުވިއްޔަ މިގެއިން ނުކުމެގެން ދާކަށް.. އަދިވެސް އަހަރެމެންގެ ތައްޕާހުގަ އުޅެންވަނީ.. އެއުޅެނީ ކޮންމެވެސް ގޮތަކުން މިގެއަށް ގަދަވެގަންނާނެގޮތެއް ނުފެނިގެން.. ލާހިކެއްނޫން މަގޭ ދަރިއަކަށް އެއާރިޒްއާ ކައިވެނިކުރާކަށް.."

"ސާބަސް މަންމައަށް.. މީހަކުދެކެ ނުރުހުނަސް ތިދެން ތަންކޮޅެއް ބޮޑުވަރު.. އާޒް އެބައުޅޭތަ މިގެއާވެގެން.. އޭނަ ނޫޅޭ އެއްވެސް އިރަކު ޒޭބާއާ ހިތާވާން ބޭނުންވެގެންނެއްވެސް.. މަންމައަކަށް ނީވުނުތަ ޒޭބާ އެގަޑީ ދެއްކިވާހަކަތަކެއް.. ޒޭބާ އާރިޒްދެކެ ލޯބިވިއަސް އާރިޒް ޒޭބާދެކެ ލޯތްބެއް ނުވެއޭ.. ދެން ތިދައްކަނީ އާޒް މިގެއިން ނުކުމެގެންދާން ނޫޅޭ ވާހަކަ.. ބަލަ އޭނާގެ އަހަރުން ފިޔަވާ އެނބުރިދާނެ އާއިލާއެއް ނެތޭ.. މަންމައަށް އެވަރުވެސް ނުވިސްނުނުތަ.. އަހަރެން ހީކުރީ މިއޮއްހުރިހާ ދުވަހެއްވީއިރު ކޮންމެވެސް ވަރެއްގެ ކުލުނެއް އާޒްގެ މައްޗަށް ހުންނާނެކަމަށް.." ހުމޭދާގެ ވާހަކަތައް ހުއްޓުވަމުން ޒާމިން ވާހަކަދެއްކީ ހިތްހަމަނުޖެހިފައި ހުރެއެވެ. އެއްވެސް ހަގީގަތެއްނެތް އިލްޒާމްތަކެއް އާރިޒްގެ ބޮލުގައި އެޅޭކަށް ޒާމިން ނޭދެއެވެ.

"ހޫން.. އަހަންނަށް އެނގެއޭ މާކުރިންވެސް ޒާމިންއަށް ރަނގަޅުވާނީ އެ އާރިޒްކަން.. ކޮންމެ ގޮތަކަށް ދެކުނަސް ހެޔޮ.. އަހަންނަށް ރަނގަޅީ އާރިޒް މިގެއާ، އަދި އަހަރެންގެ އާއިލާއާ ވީހައިވެސް ދުރަށް ދިޔައްޔާ.. އެނޫން ގޮތަކަށް މިކަން ހުއްޓުވޭނޭ އަހަރެންގެ ހިތެއް ނުބުނޭ.. އަހަންނަކަށް ހަތަރުދަމު ގެއަކު ނުހުރެވޭނެ ޒޭބާއަށް ފާރަވެރިވެގެންނެއް.. މިއަދުވެސް އެހާ ކުޑަ ވަގުތުކޮޅަކަށް ބޭރަށް ގޮސްލާފަ އައިއިރު އެހުރީ ފެނުނު މަންޒަރު.." މޫނަށް ވައްތަރެއް ޖައްސައިލަމުން ހުމޭދާ ބުނެލިގޮތުން ޒާމިން ޕިސް ޖަހައިލަމުން ދެފަރާތަށް ބޯހޫރައިލިއެވެ. ނުރުހުމުގެ ނަޒަރަކުން ޒޭބާ އާއި ހުމޭދާއަށް ބަލައިލުމަށްފަހު އޭނާ ހިނގައިގަތީ އެކޮޓަރިން ނުކުންނާށެވެ. ވާހަކަތަކެއް ދެއްކިއަކަސް އެއިން އެއްވެސް ފައިދާއެއް ނުކުރާނެކަން އޭނާއަށް ވިސްނުނީއެވެ.

