ޕީޕީއެމް/ޕީއެންސީ އަކީ އެއް ސިޔާސީ ފިކުރެއްގެ ދެ ޕާޓީ: ރައީސް ޔާމީން
![](https://dhen.mv/wp-content/uploads/2023/10/379218_3_6b3098bc2986b932aa90fb5c90ffb84cb96e2148_large-850x548.jpg)
ޕީޕީއެމް/ޕީއެންސީ އަކީ އެއް ސިޔާސީ ފިކުރެއްގެ ދެ ޕާޓީކަމަށާއި، ޕީއެންސީގެ ވެރިކަމެއްގައި ޕީޕީއެމްގެ މެންބަރުން އެ ޕާޓީއަށް ބަދަލުވާނެ ނުޖެހޭނެކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ބޭސްފަރުވާއަށް ގެއިން ބޭރަށް ނިކުމެވޭ ގޮތަސް ކަރެކްޝަންސް އިން ދިން ލުޔަށްފަހު، ކޯލިޝަން ޕާޓީތައް ހިންގާ އޮފީހަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުންނެވެ.
"ޕާޓީގެ އެއްވެސް މެންބަރަކު އެހެން ޕާޓީއަކަށް ނުވަތަ ޕީއެންސީއަށް ފޯމުފުރަން ނުޖެހޭ. އެއީ އެއް ފިކުރެއްގެ ދެ ޕާޓީ" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމިން ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރަކީ މަޑުން ނުތިބެ ޕާޓީ ވަރުގަދަ ކުރަން މަސައްކަތްކުރަންޖެހޭ އަހަރުތަކެއްކަމަށް ފާހަގަކުރައްވިފައެވެ. އެގޮތުން ޒުވާނުންނަށް އިސްކަންދީގެން، އެމީހުންނާއި ވާހަކަ ދައްކައި، ކަންބޮޑުވުންތައް ދެނެގަނެ އެކަންކަމުގެ ތެރެއިން އެ ޒުވާނުންގެ ތާއީދު ހޯދުމަށް މަސައްކަތްކުރުމަށް ސަޕޯޓަރުގެ ކިބައިން އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ ނިމުނު ރިޔާސީ އިންތިޚާބުގައި ޑރ. މުޙައްމަދު މުއިއްޒުއަށް އިންތިޚާބު ކާމިޔާބުވީ އެމްޑީޕީގެ ތެރެއިން ބަޔަކު ނިކުމެ ޑިމޮކްރެޓްސް ޕާޓީ އުފައްދައިގެން ސަރުކާރާ ދެކޮޅަށް މަސައްކަތްކުރުމުންކަމަށެވެ. އަދި އެ ޕާޓީން އެކަނި ނިކުމެ ކާމިޔާބުކުރެވޭވަރަށް ޕީޕީއެމް ވަރުގަދަ ކުރަންޖެހޭ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.