ޚަބަރު ރައްޔިތުންގެ މަޖިލިސް

ފްލޯޓިންގް ސިޓީ މަޝްރޫއުގެ ތަފްސީލު ސަރުކާރަކަށް ނޭނގުނު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ފްލޯޓިންގް ސިޓީ މަޝްރޫއުގެ ފުރަތަމަ މޮކަޕް ބްލޮކް | ފޮޓޯ: ބައިސަން މޯލްޑިވްސް

މާލެ އަތޮޅު ފަޅެއްގައި ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވާ ފްލޯޓިންގް ސިޓީ މަޝްރޫއުގެ ތަފްސީލު ނޭނގޭކަމަށް ސަރުކާރުން ބުނެފި އެވެ.

Ads by Sosun Fihaara

ހައުސިންގް މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު މަޖިލީހަށް ހާޒިރު ކުރައްވައި ފްލޯޓިންގް ސިޓީއާއި ގުޅޭ މައުލޫމާތު ސާފު ކުރަން މެމްބަރުން ވަނީ އެދިފަ އެވެ. އެއާއިއެކު ރައީސް މުހައްމަދު ނަޝީދު ވަނީ ފްލޯޓިންގް ސިޓީއާއި ގުޅޭ ތަފްސީލު ވީ އެންމެ ރަނގަޅަކަށް އޮޅުންފިލުއްވައި ދެއްވުމަށް މިނިސްޓަރު އަރިހުން އެދިވަޑައިގެންފަ އެވެ.

ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްސް ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަށް މާލެ އަތޮޅުން ކިތައް ފަޅު ދޫކޮށްފައިވޭތޯ ކުރި ސުވާލަށް މިނިސްޓަރު ވަނީ ޖަވާބު ދެއްވައިފަ އެވެ. އެހެންނަމަވެސް ސީދާ ތަފްސީލު އެނގިވަޑައިނުގަންނަވާކަމަށް ވިދާޅުވެ ދެއްވީ ހީފުޅުވާ ޖަވާބެކެވެ.

"ހަނދާންވަނީ އެ މަޝްރޫއަށް އެއް ފަޅު ނުވަތަ ދެ ފަޅު ދިންކަމަށް" މިނިސްޓަރު ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ އެ މަޝްރޫއަކީ ސީދާ ހައުސިން މިނިސްޓްރީގެ ދަށުން ހިންގަމުންދާ މަޝްރޫއެއް ނޫންކަމަށް ވުމުން އެކަމުގެ ތަފްސީލީ މައުލޫމާތު އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ފްލޯޓިންގް ސިޓީއަކީ 2010 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގައި ފެށި މަޝްރޫއެކެވެ. އޭގެ ފަހުން އެމަސައްކަތް ހުއްޓުނެވެ. 11 އަހަރު ފަހުން އަލުން ފްލޯޓިންގް ސިޓީ މަޝްރޫއު ފަށަން ނިންމީ މި ސަރުކާރުގައި 2021 ވަނަ އަހަރެވެ. ދެ ސަރުކާރުގައިވެސް ހައުސިންގް މިނިސްޓަރު ކަމުގައި ހުންނެވީ އަސްލަމް އެވެ.

ފްލޯޓިންގް ސިޓީގެ ފުރަތަމަ މޮކަޕް އެކޮމޮޑޭޝަން ބްލޮކު މިހާރު ވަނީ ކ. އާރަށް ކައިރީގައި އޮންނަ ފަޅަށް ގެންގޮސްފަ އެވެ. އެސިޓީގެ 200 ހެކްޓަރުގެ ސަރަހައްދެއްގައި 5،000 ހައުސިންގް ޔުނިޓާއި، ހޮސްޕިޓަލެއްގެ އިތުރުން ސްކޫލެއްވެސް ތަރައްގީ ކުރަން ވަނީ ނިންމައިފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!