ބުރަ މަސައްކަތް ކުރަން ޖެހޭތީ ރައީސް މަޢާފުދެއްވި ކުށްވެރިންގެ ތަފްސީލު ހާމަކުރެވޭކަށް ނެތް
ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މަޢަފު ދެއްވި ކުށްވެރިންގެ ކުށްތަކުގެ ތަފްސީލު ވަކިވަކިން ހާމަކުރާނަމަ ވަރަށް ބުރަ މަސައްކަތް ކުރަންޖެހޭނެ ކަމަށާއި މިމަސައްކަތް ކުރާނަމަ ރައީސް އޮފީހުގެ މަސައްކަތްތައް ހުއްޓުމަކަށް އަންނާނެ ކަމަށް އެ އޮފީހުން ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިހު ވަނީ 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ފަހުން މިއަދާއި ހަމައަށް ގިނަ އަދަދެއްގެ ކުށްވެރިންނަށް މަޢާފު ދެއްވައިފަ އެވެ. މީގެ ތަފްސީލު ހޯދަން އެދުނީ ރާއްޖޭގެ އޮންލައިން މީޑިއާ އަކުންނެވެ. ރައީސް އޮފީހުގައި މިގޮތަށް އެދުމުން ތަފްސީލީ ޖަވާބެއް ލިބިފައި ނުވާތީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ވަނީ އެމައްސަލަ ހުށަހަޅައިފައެވެ.
ރައީސް އޮފީހުން ވިދާޅުވެފައިވަނީ މަޢާފު ދޭ ކުށްވެރިންގެ ތަފްސީލު ބަލަހައްޓަނީ އެ އޮފީހުން ނޫން ކަމަށެވެ. އިތުރު ތަފްސީލު ދެއްވައިފައެއް ނުވެއެވެ.
އެހެންވެ އެކަން އޮންނަ ގޮތް އޮޅުން ފިލުވުމަށް އިއްޔެ ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ރައީސް އޮފީހުގެ އިންފޮމޭޝަން އޮފިސަރު އައިޝަތު އަޤީދާ ވިދާޅުވީ އަދަބަށް ލުއި ދެއްވާފައިވާފައިވާ ފަރާތްތަކުގެ މަޢުލޫމާތުތައް ރައީސް އޮފީހުގައި ބަލަހައްޓަނީ ޕޯޓަލްއެއް މެދުވެރިކޮށް ކަމަށެވެ.
އޭނާ ވިދާޅުވީ ޕޯޓަލް ފަރުމާކޮށްފައި ހުރި ގޮތުން ވަކިވަކި ކުށްތައް ތަފްސީލުކޮށް އެނގެން ނުހުންނަ ކަމަށެވެ. އަދި ވަރަށް ގިނަ މީހުންގެ މައުލޫމާތު އެޕޯޓަލްގައި ހުންނާތީ އޭގެ ތަފްސީލު ހޯދަން ވަރަށް ބުރަ މަސައްކަތް ކުރަން ޖެހޭނެކަމަށް ވިދާޅުވިއެވެ.
ރައީސް އޮފީހުން މިހެން ވިދާޅުވުމުން އިންފޮމޭޝަން ކޮމިޝަނަރު ވަނީ އެޕޯޓަލް ހިންގަނީ ކޮން ބައެއްތޯ ސާފުކޮށްދޭން އެދިލައްވައިފައެވެ. މި ސުވާލަށް ރައީސް އޮފީހުން ސާފު ޖަވާބެއް ދީފައެއް ނުވެއެވެ.