ކޮޓަރިން ނުކުމެ ތަންކޮޅަކަށް ގޮސްފައި ކުއްލިއަކަށް އޭނާ ފަސްއެނބުރި ބަލައިލިއެވެ. ހުމޭދާގެ ކޮޓަރީ ދޮރު ކައިރީ އިސްޖެހިފައިއިން އާރިޒް އޭނާގެ ލޮލުގައި އަޅައިގަތެއެވެ. ކަންބޮޑުވެފައި އޭނާއަށް މަޑުމަޑުން އާރިޒްގެ ނަމުން ގޮވައިލެވުނެވެ. ދާދި ދެންމެއަކު ހުމޭދާ ދެއްކި ވާހަކަތައް އާރިޒްއަށް އިވުނީކަން ޔަގީންވީ އެމޫނުމަތީގެ ކުލަވަރުންނެވެ. ހާސްވެފައި ޒާމިން އާރިޒްއާ ދިމާއަށް ފިޔަވަޅެއް އަޅައިލިއެވެ. އެއާއެކު އެއްވެސް އެއްޗެއް ބުނުމެއްނެތި ހަލުވި ފިޔަވަޅުތަކެއްގައި އާރިޒް ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. އެތަންފެނިފައި ޒާމިންއަށް މޫނުގައި އަތްކާއްތައިލެވުނީ ކަންބޮޑުވީ ވަރުންނެވެ. އެގެއިން ނުކުމެގެން ދާކަހަލަ ޚިޔާލެއް އާރިޒް ކޮށްފާނެތީ އޭނާ ޖެހިލުންވީއެވެ.

ހަޔާތުން މަޑުމަޑުން ދުވަހަކަށްފަހު ދުވަހެއް ފާއިތުވެދާން ފެށިއެވެ. އެ ހާދިސާއަށްފަހު އާރިޒް މަސައްކަތް ކުރަމުންދިޔައީ ހުމޭދާގެ ކުރިމައްޗަށް ނާރައި ވޭތޯއެވެ. ޒޭބާއާވެސް ކުރިމަތިލާކަށް އޭނާ އިތުރަކަށް ބޭނުމެއްނުވިއެވެ. ދެންކަންތައް ކުރާނެ ގޮތަކާމެދު ވިސްނަމުންގޮސް އޭނާ ގޮތެއް ނިންމިއެވެ. ދެރަވިއަސް ހުމޭދާގެ ވާހަކަތައް ކޮންމެވެސް ވަރަކަށް އާރިޒްއަށް ގަބޫލުކުރެވުނެވެ. ޒޭބާ އޭނާއާ ދުރުވާނެ ހަމައެކަނި ގޮތަކީ އެމީހުންގެ ދިރިއުޅުމުން އާރިޒް ދުރަށްދިއުމެވެ. ވީއިރު އިތުރަށް އެގޭގައި ބޭކާރު ދުވަސްތަކެއް ވޭތިކުރާކަށް އޭނާ ބޭނުމެއްނުވެއެވެ. ކުރިއަށް ދާންވީ ރާސްތާ ސާފުވުމާއެކު އާރިޒް ބޭނުންވީ އެނިންމުމުގައި އަމަލީ ސިފަ ޖެއްސުމަށެވެ.

"ތީ ހަމަ އާޒްގެ އެންމެ ފަހު ނިންމުންތަ.. އާޒްއަށް ޔަގީންތަ.." ރެސްޓޯރެންޓްގެ މޭޒު ދޮށުގައި ކޮފީބޯން އިން ޒާމިން ގަބޫލުނުކުރެވިފައި އެއްސެވެ. އެންމެފަހުން އޭނާ ޖެހިލުންވެގެން އުޅުނުކަންތައް ވަނީއެވެ. އާރިޒް ހަގީގަތުގައިވެސް އެގެ ދޫކޮށްފައި ދާން ވިސްނީއެވެ. ހަމައެކަނި ގެއެއްނޫނެވެ. އާރިޒްގެ ވިސްނުންހުރީ އުޅެބޮޑުވި އެފަސްގަނޑުވެސް ދޫކޮށް ދިއުމަށެވެ. ބޮޑުދައިތަގެ ނުރުހުމުގައި އެގޭގައި މަޑުކުރަން ބޭނުންނުވީއެވެ. ރަށުން ގެއެއް ކުއްޔަށް ހިފައިގެން ގޮސްފިނަމަ އެހެންމީހުން ކުރިމަތީގައި ހުމޭދާގެ އަގުވެއްޓިދާނެތީ އެގޮތް އާރިޒް އަށް ކަމުނުދިޔައީއެވެ.

