އިންތިޚާބުގެ ކުރިން ކޯޓުތަކުން ޔާމިންގެ މައްސަލަތައް ނިންމުމަކީ ސިޔާސީ ހަމަޖެހުމަށް މުހިންމުކަމެއް: ރިޔާޒް

އިންތިޚާބުގެ ކުރިން ކޯޓުތަކުން ރައީސް އަބްދުﷲ ޔާމިންގެ މައްސަލަތައް ނިންމުމަކީ ސިޔާސީ ހަމަޖެހުމަށް މުހިންމުކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
އަބްދުﷲ ރިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނަކީ އިދިކޮޅު އެންމެބޮޑު ޕާޓީގެ ރިޔާސީ ކެނޑިޑޭޓްކަމަށް ވާތީ މިއީ މުހިންމު ކަމެއްކަމަށެވެ.
"ރައީސް ޔާމިނަކީ އިދިކޮޅު އެންމެބޮޑު ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ކަމަށްވުމާއިއެކު އެމަނިކުފާނުގެ މައްސަލަތައް އިންތިޚާބުގެ ކުރިން ހައިކޯޓް އަދި ސުޕްރީމްކޯޓުން ނިންމުމަކީ ސިޔާސީ ހަމަޖެހުމަށް މުހިންމުކަމެއް!" އަބްދުﷲ ރިޔާޒް ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ މައްސަލައިގައި ހިޔާނާތުގެ ކުށް ސާބިތުވެ ރައީސް ޔާމީން މިހާރުވެސް ގެންދަވަނީ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. އަދި މީގެ އިތުރުން މިހާރުވެސް ކްރިމިނަލް ކޯޓުގައި، ރ. ފުއްގިރި މައްސަލާގައި މަނީ ލޯންޑަރ ކުރުމާއި ރިޝްވަތު ޤަބޫލު ކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުންތަކެއް ކުރިއަށްދެއެވެ. އަދި އެމްއެމްޕީއާރުސީގެ މައްސަލަތަކެއް ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަން އަދި އެންޓި ކޮރަޕްޝަން ކޮމިޝަން ގުޅިގެން ތަހުގީގު ކުރަމުންދެއެވެ.