ޚަބަރު ރައްޔިތުންގެ މަޖިލިސް

އީޕީއޭ މުސްތަޤިއްލު ކޮމިޝަނަކަށް ހެދުމާ ޝައުނާ ދެކޮޅު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އެންވަޔަރަންމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ | ފޮޓޯ: މަޖިލިސް

ސަރުކާރުގެ އެއްވެސް ބާރެއް ނުހިނގާ ގޮތަށް އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) މިނިވަން މުސްތަގިއްލު ކޮމިޝަނަކަށް ހެދުމާއި ދެކޮޅުކަން އެންވަޔަރަންމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ ހާމަކުރައްވައިފިއެވެ.

Ads by MWSC

އީޕީއޭ މިނިވަން ކޮމިޝަނަކަށް ހެދުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވެވަޑައިގެންފައިވާ ވައުދު ފުއްދެވުމުގެ މަސައްކަތް ނުކުރައްވަނީ ކީއްވެތޯ ސާފުކުރެއްވުމަށް މިނިސްޓަރު ޝައުނާ، މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަނީ ހާޒިރުކުރައްވައިފައެވެ. އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝައުނާ ވިދާޅުވީ، އީޕީއޭ މުސްތަޤިއްލު ކޮމިޝަނަކަށް ހެދުމަކީ ރާއްޖެ ފަދަ ޤައުމަކަށް ރަނގަޅު ނިޒާމަކަށް ނުވާނެ ކަމަށެވެ.

ސުވާލަށް ސީދާ ޖަވާބެއް ދެއްވުމުގެ ބަދަލުގައި ޝައުނާގެ ޖަވާބު ފެއްޓެވީ އީޕީއޭ މިނިވަން ކުރުމަށް ގޮވާލަށް ފެށުނު ގޮތް ކިޔައިދެއްވަމުންނެވެ. އެގޮތުން ވިދާޅުވީ އީޕީއޭ މިނިވަން ކުރުމަށް އެންމެ ގަދައަށް ގޮވާލަމުން ދިޔައީ 2015 ވަނަ އަހަރު އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހެދުމާއި ފާސްކުރުމުގެ ބާރުތައް ޓޫރިޒަމް މިނިސްޓްރީ އަށް ބަދަލު ކުރުމާ ގުޅިގެން ކަމަށެވެ.

ރައީސް ޞާލިހު ވައުދުވެ ވަޑައިގެންނެވިއިރު ރާއްޖެ ފަދަ ޤައުމަކަށް އެފަދަ ނިޒާމެއް ފެތޭތޯ ބައްލަވާފައި ނުވަނީތޯ މެމްބަރު ވަހީދު އެއްސެވުމުން މިނިސްޓަރު ވިދާޅުވީ އީޕީއޭ ބާރުވެރި ކުރުމަށް މި ސަރުކާރުން ކުރި މަސައްކަތުގެ ތެރޭގައި ޓޫރިޒަމް ގާނޫނު އިސްލާހު ކުރުމަށް ފަހު، އީއައިއޭ ފާސް ކުރުމުގެ ބާރު އަލުން އެ އެޖެންސީ އަށް ލިބޭ ގޮތަށް ހަދާފައިވާ ކަމަށެވެ. އަދި ސަރުކާރުން ވައުދުވެފައި ވަނީ އީޕީއޭ އަކީ މިނިވަންކަމާ އެކީ ހިނގާ މުއައްސަސާއަކަށް ހެދުމަށް ކަމަށް ޝައުނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ތިމާވެށީގެ ކަންކަން ރެގިއުލޭޓް ކުރުމުގެ މަސްއޫލިއްޔަތު އެމެރިކާ އަދި އިނގިރޭސިވިލާތް ފަދަ ގައުމުތަކުގައިވެސް އެގްޒެކެޓިވް ބާރާ ވަކި ކުރެވިފައި ނުވާ ކަމަށެވެ. އެ ޤައުމުތަކުގައި ވެސް އީޕީއޭއަކީ އެ އިރެއްގައި އޮންނަ ސަރުކާރެއްގެ ސިޔާސަތުތަކާ އެއްގޮތަށް ތިމާވެށީގެ ވަޒީރެއްގެ ދަށުން ހިނގާ ގޮތަށް އުފައްދާފައިވާ އެޖަންސީތަކެއް ކަމަށް ޝައުނާ ވިދާޅުވިއެވެ.

މެމްބަރު ވަހީދު ކުރެއްވި ސުވާލަށް މިނިސްޓަރު ސާފު ޖަވާބެއް ދެއްވާފައި ނުވާތީ މެމްބަރު ވަނީ ސުވާލު ތަކުރާރު ކުރައްވައިފައެވެ. ޖަވާބުގައި ޝައުނާ ވިދާޅުވީ ސަރުކާރުގެ 100 ދުވަހުގެ ވައުދާއި އެއްގޮތަށް އޭޕީއޭ މިނިވަންކަމާއިއެކު ހިންގޭގޮތް ހަދާފައިވާ ކަމަށެވެ.

އީޕީއޭއަށް މިހާރު ސިޔާސީ ނުފޫޒު ނުވަންނަކަމަށް މިނިސްޓަރު ޝައުނާ ވިދާޅުވި ނަމަވެސް އެ އޭޖެންސީ ހިންގަމުން ދަނީ އެންވަޔަރަންމެންޓް މިނިސްޓްރީގެ ދަށުންކަން ފާހަގަކޮށްލެވެއެވެ. މިނިސްޓްރީއިން އެ އޭޖެންސީގެ ކަންކަން އިސްކޮށް ބެއްލެވުމަށް ކަނޑައަޅާފައި ތިއްބަވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވާ ސިޔާސީ ބޭފުޅުންނެވެ.

Ads by Allied Insurance
  1. ކޮތަޅު ވިޔަފާރި ކުރަން އުޅެނީ ވެމްކޯ މެދުވެރިކޮށް، ބަލަ ރައްޔިތުންނަށް ކޮތަޅު ދޭންޖެހޭނީ ހިލޭ ގޭބިސީ ތަކުން ފައިސާ އެބެދޭ މަހުންމަހަށް ވެމްކޯއަށް ވެމްކޯ ގައި ރެޖިސްޓްރީ ވެފައިވާ ގޭބިސީ ތަކަށް ހިލޭ ކޮތަޅު ފޯރުކޮށްދޭން ޖެހޭނެ !