"އަހަންނަށް އެނގޭ އަހަރެން ދާން ޒާންޓެ ބޭނުންނުވާކަން.. އެކަމަކު މީ މިވަގުތައް އެންމެ ރަނގަޅު ގޮތް.. ނޫންތަ.. އަހަރެންގެ މަގާމުގަ ހުރެ ވިސްނާލީމަ ޒާންޓެއަށްވެސް އެނގޭނެ މިބުނާ އެއްޗެއް.. މިދިޔަ ދުވަސްތަކު އަހަރެން ވަރަށް މަސައްކަތް ކުރީން.. ﷲ ގެ އިރާދަފުޅާއެކު އަހަންނަށް މާލޭގެ ހޮސްޕިޓަލަކުން ވަޒީފާ ހަމަޖެހިއްޖެ.. މިހާރު ބޭނުންވަނީ ވީހައިވެސް އަވަހަށް ދާން.." ކުރިމަތީގައިހުރި ކޮފީ ޖޯޑަށް ނަޒަރު ސީދާކޮށްލައިގެން އިނދެ އާރިޒް ބުންޏެވެ. ބުނާނެ އެއްޗެއް ނޭނގުމުން ޒާމިން ހަމައެކަނި ބޯޖަހައިލީއެވެ. ކޮންމެ އެއްޗެއް ބުނިނަމަވެސް ދެން އާރިޒްގެ ނިންމުން ބަދަލުނުވާނެކަން އޭނާއަށް ޔަގީންވީއެވެ.

"އެކޮޅުގަ ހުންނާނެ ތަނެއް ހަމަޖެހިއްޖެތަ؟" އިރުކޮޅެއްގެ ހިމޭންކަމަށްފަހު ޒާމިން އަހައިލިއެވެ. ފުންނޭވައެއް ދޫކޮށްލަމުން ލަސްލަހުން އާރިޒް ދެފަރާތަށް ބޯހޫރައިލިއެވެ. "ޓްރައިންގް.. އެކަމަކު އަދި ކާމިޔާބެއް ނުވޭ.." މާޔޫސްކަން އާރިޒްގެ މޫނުން ފައުޅުވިއެވެ.

"އަހަރެންގެ ވަރަށް ގާތް ރަށްޓެއްސެއް ހުންނާނެ.. އޭނަ ގާތު ބުނަނިކޮށް ތިކަން ހަމަޖައްސަދޭނެ.. އެހެންމަ އާޒް ކަންބޮޑުނުވޭ.. ތިކަމާ އަހަރެން އުޅޭނަން.. ދެން ބުނަން.. ދުރުގަ ހުއްޓަސް އަހަންނަށް ބަރާބަރަށް ހަބަރުވާންވާނެ.. އަހަރެންމަތިން ހަނދާންނައްތާލައިގެން ނުވާނެ.. މިރަށުގަ އަބަދުވެސް އާޒްއަށް ހެޔޮއެދޭ މީހަކު ހުރިކަން ދަންނާތި.. ކަމެއް ބޭނުންވެއްޖެއްޔާ ނުބުނެ ނުހުންނާތި.." ފަނޑު ހިނިތުންވުމަކާއެކު އާރިޒްގެ ކޮނޑުގައި ޒާމިން ޖަހައިލިއެވެ. ޒާމިންގެ ވާހަކަތަކުން އާރިޒްގެ މޫނުމަތިންވެސް ހިނިތުންވުން ފައުޅުވެލިއެވެ. އެފަދަ އޯގާތެރި އެންމެ ފަރާތެއްވިއަސް އޭނާގެ ހަޔާތުގައި ލެއްވީތީ ޙަމްދުކޮށްލެވުނެވެ. ޒާމިންގެ ހެޔޮކަން ދުވަހަކުވެސް އޭނާ ހަނދާންނައްތައި ނުލާނެއެވެ.

