ޚަބަރު ސިޔާސީ

އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި މަސީހު ހަމަޖެއްސި ވާހަކަ ޕީޕީއެމުން ދޮގު ކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް މަސީހު ހަމަޖެއްސި ވާހަކަ އެޕާޓީން ދޮގު ކޮށްފިއެވެ.

Ads by MWSC

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް މިއަދު ވިދާޅުވީ ރައީސް ޔާމިން ނޫން އެހެން އެއްވެސް ފަރާތަކަށް ޓިކެޓް ދިންކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށެވެ.

“އެހެން ކެންޑިޑޭޓްއަކާ ބެހޭގޮތުން އަދި މަޝްވަރާ އެއް ނުކުރެވޭ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން” ތޮލާލް ވިދާޅުވިއެވެ.

ތޮލާލް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް މަސީހު ރިޔާސީ ކެނޑިޑޭޓަކަށް ހަމަޖައްސާ، ރަނިން މޭޓަކަށް ކުރީގެ ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ހަމަޖެއްސުމަށް ރައީސް ޔާމިން ނިންމާފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކުރުމާއި ގުޅިގެންނެވެ.

ރައީސް ޔާމީންގެ ކެނޑިޑެސީ ފޯމުގައި، އެމަނިކުފާނު އިއްޔެ ވަނީ ސޮއި ކުރައްވައިފައެވެ. ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އީސީން ހުޅުވައިލައިފައިވާއިރު، އަންމަ މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު އޮންނާނެއެވެ.

ރައީީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް އޮތް އެންމެ ބޮޑު ހުރަހަކީ، ވ.އާރަށް މައްސަލައިގައި، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެމަނިކުފާނަށް އިއްވައިފައިވާ 11 އަހަރުގެ ޖަލު ޙުކުމެވެ. ރައީސް ޔާމީންގެ ޤާނޫނީ ވަކީލުން ވިދާޅުވަނީ، މި މައްސަލައިގައި ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިގެންފައި ނުވިޔަސް، ރިޔާސީ އިންތިޚާބަށް ވަގުތު އޮއްވައި ރައީީސް ޔާމީނަށް ޤާނޫނީ ފަރުވާ ލިބޭނެ ކަމަށެވެ.

Ads by Allied Insurance
  1. ބާތިލު

    ހާދަ ވަރެކޭ ހުންނަނީ މި ޕީޕީއެމަކާ އަޅުވައިގެން ހީވަނީ ޕީޕީއެމް ނޫނީ އިންތިޚާބަށް ކުރިމަތިލީ އެއްވެސް ޕާޓީއެއްވެސް ނެތްހެން، ޚާއްސަކޮށް ރޔާމީން ނޫނީ ކެންޑިޑޭޓެއްވެސް ނުފެންނަ ހެން، މީހުން ބުނަނީ ހަމަ ތެދެއް، ބެއަސް ނުބެއަސް ނަންވާނީހަމަ ހައިވަކަރު އޮޑި.