ޓައިވާންގެ މައްސަލަ ހައްލު ކުރަން ޖަޕާނުން ގޮވާލައިފި
ޓައިވާން ސްޓްރެއިޓްގައި ހަމަޖެހުން ގާއިމުކުރުން މުހިންމުކަމަށް ފާހަގަކޮށް، އެސަރަހައްދުގައި ހަމަޖެހުން ގާއިމުކުރުމަށް ޖަޕާނުން ޗައިނާއަށް ގޮވާލައިފިއެވެ.
ޖަޕާނުން މިގޮތަށް ގޮވާލާފައި މިވަނީ ހޯމަ ދުވަހު، އެގައުމުގެ އިސް އޮފިޝަލުންނާއި ޗައިނާގެ އިސް އޮފިޝަލުންނާ ދެމެދު ކުރިއަށްދިޔަ ބައްދަލުވުމެއްގެ ތެރެއިންނެވެ.
އީސްޓް ޗައިނާ ކަނޑުގެ ސަލާމަތާ ގުޅޭ މަޝްވަރާތައް ޗައިނާ އަދި ޖަޕާންގެ އޮފިޝަލުން ކުރައްވައިފައިވާއިރު، މިމަޝްވަރާ ބައްދަލުވުން ކުރިއަށް ގެންގޮސްފައި މިވަނީ ޓައިވާންގެ ރައީސް ސައި އިންގްވެން އެމެރިކާއަށް ވަޑައިގެން އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސް ކެވިން މެކާތީ އާ ބައްދަލުކުރެއްވުމާ ގުޅިގެން ޗައިނާއިން ޓައިވާން ސަރަހައްދުގައި ކުރިއަށް ގެންދިޔަ އަސްކަރީ ތަމްރީނުތަކުގެ ސަބަބުން އެސަރަހައްދުގެ މަސްރަހު ވަރަށް ބޮޑަށް ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައެވެ.
ޗައިނާ އާއި ޖަޕާނާ ދެމެދު އީސްޓް ޗައިނާ ކަނޑުގެ ސަލާމަތާ ގުޅޭ މަޝްވަރާތައް ފަށާއިފައި ވަނީ 2012 ވަނަ އަހަރުއެވެ.
ހޯމަ ދުވަހުގެ ބައްދަލުވުމުގައި ޖަޕާނުން ވަނީ ޗައިނާގެ ކޯސްޓްގާޑްގެ އުޅަނދުތައް ޖަޕާންގެ ކަނޑުގެ ސަރަހައްދަށް ވަނުން ހުއްޓާލުމަށްވެސް ޗައިނާއަށް ގޮވާލާފައެވެ. އަދި ޖަޕާން ސަރަހައްދުގައި ޗައިނާއިން ކުރިއަށްގެންދާ އަސްކަރީ ހަަރަކާތްތަކާ ގުޅޭގޮތުންވެސް ޖަޕާނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޖަޕާނުން ވަނީ ޗައިނާ އިން ރަޝިއާ އެކު އަސްކަރީގޮތުން ގެންގުޅޭ ގާތްގުޅުމާ ގުޅޭގޮތުންވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިބައްދަލުވުމުގެ ކުރިން، ޗައިނާ ވަފުދުގެ ޗީފް، ހޮންގް ލިއެންގް ވަނީ އެސަރަހައްދުގެ ކަނޑުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޖަޕާނާއެކު ގުޅިގެން މަސައްކަތްކުރުމަށް، ތަފްސީލީ މަޝްވަރާތަކެއް ކުރިއަށްގެންދެވުމަށް ގަސްތުކުރައްވާކަމަށް ވިދާޅުވެފައެވެ.
ޖަޕާން ސަރުކާރުގެ އިސް ތަރުޖަމާނަކު ވަނީ ޗައިނާއިން ޓައިވާން ސަރަހައްދުގައި ކުރިއަށްގެންދާ އަސްކަރީ ހަރަކާތްތައް އެގައުމުން ވަރަށް ގާތުން ބަލަމުން ގެންދާކަމަށް ވިދާޅުވެފައެވެ.
އެގޮތުން ޖަޕާންގެ ޗީފް ކެބިނެޓް ސެކްރެޓަރީ ހިރޮކަޒު މަޓްސުނޯ ވަނީ ޓައިވާން ސްޓްރެއިޓްގައި އަމާންކަން ގާއިމުކުރުމަކީ މުޅި ސަރަހައްދާ ބައިނަލްއަގުވާމީ ހަމަޖެހުމަށް މުހިންމު ކަމެއް ކަމަށް ވިދާޅުވެފައެވެ.
މިމަޝްވަރާ ބައްދަލުވުމުގައި ޗައިނާގެ އޮފިޝަލުންގެ ވަފުދުގެ އެންމެ އިސް ދައުރެއް އަދާކުރެއްވީ ޗައިނާގެ ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އޮފް ބައުންޑަރީ އެންޑް އޯޝަން އެފެއަރޒް، ހޮންގް ލިއަންގް އެވެ. އަދަ ޖަޕާން ވަފުދުގެ އެންމެ އިސް ދައުރެއް އަދާކުރެއްވީ ޑިރެކްޓަރ ޖެނެރަލް އޮފް އޭޝިއަން އެން އޯޝޭނިއަން އެފެއަރޒް، ޓަކެހިރޯ ފުނަކޮޝިއެވެ.