ސަރުކާރުގެ ލިޔުންތަކެއް ނައްތާލާކަމަށް ބުނެ މަޖިލީހުގައި މެންބަރުން ކަންބޮޑުވުން ފާޅުކޮށްފި

ވެރިކަން ބަދަލުވުމަށް ކުޑަދުވަސްކޮޅަކަށްވެފައި އޮއްވާ، ސަރުކާރުގެ ކުންފުނިތަކުން ލިޔެކިޔުން ނައްތާލަމުންދާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގައި މިއަދު ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މިއަދުގެ ޖަލްސާގައި ކަންބޮޑުވުން ފާޅުކުރައްވާފައި މިވަނީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ލިޔެކިޔުންތަކެއް ކޮންކްރީޓް މެޝިނަކަށް އަޅައި، ތިލަފުށީގައި ނައްތާލަމުން ދިޔަ މަންޒަރު، އެ ކުންފުނީގެ މުވައްޒަފަކު ރިކޯޑުކޮށް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާތީއެވެ.
އިންތިޚާބުތަކަށް ސަރުކާރުން ނާޖާއިޒު ނުފޫޒާއި ބާރުފޯރުވަމުންދިޔުން ހުއްޓުވުމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސް ކުރައްވަމުން، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވަނީ ވެރިކަން ބަދަލުވާ އިންތިޤާލީ މަރުހަލާގައި ސަރުކާރުގެ އިދާރާތަކުގެ ލިޔުންތައް ނައްތާލުމަކީ ކޮށްގެންވާނެކަމެއް ނޫންކަމަށާއި އިންތިޚާބީ ރައީސްގެ ސަރުކާރަށް ބެލޭނެގޮތަށް ހުރިހާ ލިޔުންތަކެއް ފެންނަން ހުންނަން ވާނެކަމަށް ވިދާޅުވެފައެވެ.
"ސަރުކާރުގެ އެއްވެސް ޑޮކިއުމަންޓެއް ޓްރާންސިޝަނަލް ޕީރިއަޑްގެ ތެރޭގައި ނައްތާލުމަކީ ރަނގަޅު ކަމެއް ނޫން. ނައްތާލައިގެން ވެސް ނުވާނެ" އިލްޔާސް ވިދާޅުވިއެވެ.
ސަރުކާރާއި، ކަރުކާރު ކުންފުނިތަކުގައި ހުންނަ ލިޔެކިޔުންތަކަކީ އަމާނާތްތެރިކަމާއެކު ބަލަހައްޓައި، ރައްކާތެރިކުރަން ޖެހޭނެ ތަކެތިކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.
މިކަމަށް އިޝާރާތްކުރައްވާ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވީ ސަރުކާރު ކުންފުނިތައް ޖަވާބުދާރީކުރުވުމަށް އެކި ގޮތްގޮތުން ސިޓީ ފޮނުވާފައި ހުންނާނެކަމަށާއި ނަމަވެސް ފެންނަނީ އެ ސިޓީތަކަށް ޖަވާބުދާރީ ނުވެ، ކޮންކްރިޓް މެޝިނަކަށް އަޅައި ފެނާއި މިކްސްކޮށް ސިމެންޓި އަޅާއި ގަށާލި މަންޒަރުކަމަށް ބޮންޑޭ ވިދާޅުވިއެވެ.
[caption id="attachment_175964" align="alignnone" width="1024"]<img class="wp-image-175964 size-large" src="https://cdn.dhen.mv/wp-content/uploads/2023/02/052-Bonde-1024x682.jpg" alt="" width="1024" height="682" /> މަޖިލީހުގެ ޖަލްސާއެއްގައި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވާހަކަ ދައްކަވަނީ[/caption]
"މިހާރު އަޅުގަނޑުމެންނަށް މި ސާފުވީ އެ ޖަވާބުދާރީނުވެ އަޅުގަނޑުމެން ފޮނުވި ސިޓިތަކަށްވެސް ޖަވާބުދާރީނުވެ ކޮންކްރިޓް މެޝިނަކަށް އަޅައި ފެނާއި މިކްސްކޮށް ސިމެންޓި އަޅާއި ގަށާލިތަން. މިއީ ޖަވާބުދާރީވާގޮތް..... މިއެއްނޫން ހިސާބު ކިތާބު ބަލަހައްޓަގޮތަކީ" ބޮންޑޭ ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ގޭގައި މަޑުކުރުމަށް އަންގާފައިވަނީ އެ ކުންފުނީގެ މީޓަރު ޓެކްނީޝަން އަޙްމަދު އަނީސްއެވެ. އޭނާއާ ހަވާލުކުރި ޗިޓުގައި ބަލަމުންދާ މައްސަލައަކާ ގުޅިގެން ގޭގައި މަޑުކުރުމަށް އަންގައިފައިވެއެވެ.
މި ވީޑިއޯ ޢާންމުވުމާއެކު ގިނަ ބަޔަކު ދަނީ އެފްއެސްއެމް އަށް ބޮޑެތި ފާޑުކިޔުން އަމާޒުކުރަމުންނެވެ. މި ފާޑުކިޔުންތަކަށް ރައްދުދެއްވައި އެ ކުންފުނިން ވަނީ ވީޑިއޯއިން ފެންނަނީ ގިނަ އަހަރުތަކެއް ވަންދެން ގުދަންކުރެވިފައި ހުރި ލިޔުންތަކެއްކަމަށާއި، އެއީ އެއްވެސް ގޮތަކަށް މިހާރު ބޭނުން ހިފޭ ލިޔުންތަކެއް ނޫންކަމަށް ބުނެފައެވެ.







ކޮމެންޓް