* * * * *

މޫސުން ރީތިކޮށް އޮތުމަށްފަހު ކުއްލިއަކަށް ގޯސްވާންފެށީ އާރިޒް ފުރަން ހަމަޖެހިފައިއޮތް ދުވަހާ ދިމާކޮށެވެ. ލާންޗް ކައިރީ ހުރެފައި އާރިޒް އުޑުމައްޗަށް ނަޒަރު ހުއްޓައިލިއެވެ. ހީވަނީ ދެންމެ ދެންމެ ކެރިގަނޑުގެ އަސަރުކޮށްފާނެހެނެވެ. ކަނޑު ގަދަވެ އުފެދެމުންދިޔަ ބިޔަ ރާޅުތައްވެސް އަންނަންއޮތް ތޫފާނުގެ އިންޒާރުދޭ ކަހަލައެވެ. ނަމަވެސް ދަތުރު ކެންސަލް ނުވާތީ އަނބުރައި ގެއަށް ދިއުމުގެ ޚިޔާލެއް އޭނާގެ ނެތެވެ. ފުރާގަޑި ޖެހުމުން ގާތުގައިހުރި ޒާމިން އާއި ޒިމާމްއާ ސަލާމްކޮށްލަމުން އާރިޒް ލާންޗަށް އަރަން ހިނގައިގަތެވެ. އާރިޒްފަދަ ރަނގަޅު މުވައްޒިފެއް ވަކިވެގެންދާތީ ދެރަވިނަމަވެސް ޒިމާމްވެސް އެދެނީ އާރިޒްއަށް ކުރިއެރުން ލިބުމަށެވެ. ލާންޗް ނައްޓައިލިއިރުވެސް ބަނދަރުމަތީގައި ބަލަހައްޓައިގެން އެދެމީހުން ތިއްބެވެ.

މާލެއަށް ލެފުމާއެކު އެންމެ ފުރަތަމަވެސް އާރިޒް ގުޅީ ޒާމިންއަށެވެ. ސަލާމަތުން އާދެވުނުކަމުގެ ޚަބަރު ދިނުމަށެވެ. އިރުކޮޅަކު ވާހަކަދައްކައިލުމަށްފަހު އޭނާ ފޯނު ބޭއްވިއެވެ. އަދި ޒާމިން ފޮނުވައިފައިއިން އެޑްރެހަށް ބަލައިލަމުން މަގުމައްޗަށް ނަޒަރު ހިންގައިލީ ޓެކްސީއެއް ހޯދުމުގެ ނިޔަތުގައެވެ.

އަތުގައި އޮތް ފޯނަށް ބަލަހައްޓައިގެން ހިތްހަމަނުޖެހިފައި މެހެރީން އިނެވެ. ޑިއުޓީގަޑިވެސް ނިމުމުން އިތުރަށް ހޮސްޕިޓަލުގައި މަޑުކުރުމުގެ ޚިޔާލެއް އޭނާ ނުކުރިއެވެ. އިންތަނުން ތެދުވަމުން މޭޒުމަތީގައި ހުރި އަތްދަބަސް ކޮނޑުގައި އަޅުވައިލުމަށްފަހު އޭނާ މިސްރާބުޖެހީ ކެބިންއިން ނުކުންނާށެވެ.

