ރައީސް ޞާލިޙް ހުރިހައި ރަށެއްގައި ނަރުދަމާ ގާއިމުކުރާތީ ނަޝީދަށް އެކަން ވެސް ގޯސްވެއްޖެ: ރޮޒައިނާ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ހުރިހައި ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރައްވާތީ ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް އެކަން ވެސް ގޯސްވެއްޖެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިހެން ވިދާޅުވީ ކުދި ރަށްރަށުގައި ނަރުދަމާ އެޅުމުގެ ސިޔާސަތަށް ފާޑުވިދާޅުވެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. ގދ.ތިނަދުއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ނަޝީދު ވިދާޅުވީ އާބާދީ ކުޑަ ރަށްރަށުގައި ބޮޑެތި ޚަރަދުކޮށްގެ ނަރުދަމާ ނިޒާމު ގާއިމު ކުރުމަށްވުރެ އެ ފައިސާއިން އާބާދީ ބޮޑެތި ރަށްރަށުގެ ބޯހިޔާވަހިކަމާއި ޢާމްދަނީ ލިބޭނެ އިތުރު ދާއިރާތަކަށް ހޭދަކުރުން ބުއްދިވެރި ކަމަށެވެ.
ރޮޒައިނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޞާލިޙް ހުރިހާ ރަށެއްގައިި ފެނާއި ނަރުދަމާ ގާއިމުކުރައްވާތީ އެކަން ވެސް މިވީ ގޯސް ކަމަކަށް ކަމަށެވެ. މިއަދު އެކަން ގޯސް ކުރައްވައި ވާހަކަފުޅު ދައްކަވާއިރު 2018 ގެ އެމްޑީޕީ ޕްރައިމަރީގައި ރައީސް ނަޝީދު ޖަޒީރާ ރާއްޖޭގެ ވާހަކަ ޕްރޮމޯޓް ކުރެއްވީ ކީއްވެތޯ ވެސް ރޮޒޭ ސުވާލު ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ފެނާއި ނަރުދަމާ ހުރިހާ ރަށެއްގައި ގާއިމުކުރައްވާތީ އެކަން ވެސް މިވީ ގޯސް ކަމަކަށް. ދެން ކީއްކުރަންތޯ ރައީސް މުޙައްމަދު ނަޝީދު ޖަޒީރާ ރާއްޖޭގެ ވާހަކަ 2018 ގެ އެމްޑީޕީ ޕްރައިމަރީގައި ޕްރޮމޯޓް ކުރެެއްވީ. އޭރު ވިދާޅުވީ ހުރިހައި ތާކު ނަރުދަމާ އަޅަންޖެހޭ ކަމަށް. އެ މީހެއްގެ ރަށުގަ އުޅެވެންޖެހޭ ވާހަކަ.
ނަޝީދުގެ ވާހަކަފުޅާ ގުޅިގެން ފޭދޫ ދާއިރާގެ މެންބަރުު މުޙައްމަދު ނިހާދު ވިދާޅުވީ ރާއްޖޭގެ ހުރިހައި ރަށެއްގައި ވެސް ތިބީ ދިވެހި ރައްޔިތުން ކަމަށާއި އެ ރަށްރަށުގައި އެމްޑީޕީއަށް ބޮޑު ތާއީދެއް އެބައޮތް ކަމުގައެވެ.
ރައީސް ނަޝީދު ކިހިނެއްވެގެން ތި އުޅެނީ. އެމްޑީޕީއަށް ވެރިކަން ނުލިބޭ ގޮތް ހެދުމުން ގެއްލުންވާނީ ރާއްޖެއާއި ރާއްޖޭގެ ރައްޔިތުންނަށް. ރައްޔިތުން ނެތް ތަނެއްގަ ކޮން ބޮޑުވަޒީރު ކަމެއް. ފުނޑާނުލާ.
މި ސަރުކާރުގެ އަމާޒަކީ ދައުުރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކޮށްދެއްވުމެވެ. މިދިޔަ ސެޕްޓެމްބަރުގައި ނައިވާދޫގައި ހުންނަވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ އެ މީހަކު އުޅޭ ރަށެއް، އަތޮޅެއް، ސިޓީއެއް ތަފާތުނުކޮށް ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް، ހަމަހަމައަށް ފޯރުކޮށްދިނުމަކީ މެނިފެސްޓޯއެއްގައި ލިޔަންޖެހޭ ވާހަކައެއް ނޫން ކަމުގައެވެ.
އަޅުގަނޑުމެންގެ މެނިފެސްޓޯއަކު ނޯންނާނެ، ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކޮށްދޭނެ ވާހަކައެއް. އެއީ، އެއަށްވުރެ އަސާސީ ކަމަކަށްވާތީވެ. ޤާނޫނުއަސާސީގައި ބުނަނީ ރައްޔިތުންގެ މެދުގައި ތަފާތުނުކުރުމަށް.
ނަޝީދު ވިދާޅުވާ ގޮތުން ކުޑަ ރަށެއް ބޮޑު ރަށެއް ނުބައްލަވައި ކަންތައްތައް ކުރެއްވުމަކީ ވަޢުދު ފުއްދެވުމެއް ނޫނެވެ.