މިއީ ތިލަދުންމަތީގެ ދަރިޔަކަށް ރާއްޖޭގެ ރައީސްކަން ދޭންވީ ފަހަރު ކަމަށާއި ރާއްޖޭގެ މިނިވަންކަން ދަމަހައްޓައިދޭނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް, ޑރ. މުޙައްމަދު މުޢިއްޒު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހދ. ނޮޅިވަރަމްފަރު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެންޕެއިނަށް މުޢިއްޒާއެކު ނޮޅިވަރަމަށް ވަޑައިގެން ބޭއްވި ޖަލްސާގަިއ ވާހަކަފުޅުދައްކަވަމުން މޮސްޓާ ވިދާޅުވީ ދިވެހި ގައުމު ބަދަލަކަށް ބޭނުންވި ކޮންމެ ވަގުތެއްގައި ވެސް، ސަލާމަތުގެ އައްސޭރިއަށް ގެންގޮސް ދިނީ ތިލަދުންމަތީ ދަރީން ކަމަށެވެ.
އެހެންކަމުން ބައެއްގެ ނުފޫޒުގެ އަތްމައްޗަށް ދާ ހިސާބުގައި އޮތް ދިވެހި ރާއްޖެ ސަލާމަތް ކުރެވޭނީ މުއިއްޒަށް ކަމަށް މޮސްޓާ ވިދާޅުވިއެވެ.
އަދި ރައްޔިތުން އަޑުއަހައި، މަޝްވަރާގެ މަގުން ކުރިޔަށް ދިއުމަށް މި ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށާއި އެހެން ނަމަވެސް މުއިއްޒު ދެއްކެވި ވާހަކައާއި އެކު ދާއިރާއަށް ލިބުނީ އާ އުންމީދުތަކެއް ކަމަށް މޮސްޓާ ވިދާޅުވިއެވެ.
މޮސްޓާ ވިދާޅުވީ ދިވެހި ރާއްޖޭގެ މިނިވަންކަން ކޮންމެ ފަހަރަކު ވެސް ގެއްލިގެންދަނީ އިންޑިއާގެ އަޅުވެތި ކަމަށް ކޮންމެ ވެސް ގޮތަކަށް ގޮސްގެން ކަމަށެެވެ.
"އެކަން ހައްލު ކުރެވޭނީ ތިލަދުންމަތީގެ ދަރިޔަކަށް. ކުރިޔަށް އޮތް ފަސް އަހަރު އައިޑީ ކާޑުގައި އިންޑިއާގެ ދިދަ ނީންނަވަރު ދިވެހި ރައްޔިތުންކޮށްދޭތި” މޮސްޓާ ވިދާޅުވިއެވެ.