ދެމީހަކު ރުހިގެން ބަރަހަނާ ފޮޓޯ ފޮނުވުން "އޯކޭ" ކަމަށް އޭޖީން ވިދާޅުވުމުން ޢިލްމުވެރިންގެ ކަންބޮޑުވުން
ދެމީހަކު ރުހިގެން އެކަކު އަނެކަކަށް ބަރަހަނާ ފޮޓޯއާއި ވީޑިއޯފަދަ ތަކެތި ފޮނުވުމަކީ އެއްވެސް މައްސަލައެއް ނޫންކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވިދާޅުވުމުން ބައެއް ދީނީ ޢިލްމުވެރިން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ދެމީހަކު ރުހިގެން އެކަކު އަނެކަކަށް ބަރަހަނާ ފޮޓޯއާއި ވީޑިއޯފަދަ ތަކެތި ފޮނުވުމަކީ އެއްވެސް މައްސަލައެއް ނޫންކަމަށް އޭޖީ އޮފީހުން ވިދާޅުވެފައިވަނީ ސޯޝަލް މީޑިއާގެ މަންސަތަކުގައި ޢާންމުކުރެއްވި ވީޑިއޯއެއްގައެވެ.
''ސެކްސްޓިންއަކީ ކޮބާ؟'' ގެ ނަމުގައި ޢާންމުކުރެއްވި ވީޑިއޯއެއްގައި ވިދާޅުވެފައިވަނީ އެއީ ތިމާ ބަރަހަނާ ހާލަތުގައި ހުންނަ ފޮޓޯ ނުވަތަ ޖިންސީ ގުނަވަނުގެ ފޮޓޯއާއި ވީޑިއޯ ނުވަތަ ޖިންސީ ނިޔަތެއް ހާމަކޮށް ލިޔާ މެސެޖު ފޯނުގެ ޒަރީޢާއިން ނުވަތަ ސޯޝަލް މީޑިއާގެ ވަސީލަތެއް މެދުވެރިކޮށް އެހެން މީހަކަށް ފޮނުވުން ކަމަށާއި އެކަކު އަނެކަކަށް ސެކްސްޓް ކުރީ ދެ ފަރާތުގެ ރުހުމާ އެއްކޮށްނަމަ އެއީ މައްސަލައެއް ނޫން ކަމަށެވެ.
އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ޝައިޚް މުޙައްމަދު ލަޠީފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދެމީހަކު ރުހިގެން އޮރިޔާން ފޮޓޯއާއި ވީޑިއޯފަދަ ތަކެތި އެކަކު އަނެކަކަށް ފޮނުވައި ހެދުން ކުށަކަށް ނުވާނޭކަމަށް އޭޖީ ގަބޫލުކުރެއްވުމަކީ އިންތިހާ ދަރަޖައިގެ ފާޖިރު އެހާމެ ނުބައިކަމެއް ކަމަށެވެ.
ޔާ ﷲ! މިފަދަ ނުބައި ފާޖިރު، ފާސިޤު މީހުންގެ ކިބައިން މި ލޮބުވެތި ވަޠަން ސަލާމަތްކުރައްވާނދޭވެ! ޝައިޚްގެ ޓުވީޓު ނިންމަވައިލައްވަމުން ލިޔުއްވާފައިވެއެވެ.
ޝައިޚް ޝަފީޢު ޢަބްދުﷲ ވިދާޅުވީ ތިމާގެ ބަރަހަނާ ފޮޓޯ ތިމާގެ ރުހުމުގައި ވިޔަސް އެހެން މީހަކަށް ފޮނުވުމަކީ ބޮޑުވެގެންވާ ޙަރާމްކަމެއް ކަމަށާއި އެއީ ބޮޑުވެގެންވާ ޖަރީމާއެއް ކަމަށެވެ. އަދި "ސެކްސްޓިންގ" އޭ ކިޔައި ރައްބެއް ރަސޫލެއް ގަބޫލު ނުކުރާ ނަޖިސް ކާފަރުން އުޅޭ ގޮތަށް އުޅުމަކީ މައްސަލައެއް ނޫނޭ ބުނާނީ ޝައިޠާނެއް ކަމަށާއި ނުވަތަ ދައްޖާލެއް ކަމުގައެވެ.
