ރިޔާސީ ބަޔާން އިއްވުން މާދަމާ

ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ ޖަލްސާ މާދަމާ ހެނދުނަށް ތާވަލުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވެވުމަށް ބާއްވާ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާ މާދަމާ ހެނދުނު 9:00 އަށް އެޖެންޑާކޮށް މެމްބަރުންނަށް އަންގަފައެވެ.
ރިޔާސީ ބަޔާނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އިއްވަވަންޖެހޭ ބަޔާނެކެވެ.
އެޖަލްސާގައި އޮންނާނީ ހަމައެކަނި ރިޔާސީ ބަޔާން އިއްވުމެވެ. މަޖިލީހުގެ ރަސްމީ މަސައްކަތްތައް ފަށަނީ އޭގެފަހުން ބާއްވާ ޖަލްސާތަކުގައެވެ.
ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި އޮންނަނީ ކަނޑައަޅާފައެވެ.