އިސްރާއީލު ރަށްވެހިން ރާއްޖެ އެތެރެވުން ހުއްޓުވުމަށް ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި
އިސްރާއީލު ރަށްވެހިން ރާއްޖެ އެތެރެވުން ހުއްޓުވުމަށް ޕެޓިޝަނެއް އެކުލަވާލާ ސޮއިކުރަން ފަށައިފިއެވެ.
މި ޕެޓިޝަނަކީ ރާއްޖޭގައި ހަރަކާތްތެރިވާ ޖަމިއްޔާއެއް ކަމަށްވާ"ރައިޓް މޫވްމަންޓު" އިން އިސްނަގައިގެން އިސްރާއީލުގެ ރައްޔިތުން ރާއްޖެ އެތެރެވުން ހުއްޓުވުމަށް އެދި ހުށަހަޅާ ޕެޓިޝަނެކެވެ.
ރައިޓް މޫވްމަންޓް ޖަމިއްޔާއިން ބުނީ މި ޕެޓިޝަނަކީ ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ ސަރުކާރުން ފަލަސްތީނު ނައްތާލުމަށް ކުރަމުންގެންދާ ލާއިންސާނީ އަމަލުތަކާއި ފަލަސްތީނުގެ ލޮބުވެތި އަހުންނާއި އުހްތުންނާ ދެކޮޅަށް ހިންގަމުންގެންދާ ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް ދިވެހިން ތިބިކަން ހާމަކުރުމުގެ ގޮތުން އިސްރާއީލުގެ ރަށްވެހިން ރާއްޖެ އެތެރެކުރުން ހުއްޓުވުމަށް އެދި ހުށަހަޅާ ޕެޓިޝަނެއް ކަމަށެވެ.
އެގޮތުން މި ޕެޓިޝަންގައި ސޮއި ކުރުމުގެ މަސައްކަތް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ކުރިޔަށް ދާނެ ކަމަށް ރައިޓްމޫވްމަންޓުން ހާމަކުރެއެވެ.
ރައިޓްމޫވްމަންޓުން ބުނީ މި ޕެޓިޝަންގައި ސޮއި ކުރުމުގެ މަސައްކަތުގައި ރަށްރަށުގައި އިސްނަގައި މި ހަރަކާތް އެރަށެއްގައި ހިންގުމަށް ބޭނުންވާ ފަރާތްތަކުން ފޯކަލް ޕޮއިންޓުންގެ ގޮތުގައި ބައިވެރިވުމަށް އެ ޖަމިއްޔާއިން އެދޭ ކަމަށެވެ.
އެ ޖަމިއްޔާއިން ބުނީ މިކަމުގައި އެ ޖަމިއްޔާ އާއެކު މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކުން ރައިޓް މޫވްމަންޓް ޕޭޖު މެދުވެރިކޮށް އެކަމަށް އެދެވޭނެ ކަމަށެވެ.
ރައިޓް މޫވްމަންޓުން ވަނީ މާލޭގައި ޕެޓިޝަންގައި ސޮއިކުރުމަށް ބޭނުންވާ ފަރާތްތަކަށް ކޮންމެ ދުވަހަކުވެސް މާލޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައި ހުރި މޭޒުތަކުގައި އެ އިންތިޒާމު ހަމަޖައްސައިދީފައެވެ.
މި ޕެޓިޝަންގައި ސޮއި ކުރުމުގެ ހަރަކާތްތައް ކުރިޔަށްދާ ވަގުތު ރައިޓް މޫވްމަންޓުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް އެކަމުގެ މަޢުލޫމާތު ހިއްސާކުރަމުން ގެންދާނެއެވެ.
ރައިޓް މޫވްމަންޓަކީ "ފަލަސްތީނާއެކު ދިވެހިން" މި ނަމުގައި 2014 ވަނަ އަހަރު މާލޭގައި 22،000 އަށްވުރެން ގިނަ މީހުންނާއެކު ބޭއްވި ބޮޑު ހިނގާލުން އިންތިޒާމު ކުރި ޓީމުން އިސްނަގައިގެން ކުރިޔަށް ގެންދާ މޫވްމަންޓެކެވެ. ރައިޓް މޫވްމަންޓުން މި މަހުގެ 20 ވަނަ ދުވަހުވެސް ވަނީ މާލޭގައި ބޮޑު ހިނގާލުމެއް ބާއްވާފައެވެ. އެ ހިނގާލުން ކުރިޔަށް ގެންގޮސްފައި ވަނީ ރަސްފަންނުން ފަށައިގެން މަޖީދީ މަގުން ގޮސް ހެންވޭރު ދަނޑަށް ނިންމާފައެވެ. އެހިނގާލުން ނިންމާލާފައި ވަނީ ޚާއްސަ ދުޢާ އަކުންނެވެ.