އެންބަސީތަކަކީ ސަރުކާރުގެ އާއިލާ މީހުންނަށް ވަޒީފާ ދޭން ހުންނަ ތަނެއްނޫން: އިލްޔާސް

ރާއްޖޭގައި ނުވަތަ ރާއްޖެއިން ބޭރުގައި ހުރި ބޭރު ޤައުމުތަކުގެ އެންބަސީތަކާއި ހައިކޮމިޝަންތަކަކީ ސަރުކާރުގެ ނުވަތަ ރައީސްގެ އާއިލާ މީހުންނަށް ވަޒީފާ ދޭން ހުންނަ ތަނެއް ނޫންކަމަށާއި، އެއީ ދައުލަތުގެ ޚަރަދުގައި ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި މަސައްކަތްކުރުމަށް ހުންނަ ތަނެއްކަމަށް ދަ ޑިމޮކްރަޓްސްގެ ފަރާތުން ރިޔާސީ އިންތިޚާބަށް ވާދަކުރައްވާ އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީ އިން އިންތިޒާމްކޮށްގެން، މި މަހުގެ ނުވަވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ 8 ކެނޑިޑޭޓުންގެ މެދުގައި ބޭއްވި ރިޔާސީ ބަހުސްގައި ޚާރިޖީ ސިޔާސަތާ ގުޅޭގޮތުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އިލްޔާސް ވިދާޅުވީ އެންބަސީތަކުގައި މަސައްކަތްކުރަން ތިބޭ މުވައްޒަފުން، ރާއްޖެއަށް ފައިދާވާނެ އިންވެސްޓްމެންޓް ހޯދަން މަސައްކަތްކުރަން ޖެހޭނެކަމަށާއި، ގެސްޓުހައުސް ވިޔަފާރި ކުރިއަރުވައި ޕްރޮމޯޓުކުރަން މަސައްކަތްކުރަން ޖެހޭނެކަމަށެވެ.
"އެތަނަށް [އެންބަސީ] އަންނާނީ ގެސްޓުހައުސް ހިންގާ މީހުންގެ ގެސްޓުހައުސް ޕްރޮމޯޓުކުރަން، އެމީހުން މަސައްކަތްކުރަންޖެހޭނެ، އެމީހުން ޖެހޭނެ ރާއްޖޭގެ ވިޔަފާރިކުރާ މީހުންނަށް މަގުފަހިވާގޮތަށް ކަންތައްތައް ކުރަން، ވިޔަފާރިވެރިންނަށް ފަހި ފުރުޞަތުތައް ހޯދަން، ޓްރޭޑް ފެއާތައް ބޭއްވޭނެ ގޮތް ހޯދަދޭން"
އިލްޔާސް ވިދާޅުވީ އެޕާޓީގެ ސަރުކާރެއްގައި އަވައްޓެރި ހުރިހާ ޤައުމުތަކާއެކު ބަދަހި ގުޅުމެއް ޤާއިމްކުރާނެކަމަށެވެ.

ސަންގު ބަހުސްއަށް އިލްޔާސް ވަޑައިގަންނަވަނީ, ފޮޓޯ: ސަންގު
ފަރުދީ ތަނަވަސްކަން އިތުރުކުރުން
ރާއްޖޭގެ ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކާއި ގުޅިފައިވަނީ ދެކޮޅު ނުޖެހޭ އާމްދަނީ ކަމުގައި ފާހަގަކުރައްވައި އެކަމަށް އޮތް ހައްލަކީ ޢާންމު ފަރުދުންގެ އާމްދަނީ އިތުރު ކުރުމާއި ގޭބީސީތައް ތަނަވަސްކުރުންކަމުގައި އިލްޔާސް ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑުމެންނަކަށް ނުފެނޭ ފަރުދުންގެ އާމްދަނީ އިތުރުވަމުންދާ ތަނެއް، އެ އިތުރު ކުރަންޖެހޭ، އަޅުގަނޑުމެން އިރާދަކުރެވިއްޔާ ފަރުދުންގެ އާމްދަނީ ފަސް ގުނަ އިތުރުކޮށްދޭނަން، ކޮން ރައްޔިތެއްގެ އާމްދަނީ އިތުރުވެގެން ދިޔައީ، އަޅުގަނޑުމެން މި އަންނަނީ އެކަން ކުރެވޭނެ ކަންކަން ކުރަން" އިލްޔާސް ވިދާޅުވިއެވެ.
އެކަން ކުރެވޭނެ ޕްލޭން ކިޔައިދެއްވަމުން އިލްޔާސް ވިދާޅުވީ އެންމެ ބޮޑު ކަމެއްގެ ގޮތުގައި 75،000 ގެސްޓުހައުސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެޅޭނެ ގޮތް ހައްދަވައިދެއްވުމެވެ. އަދި ވައިގެ ދަތުރުގެ ޓިކެޓުގެ އަގު ތިރިކުރުމާއި، ރިސޯޓު މުވައްޒަފުންގެ މިނިމަން ވޭޖްގެ ފަރަގު ކުޑަކުރުމާއި ސާވިސް ޗާޖު ފުރިހަމައަށް ލިބޭނެ ގޮތް ހެދުމުގެ ވިސްނުން ގެންގުޅުއްވާކަމަށް އިލްޔާސް ވިދާޅުވިއެވެ.
މީގެ އިތުރުން އެޕާޓީގެ "ފަސޭހަ ވިޔަފާރި" ސިޔާސަތުގެ ދަށުން އަލަށް ވިޔަފާރި ފަށަން ބޭނުންވާ ޒުވާނުންނަށް، އަތުގައި ލޯ ލާރިއެއް ނެތަސް، މޯގޭޖްކުރާނެ އެއްޗެއް، އިކުއިޓީއެއް ނެތް ނަމަވެސް، ވިޔަފާރި ޕްރޮޕޯސަލް ހުށަހެޅުމުން ފައިނޭންސް ހަމަޖައްސައިދޭނެކަމަށާއި، މި ސިޔާސަތުގެ ދަށުން ޒުވާނުންނަށް ވަރަށް ގިނަ ފުރުޞަތުތަކެއް ލިބިގެން ދާނެކަމަށް ޤަބޫލުކުރައްވާކަމަށް އިލްޔާސް ވިދާޅުވިއެވެ.
ތިހުރިހާކަމެއް ފެއްޓި މީހަކީ ދަނޑި ޕާޓީގެ ނަސީދު