މަގުމައްޗަށް ނުކުމެ އޭނާ ދެފަރާތަށް ބަލައިލިއެވެ. އުޑުމަތި ބަނަކޮށްލައިފައި އޮތްވަރުން ހީވަނީ ދެންމެ ދެންމެ ވާރޭ އޮއްސައިގެންފާނެހެނެވެ. އަތުގައިއޮވެ ރިންގްވަމުންދިޔަ ފޯނަށް ނަޒަރު ހުއްޓައިލުމާއެކު ނުރުހުމުގެ އަޑެއް އޭނާގެ އަނގައިން ނުކުތެވެ. ފުންނޭވާއެއް ފަޒާގެ ތެރަށް ދޫކޮށްލަމުން ހަލަބޮލިވަމުންއައި ނަފުސު ހަމައަކަށް އަޅުވަން އޭނާ މަސައްކަތްކުރިއެވެ. "މިހާރު ނުކުތީއާ ކަންނޭނގެ ވާރޭ އޮއްސައިގަންނަންވާއިރަށް ގެއާ ހަމައަށް ފޯރާނީ.." އުޑުމައްޗަށް ނަޒަރެއްދެމުން އަމިއްލަ ޟަމީރާ މެހެރީން ވާހަކަދެއްކިއެވެ. އަދި ހަލުވި ފިޔަވަޅުތަކެއްގައި އައިސް ހޮސްޕިޓަލުގެ ޕާރކިން ސަރަހައްދުގައި އޮތް އޭނާގެ ކާރަށް އަރައި ސްޓާރޓް ކޮށްލިއެވެ.

މެހެރީންއަށް ދެވުނީ ތަންކޮޅަކަށެވެ. ވާރޭގެ ބޮޑެތި ތިކިތައް އޮއްސައިގަތީ އިންޒާރަކާނުލައެވެ. އިހުނަށްވުރެ އޭނާ ދުވެލިބާރުކޮށްލީ އަވަހަށް ގެއަށް ދާން ބޭނުންވެފައި ހުރިވަރުންނެވެ. ވިއްސާރަ ދުވަހެއްކަމުން ފުދޭވަރަކަށް މަގުތަކުގައި ދުއްވާ އުޅަނދުތައްވެސް މަދު ވަގުތެކެވެ. އެހެނަސް ވެހެމުންދިޔަ ބޯވާރޭގައި މަގުމަތި ސާފުކޮށްފެންނަނީ ކިރިޔާއެވެ. ހިތްއަވަސްވެފައި އިން މެހެރީން އަނެއްކާވެސް ރިންގްވާންފެށި ފޯނަށް ބަލައިލިއެވެ. ދެފަރާތަށް ބޯހޫރައިލަމުން އޭނާ މަގުމައްޗަށް ސަމާލުވެލި ވަގުތު ދުވެފައި ބުޅަލެއް ކާރު ކުރިމަތިން ހުރަސްކޮށްލިހެން ހީވިއެވެ. އޭގެއިން ރެކުމަށްޓަކައި މެހެރީނަށް ކާރު އަނބުރައިލެވުނީ ވިސްނައިނުލައެވެ. ހަދާލެވުނު ގޮތަކުން ކާރު ކޮންޓްރޯލުން ނެއްޓި ކަހާލައިގެންދިޔަފަދަ އިހުސާސެއް މެހެރީންނަށް ކުރެވުނެވެ. މަގުގެ އަނެއްފަރާތަށް މަޑުކޮށްލި ޓެކްސީއަކާ ދިމާއަށް ޒުވާނަކު ދުއްވައިގަތީވެސް އެވަގުތުއެވެ. ދެލޯބޮޑުކޮށްލަމުން މެހެރީނަށް ހަޅޭއްލަވައިގަނެވުނެވެ. އެހެނަސް ކާރުތެރޭގައި އޭނާގެ އަޑު ހިނދޭގޮތްވީއެވެ. ކާރުގެ ބުރެކި ޖެއްސުމަށް މެހެރީންކުރި މަސައްކަތް ބޭކާރުވެ ކުއްލިއަކަށް ކާރުގައި އެޒުވާނާ ޖެހިފައި މާދުރަށް އޭނާ ވިއްސައިގެން ދިޔައެވެ. އެއާއެކު މެހެރީންގެ ކާރު އެއްފަރާތެއްގައި ހުރި ހޮޅިދަނޑިއެއްގައި ޖެހިފައި މަތަވެއްޖެއެވެ. ހުރިހައިކަމެއް ހިނގައިދިޔައީ އެސްފިޔަޖަހައިލައިހައި މަދު ސުކުންތުކޮޅެއްގެ ތެރޭގައެވެ. ކާރުގެ ބިއްލޫރިގަނޑުގައި ޖެހިފައި މެހެރީންގެ ނިތްކުރިމަތި ފަޅައިގެންދިޔައިރު، އޭނާގެ ބޮލަށްވެސް ހުރީ އެނބުރުންއަރާގޮތްވެފައެވެ. ދެލޯބޮޑުވެފައި އިނދެ ފުންނޭވާތަކެއް ލަމުން އޭނާ ދިޔައިރު، ދާދި ދެންމެއަކު ހިނގި ހާދިސާއާ މެދުގައި ވިސްނައިލެވުނެވެ. ނަސީބަކުން މާބޮޑު އަނިޔާތަކެއް މެހެރީންގެ ބޭރުފުށުން ލިބިފައިހުރިކަމަކަށް ނުފެނެއެވެ. ﷲ އަށް ޙަމްދުކޮށްލި ވަގުތު ކާރުގައިޖެހިފައި ވިއްސައިގެންދިޔަ ޒުވާނާމަތިން ހަނދާންވެ އޭނާއަށް ތެޅިގަނެވުނެވެ.

