އަންނަ މެއި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ސިއްޙީ ދާއިރާގެ މުއައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
މަޖިލިސް މި އަހަރަށް ހުޅުވައިދެއްވައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ސިއްހީ ދާއިރާގެ އިތުރުން ސަރުކާރުގެ ވުޒާރާތަކުގައި 35 އިންސައްތަ އެލަވަންސް މިހާރު ނުލިބި ތިބި ހުރިހާ މުވައްޒަފުންނަށް 1 މެއި އިން ފެށިގެން މިއެލަވަންސް ލިބިގެން ދާނެކަމަށެވެ.
"އަދި އަންނަ މާޗު މަހު ރާއްޖޭގެ ޔުނިވަރސިޓީ ދާއިރާގެ މުއައްޒަފުންނަށްވެސް ހެޔޮ ބަދަލު އަންނާނެ." އަދި ޕޭ ހަމަނޮއިޒްކުރުން ނިމިގެން ދާއިރު ޝަރުއީ ދާއިރާއާއި އިމާމުންނާއި މުދިމުންނާއި އަދި ޖުމްލަކޮށް ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުން ޝާމިލުވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިތުރަށް ވިދާޅުވީ ރައްޔިތުންގެ އުފާފާގަތިކަން ދެމެހެއްޓޭނީ ސަރުކާރުން ތަންފީޒުކުރާ ސިޔާސަތުތަކުން ކަމަށެވެ.
އަދި އިސްލާމްދީނުގެ އަގީދާއާއި ރިވެތި އަހްލާގާއި ނުލައި ފުރިހަމަ ދިވެހި ޖީލެއް ބިނައެއް ނުކުރެވޭނެ ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މިދިޔަ އަހަރު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިސްލާމްދީނުގެ ސައްހަ މައުލޫމާތު ދިނުމުގެ މަސައްކަތް ކުރިއަށް ގެންދެވުނުކަމަށެވެ.
"ހައްދަކީ ކޮންމެ ކޮޅަކަށްވެސް ފަހަނަ އެޅޭއެއްޗެއް. ދީނުގެ ނަމުގައި އަދި ދީނާއި ދެކޮޅަށް ހަރުކަށި ފިކުރު ހުއްޓުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވުނު. ކުރިއަށް އޮތްތަނުގައިވެސް މިމަސައްކަތް ކުރިއަށް ގެންދާނަން" ރައީސް ވިދާޅުވިއެވެ.
މަޖިލިސް ޗެމްބަރުތެރޭގައި އަޑުގަދަ ކުރި މެމްބަރުން އުފުއްލާލައިގެން މަޖިލީހުން ނެރުމަށްފަހު 2023 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަން ފައްޓަވާފައިވާއިރު އަދިވެސް ކޮންމެވެސް ވަރަކަށް ދުންމާރިއާއި ކަށިގަނޑުގެ އަޑު ދަނީ އިވެމުންނެވެ.