ރައީސް ނަޝީދުގެ އިތުބާރު ނެތް މައްސަލަ: މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން އީވާ އުޒުރުވެރިވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެޖެންޑާކުރާ ޖަލްސާތަކުގެ ރިޔާސަތު ބަހައްޓަވަން އުޒުރުވެވެރިވަޑައިގަންނަވާ ކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަންގަވައިފިއެވެ.
އީވާ ރޭ މަޖިލީހަށް ފޮނުވި ސިޓީއެއްގައި ވިދާޅުވީ ރައީސް ނަޝީދު މަގާމުން ވަކި ކުރުމުގެ މައްސަލާގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމުމުގެ ކުރިން މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންދިޔުމަށް ރިޔާސަތުގައި އިންނަވަން އޭނާ އުޒުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.
އީވާ ވިދާޅުވީ އެ ކޯޓުން މައްސަލަ ނިންމުމުގެ ކުރިން ވަކި ގޮތެއް އިހްތިޔާރު ކޮށްގެން ކުރިޔަށް ގެންދިޔުމަކީ މަޖިލީހުން މީގެ ކުރިން ވެސް އަމަލު ކުރަމުން އަންނަ ގޮތެއް ނޫން ކަމަށެވެ.
އަދި ސުޕްރީމް ކޯޓުގައި ބަލަމުން ގެންދާ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރުގެ މަސައްކަތް ކުރިޔައަށް ގެންދިޔުމަށް ރިޔާސަތުގައި އިނުމަށް އުޒުރުވެރިވާ ކަމަށް އީވާ ވިދާޅުވިއެވެ.