އެ ކަންކަމުން ދުރުހެލިވާށެވެ. އެފަދަ ފޮޓޯއެއް ލީކުވާއިރު ތިމާގެ އަބުރާއި މުޅި ޢާއިލާގެ އަބުރު ދާނީ ވެއްޔާ މޮޑެވިގެންނެވެ. އެއީ ތައުބާ ވިޔަސް އެ ފާފައިގެ އަސަރު އެންމެންނަށް ފެންނާން ހުންނާނޭ ނުބައި ފާފައެކެވެ. އަޚުންނާއި އުޚްތުންނޭވެ! މާތް ﷲ ޙަރާމްކުރެއްވި ކަންކަމާ ކައިރި ނުވާށެވެ. ޙަލާލު ހެޔޮ ގޮތުގައި ދުނިޔޭގައި އުޅެވޭތޯ ބަލާށެވެ. ޙަރާމް ގުޅުންތައް ނުއުފައްދާށެވެ. ޝައިޠާނާ ތިބާ ވާވެއްދިޔަ ނުދެށޭވެ.
އައްޝައިޚް ޢަލީ ޒައިދު ވިދާޅުވީ ރުހުމުގައި ޢާންމުން އެކަކު އަނެކަކަށް ބަރަހަނާ ފޮޓޯ ފޮނުވުމަކީ މައްސަލައެއް ނޫންކަމަށް ވިދާޅުވުމަކީ ދައުލަތުގެ މުއައްސަސާއަކުން އެއްގޮތަކަށް ވެސް ދައްކަވައިގެންވާނެ ވާހަކައެއްނޫން ކަމަށެވެ. އަދި އެއީ ކަނޑައެޅިގެން ޒިނޭ ހުއްދަކުރުން ކަހަލަ ކަމެއްކަމަށް ވެސް ޒައިދު ވިދާޅުވިއެވެ. އަދި މި ޒަމާނުގައި ނަހަލާލު ޖަރީމާތައް ހިނގަނީ ''ތިފަދަ ގޮތްގޮތަށް ހިތްވަރުދޭތީ'' ކަމަށް ވެސް ޒައިދު ވިދާޅުވިއެވެ.
ރުހުމުގައި ބަރަހަނާ ފޮޓޯ ފޮނުވާ ވާހަކަ މި ދައްކަނީ މި ސެކިއުލާ މީހުން މިދައްކަނީ ލޯބިވެރިންނަށް އަމާޒުކޮށް! ބަރަހަނާ ފޮޓޯ ލޯބިވެރިޔާއަށް ފޮނުވިޔަސް އޯކޭއޭ... ލޯބިވެރިޔާއާ ރުހުމުގައި ޖިމާޢުކުރުން ވެސް ކުށެއް ނޫނޭ... އޯކޭ އޭ.. ބުނެވޭނަމަ އޭގެ މާނައަކީ ކަނޑައެޅިގެން ޒިނޭ ހުއްދަކުރުން!
ޒައިދު އިތުރަށް ވިދާޅުވީ ދެމަފިރިން ނޫން މީހުން ބަރަހަނާ ފޮޓޯ ފޮނުވުމަކީ ކަނޑައެޅިގެން ޙަރާމްކަމެއް ކަމަށާއި އެއީ ހެކަރުން ގިނަ މިފަދަ ޒަމާނެއްގައި ދެމަފިރިން ވެސް ކުރަން ރަނގަޅުކަމެއް ނޫން ކަމުގައެވެ.
އަދި މިފަދަ ކަންކަމުން އެތައް ޢާއިލާއެއް ލަދުވެތިކަން ތަޙައްމަލު ކުރަމުންދާކަން ވެސް ޒައިދު ފާހަގަކުރެއްވިއެވެ.