އާސަންދައިން މިއަހަރުގެ ޖެނުއަރީ މަހު ކުރި ހަރަދު ބޮޑުނުވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ އިންތިހާބުތަކާ ދިމާކޮށް އާސަންދައިގެ ހަރަދު އިތުރަށް ބޮޑުނުވާނެ ކަމަށެވެ.
އަދި އިންތިހާބަކާއި އާސަންދައާ ގުޅުމެއް ނެތް ކަމަށާއި އިންތިހާބުތަކާ ދިމާކޮށް މީހުން ޑޮކްޓަރަށް ދެއްކުން އިތުރުވެގެންދާ ކަމެއް ވެސް އެނގިފައި ނުވާ ކަމަށް މިއުވާން ވިދާޅުވިއެވެ.
މިއުވާން ވިދާޅުވީ ޖެނުއަރީ މަހު އާސަންދައަށް ކުރާ ހަރަދު އިތުރުވެފައިނުވާ ކަމަށާއި އަސަންދަ ހަރަދަކީ މީހުން އަތަށް ފައިސާ ދީގެން ކުރާ ހަރަދެއް ނޫން ކަމަށެވެ.
“އެއްވެސް ކަހަލަ އިންތިހާބަކާ ގުޅިގެން ވަކި އިތުރު ހަރަދެއް ކުރީކީއެއް ނޫން. ނުވަތަ އިންތިހާބަކާ ގުޅިގެން އާސަންދައިން ވަކިން ކޮން ހަރަދެއްތޯ އިތުރަށް ކުރާނީ؟" މިއުވާން ސުވާލު ކުރެއްވިއެވެ.
މިއުވާން މިފަދައިން ވިދާޅުވީ ރާއްޖޭގައި މިދިޔަ ޖެނުއަރީ މަހު އާދަޔާ ހިލާފަށް ގިނަ ބަޔަކު ބަލިވީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅިގެންތޯ ރައްޔިތުންގެ މަޖިލީހުން ސުވާލުކުރަންޖެހޭ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.