ނިމިދިޔަ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި އައްޑޫ ސިޓީ ފޭދޫން ގޯތި ދޫކުރުމަށް ކުރި އިއުލާން ކެންސަލްކޮށް، ގޯއްޗަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ބަންދުކޮށްފިއެވެ.
އައްޑޫ ސިޓީ ފޭދޫ އަވަށު އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި ގޯތި ދޫކުރުމަށް ފޯމް ހުށަހެޅުން ފޯމް ހުށަހެޅުމުގެ ފުރުސަތު ބަންދުކުރީ ފޯމްގައި މައްސަލައެއް އޮތުމުން ފޯމް އިސްލާހް ކުރުމަށް ކަމަށެވެ.
އެމްޑީޕީ ރިޔާސީ ޕްރައިމަރީ އިންތިހާބާއި ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ފުރުސަތު ހުޅުވައިލައްވައިފައި ވަނީ ފޭދު އާއި މީދު އަދި ހުޅުދޫން ދޫކުރާ ގޯއްޗަށެވެ. ހުޅުދު އާއި މީދޫން ދޫކުރުމަށް ހަމަޖެހިފައި ވަނީ 2،000 އަކަފޫޓްގެ 100 ގޯއްޗެވެ. ފޭދޫން ދޫކުރާނީ 1،500 އަކަފޫޓްގެ 300 ގޯއްޗެވެ.
މިގޮތުން މީދޫއިން 90 ގޯތި ދޫކުރަން ހަމަޖެހިފައިވާއިރު، ފޭދޫއިން 270 ގޯތި ދޫކުރުމަށް ކުރިން ހަމަޖެހިފައިވާއިރު އަދި ހުޅުދޫ ރައްޔިތުންނަށް 90 ގޯތި ދޫކުރަންވެސް ހަމަޖެހިފައިވެއެވެ.
ގޯއްޗަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ދެ ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 16 ވަނަ ދުވަހުގެ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު ފަހު 1:00 ޖެހުމާ ހަމައަށެވެ. ފޯމު ބަލައިގަންނާނީ އެ އަވަށެއްގެ އަވަށު އޮފީހުންނެވެ.
އެހެންނަމަވެސް މިހާރު އޮތްގޮތުން ފޭދޫއިން ދޫކުރާ ގޯތި ތަކަށް ފޯމު ހުށައެޅޭނީ ފޯމް އިސްލާހްކޮށްފައި ސިޓީ ކައުންސިލުން އެކަން އެންގީމަ ކަމަށާއި އަލުން ފޯމުލުމުގެ ފުރުސަތު ދެވޭނީ އެއަށްފަހުގައި ކަމަށް އައްޑޫ ސިޓީ ފޭދޫ އަވަށު އޮފީހުން ބުނެފައިވެއެވެ.