އެހެންނަމަވެސް އަޤީދާ ފާހަގަކުރެއްވީ 2019 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާއި ހަމައަށް ރައީސް އަދަބު ލުއިކޮށްދެއްވި އަދި މައާފުކޮށްދެއްވި ފަރާތްތަކާއި ގުޅޭ މަޢުލޫމާތަކީ ވަރަށް ގިނަ މައުލޫމާތު ކަމަށެވެ. އެހެންކަމުން އެފަދަ ތަފްސީލެއް ހާމަކުރަން މަޢުލޫމާތު އެއްކުރުމުގެ މަސައްކަތަކީ ދައުލަތުގެ އިދާރާގެ އާއްމު މަސައްކަތް ހުއްޓުމަކަށް އަތުވެދާނެ ފަދަ ކަމަކަށްވުމަކީ އެ މަޢުލޫމާތު ހާމަކުރުމަށް ދެކޮޅު ހެދިދާނެ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
ކުށްވެރިންނަށް މަޢާފުކޮށްދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ކަންކަން ބަލަހައްޓަނީ ކްލެމެންސީ ބޯޑުންނެވެ. އެ ބޯޑަކީ ރައީސް އޮފީހުގައި އޮންނަ ބޯޑެކެވެ. އެހެންކަމުން ކުށްވެރިންގެ ކުށްތަކުގެ ތަފްސީލު ރައީސް އޮފީހުގައި ހުންނާނެކަމަށް ޤަބޫލު ކުރެވެއެވެ.
ޤާނޫނާއި ޙިލާފަތް އަލީ ޒާހިރު ލާރި ނަގައިގެން އެތައް ބަޔަކުގެ ހުކުމަށް ލުއިދީފައިވޭ. އެ މައުލޫމާތު ހިއްސާ ކޮއްފިނަމަ އެބައިމީހުން ފަލީހަތްނެ. އެގޭތީ މި ބުނީ
މިޒަމާނުގަ ތިކަހަލަ ވާހަކަ ދެއްކީމާ އަންނަނީ ހިނި އަދި އަމުދުން ގައުމުގަ ހުރި އެންމެ ޒިންމާދާރު މުއައްސަސާ އިން. ކްލެމެނސީ އިން މާފު ދޭ މީހުންގެ މައުލޫމާތު ހޯމް މިނިސްޓްރީގަ އާ ކަރެކްޝަން ގަ ހުންނާނެ. ރައީސް އޮފީހުގަ އެހާ ގާބިލުކަން ނެތިއްޔާ އެ ދެމުއައްސަސާ އިން ހޯދާ އެތަންތާގަ ހުންނާނެ
މި ސަރުކާރުގައި، މިބޭފުޅުން ކުރައްވާ ހުރިހާކަމަކީ “ބޮޑުސިއްރު” ގެ ގޮތުގައި ބަހައްޓަން ޖެހޭއެއްޗެހި.
ވެރިކަމަށް ތިޔަބޭފުޅުން އައްޔަން ކުރީ ދިވެހި ރައްޔިތުން.. ވީއިރު ދިވެހިރައްޔިތުންނަށް ތިޔަބޭފުޅުން ކުރައްވާ ކަންތައް ހާމަކުރެވެން އަދި އެނގެން ޖެހޭނެ.
ދެން ވިދާޅުނުވާތި މަށަށް ވޯޓުދޭށޭ. ވަރަށް ތިޔަބޭފުޅުންނަށް ވޯޓު ދެވުނީތީ “އަރުތެރޭގައި ވަރަށްބޮޑަށް ހިތިރަހަ” ލައިފި. ދެން ވޯޓްއެއް ނުދޭނަން.
ތިޔަބޭފުޅުން ވިދާޅުވާއެއްޗާ ކަންކުރާގޮތާ އެއްގޮތަކަށްވެސް ދިމާނުވޭ. އަބަދުވެސް ރައްޔިތުން “ގުނބޯ” ހެއްދޭތޯ ބަލަނީ. ވަރަށް ސަލާމް
ަާ ވަރަށް ޒިންމާދާރުކަން ކުޑަ ނާތަހުޒީބު ޖަވާބެއް. މިދެކެވެނީ ޤައުމެއަގެ ރައީސްގެ އޮފީހުގެ ކައްޕަޅި ކަމުގެ ވާހަކަ.