ޚަބަރު ސަރުކާރު

ހަތަރު މަސްދުވަސް ތެރޭގައި ޖޫރިމަނާކޮށްގެން 42 މިލިއަން ރުފިޔާ ހޯދައިފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

މިއަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހުގެ ތެރޭގައި ޖޫރިމަނާކޮށްގެން 42 މިލިއަން ރުފިޔާ ސަރުކާރުން ހޯދައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިހިނގާ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 42.4 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއަހަރު ޖޫރިމަނާކޮށްގެން 82.7 މިލިއަން ރުފިޔާ ހޯދާނެކަމަށް ސަރުކާރުން ވަނީ އަނދާޒާކޮށްފައެވެ.

އަހަރު ދެބައި ވުމުގެ ކުރިން ޖޫރިމަނާގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދުގެ ދެބައިކުޅަ އެއްބައަށްވުރެއް ބޮޑު މިންވަރެއް ހޯދާފައިވާއިރު ބެލެވޭ ގޮތުގައި ޖޫރިމަނާކޮށްގެން އިތުރު ފައިސާ މިއަހަރު ނިމުމުގެ ކުރިން ދައުލަތަށް ނަގާނެއެވެ.

މިދިޔަ 2022 ވަނަ އަހަރު ޖޫރިމަނާކޮށްގެން ދައުލަތަށް ހޯދާނެކަމަށް އަންދާޒާ ކުރީ 62.4 މިލިއަން ރުފިޔާއެވެ. އެހެންނަމަވެސް އެ އަހަރު ނިމުމުގެ ކުރިން 252.1 މިލިއަން ރުފިޔާ ހޯދިއެވެ.

ޖޫރިމަނާ ފައިސާއަކީ ދައުލަތަށް އާމްދަނީ ހޯދުމުގެ ވަސީލަތެކެވެ. އޭގެން ލިބޭނެ ފައިސާ އަންދާޒާކުރުމަށްފަހު ކޮންމެ އަހަރެއްގެ ބަޖެޓުގައިވެސް ހިމަނައެވެ.

ކުރީ ސަރުކާރުތަކުން ޖޫރިމަނާކޮށްގެން ދައުލަތަށް އާމްދަނި ހޯދާތީ އޭރު އިދިކޮޅުގައި އޮވެ އެމްޑީޕީން ގެންދިޔައީ ފާޑުކިޔަމުންނެވެ. 2018 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ އެންމެ މުހިންމު އެއް ވައުދަކަށްވެސް ވީ ޖޫރިމަނާ ކުރުން ހުއްޓައިލުމެވެ.

ޖޫރިމަނާގެ ގޮތުގައި އެންމެ ގިނަ ފައިސާ ހޯދަނީ އެއްގަމު އުޅަނދު ދުއްވުމުގެ ގަވާއިދާއި ހިލާފުވެގެންނެވެ. އެގޮތުން މާލޭގައި ޕާކު ކުރާނެ ޖާގަ ތަނަވަސްވެފައި ނެތުމުން ގަވާއިދާއި ހިލާފަށް ޕާކުކޮށްފައި ހުރެގެން ގިނަ އަދަދެއްގެ ބަޔަކު ޖޫރިމަނާ ކުރެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!