ޚަބަރު ސިޔާސީ

ފިކުރަކީ ކަސްތޮޅުއަޅުވައި މަރައިލެވޭނެ އެއްޗެއް ނޫން: އަދީބު

އާއިޝަތު ޝައުނާ ، ދެން އޮންލައިން
އެކްސްގައި އަދީބު ޕޯސްޓުކުރެއްވި ފޮޓޯ

ފިކުރަކީ ކަސްތޮޅުއަޅުވައި، މަރައިލެވޭނެ އެއްޗެއް ނޫން ކަމަށް ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

Ads by MWSC

އަދީބު އާއި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ދިގު މުއްދަތުގެ ޖަލު ހުކުމްތަކެއް އިއްވާފައިވާ އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ޒިޔަތަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އިއްޔެވަނީ މައާފުދެއްވައި އެ ދެ ބޭފުޅުންވެސް މިނިވަންކޮށްފިއެވެ.

އެއާއެކު، އަދީބުވަނީ އިއްޔެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ގެ އޮފީހަށް ވަޑައިގަންނަވާފައެވެ. އަދި އެ އޮފީހަށް ވަޑައިގެން ނެގި ފޮޓޯތަކަކާއެކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ، ފިކުރަކީ ޖަލަށް ލެވޭނެ އެއްޗެއް ނޫންކަމަށާއި އެއީ ބޮޑުވެ ފުޅާވެ ފެތުރޭނެ އެއްޗެއް ކަމަށެވެ. އަދި އެންމެ އަނދިރި ކުޑަ ގޮޅިން ފެށިގެން މުޅި ގައުމުގެ އެކި ކަންކޮޅަށް ފިކުރު ފެތުރޭނެ ކަމަށްވެސް އަދީބު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުލި ހުރިހައި ދައުވާއެއް ވެސް ކޯޓުގައި ވަނީ ސާބިތުވެފަ އެވެ. އެމްއެމްޕީއާރުސީ މައްސަލައިގައި އަދީބަށް އުފުލި ދައުވާތަކުގެ ތެރޭގައި ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ފައިދާ ހޯދައިދިނުމުގެ ދައުވާ ހިމެނެއެވެ.

ކުށް ސާބިތުވެ، އަދީބަށް އިއްވީ 20 އަހަރުގެ ޖަލު ހުކުމެއް ނަމަވެސް، ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިމް ޝަމީމް ވިދާޅުވެފައި ވަނީ އަދީބަށް ގިނަ ދައުވާތައް އުފުލޭނެކަމަށެވެ. އަދި އެ ހުރިހައި ކުށެއް ސާބިތުވާ ހާލަތެއްގައި މުޅި ޖުމްލަ ޖަލު އަދަބު 800 އަހަރަށް އަރާނެ ކަމަށެވެ.

މީގެއިތުރުން  އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ ޒިޔަތަކީ ވެސް އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން ޖަލު ހުކުމް ގޭގައި ތަންފީޒު ކުރައްވަމުން އައި ބޭފުޅެކެވެ. ނަމަވެސް ޒިޔަތަށް ވެސް ލުއި ދިނީ، އެމްއެމްޕީއާރްސީ މައްސަލައިގައި 11 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން އަންނަ ރައީސް ޔާމީން ޢަބްދުލްޤައްޔޫމާއި ދެކޮޅަށް ހެކި ބަސް ދިނުމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!