ވެހެމުންދިޔަ ވާރެއަށް ބެލުމެއްނެތި ކާރުން މެހެރީން ފޭބިއެވެ. އޭރު އެސަރަހައްދަށް މީހުންތައް އެއްވަމުން ދިޔައެވެ. ފަޔަށް ތަދުވެފައިހުރިކަންވެސް މެހެރީންއަށް އިހުސާސުވީ ހިނގައިގަތުމުންނެވެ. އެހެނަސް އެކަމަށް ފަރުވާލެއްނެތި އުނދަގޫގޮތަކަށް ކުރިއަށް މެހެރީން ދުއްވައިގަތެވެ. އެއްވެފައިތިބި މީހުންތައް ފޭކުރަމުން އޭނާ އެޒުވާނާ ވެއްޓިފައިއޮތްތަނަށް ކައިރިވެލިއެވެ. ލޭގެ ކޯރުގައި އެއްފަރާތަށް ވާގޮތަށް އޮތް ޒުވާނާ ފެނުމުން މެހެރީންއަށް އަނގަމަތީގައި އަތްއަޅައިލެވުނެވެ. ކަރުނުން ދެލޯ ފުރިގެންއައީ ބޭއިޚުތިޔާރުގައެވެ. އަވަސް ހަރަކާތަކާއެކު އެމީހާއާ އޭނާ ގާތްވެލީ އަވަސް ފަރުވާދިނުމުގެ ނިޔަތުގައެވެ. އެއްވެފައިތިބި މީހުން ގާތުގައި އެމްބިއުލާންސަށް ގުޅަން އެދެމުން އޭނާ އެޒުވާނާގެ މޫނު ފެންނާނެހެން އައިސް ހުއްޓިލިއެވެ. އެވަގުތު ފެނުނު މަންޒަރުން އޭނާއަށް ހީވީ ބޮލަށް އެނބުރުން އަރައިގަތްހެނެވެ. ނޫނެކޭ ކިޔައި މެހެރީނަށް ދެފަރާތަށް ބޯހޫރައިލެވުނެވެ. ގަދަކަމުން ހިފަހައްޓަމުން އައި ކަރުނަތައްވެސް ހޯސްލައިފައި ކޯތާފަތްމައްޗަށް އޮހޮރެންފެށިއެވެ. ކުރިމަތީއޮތް ޒުވާނާގެ ކައިރީގައި ކަކޫޖައްސައިލަމުން މެހެރީންއަށް އިނށީދެވުނެވެ. މަޑުމަޑުން އެމޫނުގައި އޭނާއަށް އަތްޖައްސައިލެވުނީ މިކުރެވުނީ ކީއްހެއްޔޭ އަމިއްލަ ނަފުސާ ސުވާލުކުރާ ހާލުއެވެ.

"އާރިޒް.." ތުރުތުރުލަމުންދިޔަ މެހެރީންގެ ތުންފަތް ފޫއަޅުވައިލުމަށްފަހު ނުކުތެވެ.

(ނުނިމޭ)

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!