މާދަމާ އިސްލާހު ވާން މަޑު ނުކުރާށެވެ. ވަގުތު ފާއިތު ވެދާނެއެވެ.
ދުނިޔެ އާއި ދުނިޔޭގައި ވާހާ ހުރިހާ މަޚުލޫގެއް އުފެއްދި ފަރާތަކީ ގަދަ ކީރިތި ވަންތަ މާތް الله ސުބުޙާނަހޫ ވަތަޢާލާއެވެ. އެ އިލާހުގެ ފަޟްލުވަންތަ ކަމުން އަހަރެމެން މި ދުނިޔެއަށް އައި ފަދައިން އަހަރެމެންގެ އެނބުރި ދިޔުން ވެސް ވަނީ ހަމަ އެ އިލާހުގެ ހަޟްރަތަށެވެ. އެކަލާނގެއީ ހުރިހާ ކަމަކަށްވެސް އެންމެ ކުޅަދުންވަންތަ ރަސްކަލާނގެއެވެ. އެކަލާނގެއީ އަޅުގަނޑުމެން އެންމެން ވެސް އަޅުކަން ކުރަންޖެހޭ ހަމައެކަނި އެއްކައުވަންތަ ރަސްކަލާނގެއެވެ. އެކަލާނގެއަށް ބައިވެރިއަކު ނުވާ ކަމަށް އަޅު ހެކިވަމެވެ. އެކަލާނގެ ފިޔަވައި އެހެން އިލާހަކު ނުވާ ކަމަށާއި، އެކަލާނގެ އިރާދަފުޅުން މެނުވީ އެއްވެސް ކަމެއްނުވާކަމަށް ވެސް ހިތުގެ އެންމެ އަޑިން ޤަބޫލުކޮށް އަޅު ހެކިވަމެެވެ.
ދުނިޔެއަކީ ވަގުތީ ފާލަމެކެވެ. ވަގުތީ އުފަލާއި ވަގުތީ ހިތްހަމަ ޖެހުން ލިއްބައިދޭ ވަގުތީ މައިދާނެކެވެ. ވީއިރު މި ވަގުތީ މާލަމުގައި އުޅޭއިރު އިންސާނުންނަށް ކުށް ކުރެވޭނެއެވެ. ނަމަވެސް ކުރެވުނު ކުށަށް ތައުބާވެ އެ ކުށް ދެވަނަ ފަހަރަށް ތަކުރާރު ނުކުރުމަށް ޢަޒުމު ކަނޑައަޅައިފި މީހަކަށް އެކަލާނގެ ޢަފޫ ދެއްވަވާނެއެވެ.
އެހެންކަމުން ކިތަންމެ ބޮޑު ކުށެއް ތިމާއަށް ކުރެވިފައި ވީ ނަމަވެސް ވަގުތު ފާއިތު ވުމުގެ ކުރިން އެކަމުން ތައުބާ ވުމަށް ޓަކައި ގަދައަޅައި މަސައްކަތް ކުރާށެވެ. ތަޢުބާ ނުވެވޭނެ އެއްވެސް ކުށެއްނެތެވެ! މިދުނިޔޭގައި މީހާ ދިރި ހުރިހާ ހިނދަކު އަދި އޭނާގެ ފުރާނަ ސަލާމަތުން ހުރިހާ ހިނދަކު މާތް الله ގެ އިރާދަފުޅުން ހުރިހާ ކުށްތަކަކުން ވެސް އޭނައަށް ތައުބާ ވެވޭނެއެވެ. އެހެންނަމަވެސް އެކަލާނގެ ނުފުއްސަވާ އޮންނާނީ އެންމެ ފާފައެކެވެ. އެއީﷲ އަށް ޝަރީކަކުރުމެވެ. އެއީ ވެސް އެކަމުގެ މަތީގައި މީހާ މަރު ވެއްޖެނަމައެވެ. އެކަމުންވެސް ތަޢުބާ ވެއްޖެނަމަ މާތް ﷲ އޭނާގެ ތަޢުބާ ޤަބޫލު ކުރައްވަވާނެއެވެ.
އަޅަމެންގެ ނަބިއްޔާ މުޙައްމަދު ޞައްލަالله ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. "ބޮޑު ނުރައްކާތެރިކަން ބޮޑު ހަތް ފާފައިން ތިޔަބައިމީހުން ސަލާމަތްވެ ރައްކާތެރިވެތިބޭށެވެ. އަޞްޙާބް ބޭކަލުން ދެންނެވި ﷲ ގެ ރަސޫލާއޭ! އެފާފަތަކަކީ ކޮބައިތޯއޭ؟ އިތުރު އެކަލޭގެފާނު ހަދީޘްފުޅު ކުރެއްވެވި ފުރަތަމަ ކަމަކީ މާތްﷲ އަށް ޝަރީކުކުރުމެވެ. ނިކަންވިސްނާ ބައްލަވާށެވެ. މާތް الله އަށް ޝިރުކު ކުރުމުގެ ނުބައިކަން އަޅުގަނޑު މެނަށް މީގެން ވަރަށް ސާފުކޮށް ދޭހަވެގެން ދެއެވެ.
މާތް الله ވަޙީކުރައްވާފައި ވެއެވެ. ﴿48﴾ إِنَّ اللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُ ۚ وَمَن يُشْرِكْ بِاللَّهِ فَقَدِ افْتَرَىٰ إِثْمًا عَظِيمًا މާނައީ “ ހަމަކަށަވަރުން، اللَّه،އެކަލާނގެއަށް شريك ކުރުމުގެ ފާފައެއް ނުފުއްސަވާނެތެވެ. އެނޫން ފާފަތައް، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވަތެވެ. އަދި، اللَّه އަށް شريك ކުރާމީހާ (ދަންނާށެވެ!) ފަހެ،އެމީހާ ބޮޑުވެގެންވާ ފާފައަކަށް އަރައިގެންފިކަން ކަށަވަރެވެ. “ ( ސޫރަތުއް-ނިސާ: 48)
ހަމަކަށަވަރުން އެކަލާގެއީ އެންމެ އޯގާތެރިވަންތަ ރަޙުމާން ވަންތަ ރަޙީމުވަންތަ ރަސްކަލާނގެއެވެ. ތައުބާ ވާން ބޭނުންވެ ފުރިހަމަ ތައުބާ އަކު ތައުބާވާށެވެ. އަދި އެފަދަ ކަމެއް ދެވަނަ ފަހަރަށް ތަކުރާރު ނުކުރުމަށް ޢަޒުމު ކަނޑައަޅާށެވެ. ވަގުތުފާއިތު ވުމުގެ ކުރިން ތައުބާވުމުގެ ހެޔޮ ތަޢުފީޤު އަޅަމެން އެންމެނަށް ދެއްވާށިއެވެ. އާމީން.